އެމްޑީޕީގެ މެންބަރުން ހައްޔަރުކުރަމުން ދާތީ އެކަން ކުށްވެރިކޮށްފި

މާލެ އާއި އަތޮޅުތަކުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ހައްޔަރުކޮށް ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ މިނިވަން ކަމަށް ބަޣާވާތުގެ ސަރުކާރުން ހުރަސްއަޅަމުން ދާތީ އެކަން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް އެމްޑީޕީން މީގެ ކުރިން ވެސް ތަކުރާރުކޮށް ގޮވާލާފައިވީ ނަމަވެސް ބަޣާވާތުގެ ސަރުކާރު ގެނައި ފުލުހުން އެކަމަށްދީފައިވަނީ ބީރު ކަންފަތެކެވެ. އެގޮތުން މީގެ ކުރިން ހައްޔަރުކޮށް ރޭގަނޑު ވަކި ގަޑިއެއްގައި ގެއިން ނުނިކުތުމަށާއި، މުޒާހަރާތަކަށް ނުދިއުން ފަދަ ގާނޫނު އަސާސީ އާއި ޚިލާފް ޝަރުތުތަކެއްކޮށް ބައެއް ފަރާތްތައް ދޫކޮށްލާފައިވާއިރު، ފުލުހުން ދަނީ ކޯނީގެ ރިޕޯޓު ނެރުމާއި ދިމާކޮށް އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުންނެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ނުކިޔަމަންތެރިވި ފުލުހުންނާއި ސިފައިންގެ މަދަދާއި އެކު އިއްތިހާދުން ގެނައި ބަޣާވާތް ދެމެހެއްޓުމަށްޓަކައި، އެ ބަޣާވާތާ ދެކޮޅަށް އަޑުއުފުލާ ފަރާތްތައް ގާނޫނު އަސާސީ އާއި ގާނޫނާއި ގަވައިދާއި ހިލާފަށް ހައްޔަރުކުރަމުންދާތީ އެމްޑީޕީން މީގެ ކުރިން ވެސް ވަނީ އެކި ފަހަރުމަތިން އެކަންކުށްވެރިކޮށްފައެވެ.