ޚިޔާނާތްތެރިން ހައްޔަރުކުރުމަށް ގޮވާލައި އެމްޑީޕީން ކުރާ ސިލްސިލާ މުޒާހަރާ މިއަދުވެސް ކުރިޔަށް ގެންގޮސްފި

2 ޖުލައި 2010

picture-0561

ދައުލަތުގެ ފައިސާ ޢާއި މުދަލަށް ޚިޔާނާތްރިވެފައިވާ ފަރާތްތައް ހޯދައި، އެފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލުމަށް އެމްޑީޕީން ބުދަ ދުވަހު ކުރަން ފެށި މުޒާހަރާ މިއަދުވެސް ކުރިޔަށް ގެންދިޔައެވެ.
މިއަދު ހަވީރު 4 ޖެހިއިރު ސޯޝަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާގައި ވެސް، އެމްޑީޕީގެ އިސް ވެރިންނާއި، އިސްތިޢުފާ ދެއްވި ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިއެވެ.
އިއްޔެއެކޭ އެއްފަދައިން ސޯޝަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާ ނިންމާލީ، މަޖީދީ މަގުން ގޮސް އޯކިޑް މަގުން ގޮސް ޗާނދަނީ މަގަށް ލަނބާލައި، އަނެއްކާވެސް މަޖީދީ މަގުން ގޮސް އާރޓިފިޝަލް ބީޗަށެވެ.
އާރޓިފިޝަލް ބީޗްގައި މިމުޒާހާރާގެ އިސް ބައިވެރިން ވާހަކަދެއްކެވިއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ރިޝްވަތާ ގުޅުންހުރި މައްސަލަތަކުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހިފާ ހައްޔަރުކުރުމަށް ގޮވާލާފައެވެ. އަދި މިމުޒާހަރާ ނިންމާލުމުގެ ގޮތުން ވާހަކަދެއްކެވި ކުރީގެ ވަޒީރުންނާއި، އެމްޑީޕީގެ އިސްވެރިންނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވަނީ އެބޭފުޅުންގެ ފުރިހަމަ ތާޢީދު ރައީސް ނަޝީދަށް އޮތް ކަމަށާއި، އެބޭފުޅުން އަބަދުވެސް ތިއްބަވާނީ މިސަރުކާރާއި އެކު ކަމަށް ވިދާޅުވެފައެވެ.
މިމުޒާހަރާގައި ބައިވެރިވުމަށް އަތޮޅުތަކުން ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން އައިސްފައިވާ ކަން ފާހަގަކުރެވިފައިވެއެވެ. އަދި ދުވަހެއް ދުވަހަކަށް މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވެ މިމުޒާހަރާ ވަރުގަދަވަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މުޒާހަރާ ބަލަން އެކި މަގުތަކާއި ގޯޅިތަކަށް އެއްވެފައިވާ ފަރާތްތަކުން ވެސް ޚިޔާނާތްތެރިން ހިފާ ހައްޔަރުކޮށް އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅެންދެން މިމުޒާހަރާ ހުއްޓާނުލައި ކުރިޔަށް ގެންދިއުމަށް ހިއްވަރުދެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މިއަދުގެ މުޒާހަރާގެ ބައިވެރިން ވެސް ތިބީ ސަރުކާރަށް ތާޢީދު އޮތްކަން ހާމަކޮށްދޭ ފަދަ ޢިބާރާތްތައް ލިޔެފައިވާ ލިޔުމާއި، މިޤައުމުގައި ޢަދުލުއިންސާފު ޤާއިމްކުރުމަށާއި، މަޖިލިސް މެމްބަރުންނަށް ފައިސާގެ ނުފޫޒު ފޯރުވާ ފަރާތްތަކާއިދެކޮޅު ޝުޢޫރުތައް ލިޔެފައިވާ، ރީނދޫ ކުލައިގެ ބެނަރތަކާއި، ބޯޑުތަކާއި ޤައުމީ ދިދައާއި އެމްޑީޕީގެ ދިދަ ހިފައިގެންނެވެ