ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އުފެދިގެން އައީ އަދި މިހާރު ހިގަމުންދަނީ ވެސް އަދި ކުރިއަށް އޮތްތަނުގައި ހިގާނީވެސް ހަމަ އެންމެ ބޭނުމަކަށެވެ. ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައެވެ. އެރައްޔިތުންގެ ރައްކާތެރިކަމަށެވެ. ރައްޔިތުންގެ ތަރައްގީއަށްޓަކައެވެ. ވަކިވަކި ފަރުދުންނަށް ފުދުންތެރިކަމެއް ލިބިދެމުން ނުދާތީ ހެޔޮވެރިކަމުގެ ނިޒާމުގެ ތެރެއިން ފުދުންތެރިކަން ހޯދައިދީ، އިންސާނީ ކަރާމާތް ރައްކާތެރި ވެގެންވާ ދީނީ، ޞޯލިހު ދިރިއުޅުމެއް އެރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށެވެ.
އެމް.ޑީ.ޕީއަކީ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީ ކަށަވަރުކޮށްދޭނެ ޕާޓީއެއްކަން ރާއްޖޭގެ ރައްޔިތުން އިޚްލާސްތެރިކަމާއިއެކު ބަލައިގަނެ، ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ނުހަނު ފޮނި އުއްމީދުގައި ކުރެވެމުންދަނިކޮށް، ރާއްޖޭގެ ވެރިކަން މިވަނީ ރައްޔިތުންގެ ބަހެއްނެތި އިންތިޚާބަކާނުލާ ބަދަލުކޮށްފައެވެ. 7 ފެބްރުއަރީ 2012 ވަނަ ދުވަހު ސަރުކާރު ބަދަލުވެގެންދިޔަގޮތާއި ގުޅޭގޮތުން އެމް.ޑީ.ޕީ އިން އިޙްތިޖާޖު ކުރަނީ އެދުވަހުގެ ކަންކަން ހިގާދިޔަގޮތާއިމެދު ރައްޔިތުންގެ ނުރުހުން އިންތިހާއަށް ހުރީތީއެވެ. ވެރިކަން ބަދަލުވެދިޔަގޮތާއި ގުޅޭގޮތުން އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީގެ) ރިޕޯޓު ނެރުމުން، އެކަން ފާހަގަކޮށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން އިޚްލާސްތެރި ކަމާއިއެކު ސަރުކާރާ ވާހަކަ ދެއްކުމަށް ޕާޓީއިން ނުކުތީވެސް ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ.
މިނުކުތާގައި މިޕާޓީއިން އިތުރަށް ކަންބޮޑުވަނީ، 2008 ވަނަ އަހަރު ފަސްއަހަރު ރައްޔިތުން އިންތިޚާބުކުރީ އެމް.ޑީ.ޕީ އިއްތިހާދުގެ ސަރުކާރަކަށްވާއިރު ރައްޔިތުން ނިންމާފައިވާ ގޮތާއި އެއްގޮތަށް ރައްޔިތުންގެ ކަންކަން ނިންމަމުން ނުގެންދާތީއެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް