އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ބައެއް ނަމަ އޯލްޕާޓީ ޓޯކްސް ގައި އެއްބަސްވުމަކަށް މިފަހަރު އާދެވޭނެ – ރީކޯ މޫސަ
އާސަންދާ ހުއްޓާލުމާ ދެކޮޅަށް އެމްޑީޕީން 31 ޖުލައި ގައި ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިން. ފޮޓޯ: އަންޖު

ބަޣާވާތުގެ ސަރުކާރަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނަކީ ގައުމަށާއި، ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެކު މަސައްކަތްކުރާ ބައެއް ނަމަ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުންތަކުގައި އެއްބަސްވުމަކަށް އާދެވޭނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ބަޣާވާތުގެ ސަރުކާރަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނަކީ މި ގައުމަށާއި، ދިވެހި ރައްޔިތުންނަށް އެއްވެސް އިޚްލާސްތެރިކަމެއް ހުރި ބައެއް ނޫން ކަމަށާއި، ބަޣާވާތުގެ ސަރުކާރަކީ ޤާނޫނީ ސަރުކާރެއްކަން ދެއްކުމަށް ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވާނޭ ކަމަށެވެ.

ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމް ގައި ބަޣާވާތުގެ ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިހާރުގެ ސަރުކާރަކީ ޤާނޫނީ ސަރުކާރެއް ކަމަށް ވިދާޅުވުމުން، އެކަމަށް ރައްދުދެއްވަމުން މޫސަ ވިދާޅުވީ ޤާނޫނީ ސަރުކާރަށް ވާނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސަރުކާރު ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓުން ހޮވި ޤާނޫނީ ސަރުކާރު މިހާރު އޮތް ނަމަ ފެބްރުއަރީ 7 ވަނަ ދުވަހު އިއްތިހާދުގެ ސަރުކާރެއް އުފެއްދި ކަމަށް އިއުލާންކުރެއްވީ ކީއްވެތޯ އާއި، އެމްޑީޕީގެ ކެބިނެޓް މިނިސްޓަރުން ބޭރުކުރީ ކީއްވެތޯ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އޮއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަހީދު ޙަސަން މަނިކަށް މަޖިލީހަށް ބިލް ނުފޮނުއްވެނީ ކީއްވެތޯ މޫސަ ސުވާލު އުފެއްދެވިއެވެ.