ފުލުހަކާ ދިމާއަށް ބާޣީއޭ ގޮވިކަމަށް ބުނެ ފޮނަދޫ އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސް އިބްރާހިމް މުޙައްމަދު ހައްޔަރުކޮށްފި
ފިޮނަދޫ: އެމްޑީޕީ ފައިލް ފޮޓޯ

ލ. ފޮނަދޫގައި ހުންނަ އެސްޓީއޯ 134 ނަންބަރު ފިހާރަ ދޮރުމަތިން ދުއްވާފައި ދިޔަ ފުލުސް ވެހިކަލެއްގައި ތިބި ފުލުހުންނަށް ބާޣީއަށް ގޮވިކަމަށް ބުނެ ފޮނަދޫ އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސް އިބްރާހިމް މުޙައްމަދު (ވާޑު) ފުލުހުން ހައްޔަރުކޮށްފި ކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާއިން ބުނެފިއެވެ.

އިއްޔެ ހެނދުނު 9.40 ހާއިރު އެސްޓީއޯ ފިހާރައިގައި ވަޒީފާ އަދާކުރަމުންގެންދާ އިބްރާހިމް މުޙައްމަދު (ވާޑް) އާއި އެތަނުގެ ބައެއް ސްޓާފުން އެސްޓީއޯ ޗެކްޕޯސްޓް ކުރިމަތީ ހުންނަގޭ އަންހެނަކާއި ވާހަކަ ދައްކަން ތިއްބާ އެމަގުން ދުއްވާފައި ދިޔަ ޕޮލިސް ވެހިކަލެއް އެމީހުން ކައިރިޔަށް ގޮސް މަޑުކުރުމަށްފަހު ދެންމެ ބާޣީ އަށް ގޮވިން ނޫންހޭ ވާޑު ކައިރީ އެހުމަށްފަހު ފޮނަދޫ ޕޮލިހަށް ގެންދިޔައީކަމަށް މަންޒަރުދުށް މީހަކު މަޢޫލޫމާތު ދިން ކަމަށާއި، އެހެން ނަމަވެސް ވާޑު އެފަދަ އެއްވެސް ބަހަކުން ފުލުހުންނާ މުޚާޠަބުނުކުރާ ކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އެމްޑީޕީ ފޮނަދޫ ދާއިރާއިން ބުނެއެވެ. އަދި ފުލުހުން އެހެން ދިޔަކަމެއްވެސް ނޭނގޭ ކަމަށާއި ކުއްލިއަކަށް ފެނުނީ ވެހިކަލް އަނބުރާލާފަ އައިސް މަޑުކޮށްލިތަން ކަމަށް ވެސް އެތަނުގައި އެވަގުތު ތިބި މީހުން ބުނެއެވެ.

“ވެހިކަލް މަޑުކޮށްފަ އޭގެއިން ފޭބި ފުލުހުން ވާޑުއާ ދިމާއަށް ބުނީ ދެންމެ ބާޣީ އޭ ކިޔައި ގޮވިންނޫންހޭ. އެހެން ބުނީމަ ވާޑު ބުނީ ނުކިޔަމޭ. ޒުވާބެއްވެސް ނުކުރޭ. ހަމަ އެކަނި ނުކިޔާ ވާހަކަ ބުނީ. އެކަމަކު ވެހިކަލަށް އަރާށޭ ކިޔާފަ ގެންދިޔައީ. އަހަރެންވެސް ފުލުހުން ކައިރީގަ ތިން ފަހަރަށް ބުނިން، ވާޑު ނުކިޔައޭ، ނުގޮވައޭ ބާޣީ އޭ ކިޔާފައެއް.” އެވަގުތު އެތަނުގައި ހުރި ޕީޕީއެމް އަށް ސަޕޯޓްކުރާ ހަފީޒާ ކިޔާ މީހަކު ކިޔައިދިނެވެ. “އެކަމަކު އެމީހުން އަޑެއް ނޭހި. އަދި އަހަރެން ބުނިން ވާޑު ކިތަންމެ އެމްޑީޕީއަސް ކަލޭމެންނަށް (ފުލުހުންނަށް) އެނގޭ ނޫންހޭ އަހަންނަކީ ކިހިނެއް ހުރި މީހެއްކަން. އެކަމަކުވެސް ވާޑު ނުކިޔަންޏާ ބުނެވޭނީ ނުކިޔައޭ ނޫންހޭވެސް ބުނިން.”

އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސަކީ ފޮނަދޫ އެމްޑީޕީ ޙަރަކާތްތައް ހިނގުމުގައި ވަރަށް ހީވާގިކަމާ ފޯރިއާއެކު މަސައްކަތް ކުރަމުން އަންނަ އެކްޓިވިސްޓެއްކަން ފާހަގަ ކުރެވޭ ކަމަށާއި، އަދި އެ ރަށުތެރޭގައި ވާހަކަ ދެކެވޭގޮތުން ފޮނަދޫ އެމްޑީޕީ ޙަރަކާތްތަކުގައި އިސްވެ އުޅޭ ފަރާތްތައް ހައްޔަރުކުރުމަށް ހަދާފައިވާ ލިސްޓެއް ފޮނަދޫ ޕޮލިސް ސްޓޭޝަންގައި އޮންނަކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް މުހައްމަދު (އޯކޭ) ޒާހިރު ވިދާޅުވިއެވެ.

އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހެނދުނު ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ގެންދިޔަގޮތަށް އަދިވެސް ވާޑު ދޫކޮށްލާފައެއް ނުވެއެވެ.