ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 106
ތާރީޚް: 31 އޮގަސްޓް 2012 (ހުކުރު)
ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރަމުންދާ ފަރާތްތައް އަނިޔާވެރިކަމާ އެކު ހިފައިހައްޔަރުކުރަމުންދާތީ އެކަން ކުއްވެރިކުރުން
އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގެއް ނަމަވެސް، ފެބްރުއަރީ 7 ވަނަ ދުވަހު ނުކިޔަމަންތެރިކަން ދައްކައި، ސިފައިންނާއި ފުލުހުންގެ ގާނޫނާއި ޚިލާފްވެ، ބަޣާވާތްކުރި ފުލުހުންނާ މުޚާތަބުކޮށް ބާޣީ އޭ ގޮވާ ފަރާތްތަކާއި، އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ އިހުތިޖާޖުތަކުގައި ބައިވެރިވެ ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރަމުންދާ ފަރާތްތައް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ހިފައި ހައްޔަރުކުރަމުން ގެންދާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އެގޮތުން އިއްޔެ ހަވީރު އެމްޑީޕީން ކުރަންފެށި އިހުތިޖާޖާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ފުލުހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި މި ޕާޓީގެ އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ ބޭފުޅުންނާއި، 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނޭކަން މި ޕާޓީން ފާހަގަކުރަމެވެ. އަދި މަދުވަގުތުކޮޅެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އިރު، މީހުން ހައްޔަރު ކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ބޭއަދަބީ ބަހުރުވައިން މުޚާޠަބުކޮށް، ފުލުހުން ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައިވާކަން ވެސް މި ޕާޓީން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ.
އެހެން ކަމުން ގާނޫނުތައް ނެގެހެއްޓުމުގެ ޒިންމާއަދާކުރަންޖެހޭ ފަރާތްތަކުން ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށާއި، ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރާ ފަރާތްތައް ހައްޔަރުނުކުރުމަށާއި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ފުލުހުން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށާއި، އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، މިގޮތަށް ގާނޫނާއި ޚިލާފަށް މީހުން ހިފައިހައްޔަކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ފުލުހުންކުރާ މަސައްކަތްތައް ބައްލަވައި ފިޔަވަޅުއަޅުއްވައި ދެއްވުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް