ކޯނީގެ ރިޕޯޓުގައި ބުނެފައިވާ މައްސަލަތައް ބަލައި ނިމެންދެން، އެމްޑީޕީގެ މެމްބަރުންގެ މައްސަލަތަކުގައި ދައުވާކުރުން ފަސްކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

އެމްޑީޕީގެ މެމްބަރުންގެ މައްސަލަތަކުގައި ވަކިވަކިން ދައުވާ ނުކޮށް އެކީއެކައްޗަކަށް ދައުވާތައް ކުރުމަށާއި، ކޯނީގެ ރިޕޯޓުގައި ބުނެފައިވާ މައްސަލަތައް ބަލައި ނިމެންދެން އެ ދައުވާތައް ފަސްކޮށްދިނުމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު މިއަދު އެދިވަޑައިގެންފިއެވެ.

މޫސަ މިކަމަށް އެދިވަޑައިގެންނެވީ މިއަދު މެންދުރުފަހު ޕީޖީ އޮފީހުގައި ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ހަސީން އާއި އަބްދުﷲ ޝާއިރު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމަށް ފަހު ޕީޖީ އޮފީސް ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ފެބްރުއަރީ 7 ގެ ފަހުން އެމްޑީޕީގެ ސުލްހަވެރި އިހްތިޖާޖުތަކުން ހާހަކަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން200 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

ގާނޫނަކުން ނުވަތަ ގަވައިދަކުން ކުރުން މަނާކޮށްފައި ނުވާ ކަންކަން ކުރުމުގެ އިޚްތިޔާރު ދިވެހިރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ އިރު ފުލުހުން މީހުން ހައްޔަރުކުރަމުންދަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ޕީޖީއަށް ދެންނެވި ކަމަށާއި، އެމްޑީޕީގެ ސުލްހަވެރި އިޙްތިޖާޖުތަކުން ހައްޔަރުކުރާ މީހުންނަށް ތަފާތު އެކި ޝަރުތު ކުރާތީ މޫސަ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ކޯޓު އަމުރުގެ ދަށުން ދޫކޮށްލާ ފަރާތްތަކަށް ކޯޓުން ކުރަމުންދާ ޝަރުތުތަކުގެ ތެރޭގައި ދެ މަސް 3 މަސް ވަންދެން ވަކިގަޑިތަކެއްގައި ބޭރުގައި ނޫޅުމަށް ޝަރުތުކުރުމާއި، ވަކި ގަޑިތަކެއްގައި ބޭރަށް ނުކުތުން މަނާކުރުމާއި، ޖަމާއަތް ހަދައިގެން ނޫޅުމާއި، އިޙްތިޖާޖުތަކުގައި ބައިވެރިވުން މަނާކުރުން ފަދަ ޝަރުތުތައް ހިމެނޭ ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުން އެކި މައްސަލަތަކުގައި މާލެ ގެނެސްފައިވާ ފަރާތްތަކަށް ކޯޓުން ދޭން ޖެހޭ އެލެވެންސް ނުލިބުމުގެ ސަބަބުން އެ ފަރާތްތަކަށް މާލޭގައި އުޅުމަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.