އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަސްލަމް ޝާކިރު ހައްޔަރުކުރުން ކުށްވެރިކޮށް އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވާލަން.


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 107
ތާރީޚް: 02 ސެޕްޓެމްބަރ 2012 (އާދީއްތަ)

އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަސްލަމް ޝާކިރު ހައްޔަރުކުރުން ކުށްވެރިކޮށް އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވާލަން.

އެމްޑީޕީން މިމަހުގެ 30ވަނަ ދުވަހު ހަވީރު ކުރިއަށް ގެންދިޔަ ސުލްޙަވެރި ހިނގާލުމުގައި އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަސްލަމް ޝާކިރު ހައްޔަރުކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

30 އޮގަސްޓުގައި މި ޕާޓީއަށް ތާއީދުކުރާ 100 އަށްވުރެ ގިނަ މީހުން ހާލަތާއި ނުބައްދަލު އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ނުކިޔަމަންތެރިކަން ދައްކައި ބަޣާވާތްކުރި ފުލުހުންނާއި ދިމާލަށް ބާޣީ އޭ ގޮވާ ފަރާތްތަކާއި، ފުލުހުން ހިންގާ ލާއިންސާނީ ޖަރީމާ ފޮޓޯ ނަގައި ވީޑިއޯ ކުރަމުންދިޔަ އެތައް ބަޔަކު، “ޖަންގަލީގެ އުސޫލުން” ހަމައެއް ލަމައެއް، އިންސާފެއް ނެތި އެތައް އަނިޔާއެއްކޮށް، ހައްޔަރުކޮށްފައިވާކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަސްލަމް ޝާކިރު ވަނީ އިތުރު 5 ދުވަހުގެ މުއްދަތަށް ޖަލުގައި ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކުރުމުގައި ވެސް ވަކި ބަޔަކަށް އަމާޒުކޮށްގެން ހައްޔަރު ކުރަމުންދާކަން މި ޕާޓީން ފާހަގަކުރަމެވެ. މީގެ ތެރޭގައި ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުން ފެންވަރުން ފެށިގެން އެމްޑީޕީއަށް ވާގިވެރިވާ ފަރާތްތަކާއި، އެމްޑީޕީގެ އާންމު އެތައް މެންބަރުންނެއް ހިމެނޭކަން ފާހަގަކުރަމެވެ.

އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އަސްލަމް ޝާކިރު އާއި، އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް