17.05 އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވަނީ މަގުމައްޗަށް ނިކުތުމަށް ކަމަށް ވާތީ، އެ މެންބަރުން ޖަލްސާ ބާއްވަމުން ދިޔަ މާލަމުން ނިކުތުމުން އެ މީހުންނާ އެކު ގައުމީ މަޖިލީހުގެ މެންބަރުން ވެސް ނިކުމެއްޖެ. އަދި އެއާއެކު ގައުމީ މަޖިލީހުގެ ޖަލްސާ ވެސް ވަނީ ނިންމާލާފަ
16.35 ގައުމީ މަޖިލީހުގައި މެންބަރުންދަނީ ފޯރިއާއެކު ބަހުސް ކުރަމުން. ކޯނީގެ ޑްރާފޓް ރިޕޯޓް އެކުލަވައިލިއިރު ރައީސް ނަޝީދުގެ މަންދޫބު ގަހާ ސައީދު ބައިވެރިވެވަޑައިގެންފައި ނުވާތީ އާއި ރިޕޯޓް އާންމު ކުރުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވާފައިވާތީ ކޯނީގެ ރިޕޯޓް ފުރިހަމަ ނުވާ ކަމަށާއި އެ ރިޕޯޓް ފުރިހަމަ ވެފައި ނުވަނީ ކަމަށް ބަޔާންކޮށް ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅި.
16.25 އިންތި ވިދާޅުވީ ކޯނީގެ ރިޕޯޓަކީ އެއްވެސް އެއްޗެއް ނޫން ކަމަށާއި، އެއީ ސައިބޯނި ބޮތްކެއް ކަމަށް. އަދި އެއީ ކަނޑައެޅިގެން ބޮޑު ބުހުތާނު ދޮގެއް ކަމަށް ވެސް އިންތި ވިދާޅުވި
.
16.10 އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި
15.50 އެމްޑީޕީގެ ގައުމީ މަޖިލީހުގެ 109 ވަނަ ޖަލްސާ ފަށައިފި
13.55 ގައުމީ ހިންގާ ކޮމިޓީގެ 123 ވަނަ ބައްދަލުވުން ނިންމާލައިފި. މި ބައްދަލުވުން ނިންމަވާލައްވަމުން މިއަދު މެންދުރުފަހު 3 ޖަހާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 109 ވަނަ ބައްދަލުވުން ކުއްލި ޖަލްސާއެއްގެ ގޮތުގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ނިންމާފައިވާކަން މޫސަ އިއުލާން ކުރެއްވި
13.50 މާރިޔާ ހުށަހަޅުއްވައި، ޕީޖީ ލީޑަރު އިބޫ ތާއީދުކުރެއްވި ގަރާރު ވަނީ 22 މެންބަރުންގެ އިއްތިފާގުން ފާސްވެފައި. އެ ގަރާރުގައި ވަނީ ކޯނީގެ ރިޕޯޓުން ފެބްރުއަރީ 7 ގައި ހިންގީ ބަޣާވާތެއް ނޫން ކަމަށް ނިންމުމާއި ގުޅިގެން، އަވަސް އިންތިޚާބެއް (ރިޔާސީ އަދި މަޖިލިސް އިންތިޚާބު) ބޭއްވުމަށް ފެންނަ ކަމަށް އާންމު ވޯޓަކަށް ގޮވާލައި، އެކަން ހާސިލްކުރުމަށް މަސައްކަތްކުރުމަށް. މީގެ އިތުރުން މިއަދު ހަމަ އެ މާލަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތޯރިގު ހުށަހަޅުއްވައި، ސަމީރު ތާއީދުކުރެއްވި ހުށަހެޅުން ވެސް ވަނީ ފާސްވެފައި
13.45 އަހުމަދު އަބްދުﷲ ވިދާޅުވީ ފެބްރުއަރީ 7 ގައި ބާޣީން ކުޅުނު “ފިލްމު” ކޯނީން ހުއްދަކޮށްފައިވާތީ މިހާރު އެ “ފިލްމު” ކުޅެވޭނޭ ކަމަށް
13.35 އިލްޔާސް ލަބީބު ވިދާޅުވީ އެމްޑީޕީ ފުނޑާލަން އަދި ރައީސް ނަޝީދާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ދުވަސް ދުއްވާލަން ބާޣީން މަސައްކަތްކުރާ ކަމަށް އަދި އައްޑޫގައި ހުޅުޖެހީ އެމްޑީޕީ މެންބަރުން ނޫން ކަމަށާއި، އެ އަމަލު ހިންގި މީހުންގެ ފޮޓޯ ބާޣީ ފުލުހުންގެ އަތުގައި ފޮރުވާފައި އެބަހުރިކަން ގައުމީ ފުލުހުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް
13.20 ރައީސް ނަޝީދުގެ ކެބިނެޓްގެ ފޮރިންގ މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ 7 ފެބްރުއަރީގައި ގެނައީ ބަޣާވާތެއް ނޫން ކަމަށް ދެކިވަޑައިނުގަންނަވާނޭ ކަމަށާއި، ވަހީދަކީ ބާޣީއެއް ނޫން ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާނީ އެ ދުވަހު ވަހީދު ރައީސް ނަޝީދުގެ އަރިހުގައި ހުންނެވިނަމަ ކަމަށް. އެހެން ނަމަވެސް އެދުވަހު ވަހީދު އޮންނެވީ ގޭގައި ފިއްލަވައި ކަމަށް ނަސީމް ވިދާޅުވި
13.10 ޝިފާޒް ވިދާޅުވީ މިހާރު ބަލަންވީ މަގުމައްޗަށް ނިކުމެވެން އޮތް ގޮތަކުން ނިކުތުމަށް ކަމަށް ވިދާޅުވި. ޝިފާޒަށް ފަހު ވާހަކަ ދެއްކެވީ ޢަބްދުލްޤަފޫރު މޫސާ
13.04 މިހާރު ވާހަކަދައްކަވަނީ ރިޔާޒް. އޭނާ ގެންދަވަނީ ބަންޑާރަ ކޮށީގައި އެދުވަހު ކަންތައް ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލްކޮށް ވިދާޅުވަމުން. ބާރުގެ ބޭނުން ނުކުރުމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށް ރިޔާޒް ވިދާޅުވި.
13.00 މި ބައްދަލުވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ހާޒިރުވެފައިވާ އިރު، ގިނަ ބަޔަކު ދަނީ މިހާރު ވެސް ދަރުބާރުގޭ ސަރަހައްދަށް އެއްވަމުން
12.55 މިހާރު ވާހަކަދައްކަވަނީ ހަސަން އަފީފް. އިސްތިއުފާ ނުދެއްވައިފި ނަމަ ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާވާނޭ ކަމަށް އެދުވަހު ބާޣިން އިންޒާރުދިން ކަަމަށް އަފީފް ވިދާޅުވި. ރާއްޖޭގައި މިހާރު މިއޮތީ ގަދަ މީހާ ގަދަވެ، ބަލި މީހާ ބަލިވާ އުސޫލުކަމަށް ވިދާޅުވި
12.45 ތޯރިގު ވަނީ ރަށްރަށުން މީހުން މާލެ އައިސް ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުކުރި ފަދައިން ވެރިކަން ބަދަލުކުރުމަށް ގޮވާލާފައި. ތޯރިގަށް ފަހު މިހާރު ވާހަކަދައްކަވަނީ ސަމީރު. ސަމީރު ވިދާޅުވީ ކޯނީގެ ރިޕޯޓުން ހާމަވެގެން ދިޔައީ ރައްޔިތުންނާ މެދު އަނިޔާވެރިވުމަކީ ހުއްދަ ކަމެއް ކަމަށް.
12.38 މިހާރު ވާހަކަދައްކަވަނީ މާރިޔާ ދީދީ. މާރިޔާ ވިދާޅުވީ ފެބްރުއަރީ 7 ގައި ގެނައީ ބަޣާވާތެއް ނޫން ކަމަށް ގަބޫލުކުރެވޭނޭ އެއްވެސް ގޮތެއް ނެތް ކަމަށް
12. 09 ބައްދަލުވުން މެންދުރު ނަމާދު ބަންގިއަށް މެދު ކަނޑާލައިފި
11.50 މިހާރު ވާހަކަދައްކަވަނީ ރައީސް ނަޝީދުގެ ކެބިނެޓްގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް. އެމަނިކުފާނު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ސިފައިންގެ އިސް އޮފިސަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކެއްގެ ބަޔާން ނުހިމަނާ ކަމަށް. އަދި އޭރުގެ ޕޮލިސް ކޮމިޝަނަރު ފަސީހު ވެސް ފެބްރުއަރީ 7 ގައި ގެނައީ ބަޣާވާތެއް ކަމަށް ވިދާޅުވި ކަމަށް. މީގެ އިތުރުން މިހާރުން މިހާރަށް ވެސް މިނިވަންކަން ހޯދުމަށް ނިކުންނަން ވެއްޖެ ކަމަށް އަސްލަމް ވިދާޅުވި، އަދި ގޭގައި ނުތިއްބަވައި މިނިވަން ކަމަށްޓަކައި ނިކުތުމަށް ހަމަ މިހާރު ދަރުބާރުގެއަށް ދިއުމަށް އަސްލަމް ގޮވާލެއްވި
11.47 އެޖެންޑާ ފާސްކޮށްފި. އެޖެންޑާގައި ވަނީ ކޯނީގެ ނިންމުމާ މެދު ގައުމީ ހިންގާ ކޮމިޓީއަށް ފެންނަ ގޮތެއް ބެލުމަށްފަހު އެމްޑީޕީން ދެން ކުރިޔަށްދާނޭ ގޮތެއް ކަނޑައެޅުން
11.45 މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ، މި ކުއްލި ބައްދަލުވުމަކީ ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ކޯނީން ނިންމުމުން އެކަމާމެދު ގައުމީ ހިންގާ ކޮމިޓީއަށް ފެންނަ ގޮތެއް ބެލުމަށްފަހު އެމްޑީޕީން ދެން ކުރިޔަށްދާނޭ ގޮތެއް ކަނޑައެޅުން ކަމަށް
11.40 އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ކުއްލި ބައްދަލުވުން ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ފެށިއްޖެ