ޤާނޫނުއަސާސީ ތަންފީޒު ކުރަމުން އައި އައުމުގައި މިހާތަނަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމާ މިވަގުތު މިވަނީ ދިމާވެފައި ކަމަށާއި، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކީގައި މިވަގުތާ ކުރިމަތިލާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޤާނޫނުއަސާސީ ތަންފީޒު ކުރަމުން އައި އައުމުގައި މިހާތަނަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމާ މިވަގުތު މިވަނީ ދިމާވެފައި ކަމަށާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާ އެކީގައި މިވަގުތާ ކުރިމަތިލާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވާ މައްސަލައިގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން، އެބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިޢުފާ ދެއްވި މައްސަލައިގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެބޭފުޅުން އިސްތިޢުފާ ދެއްވީ، އެބޭފުޅުންގެ މަސައްކަތްޕުޅަށް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅުއްވާތީ، އެބޭފުޅުންނަށް އެބޭފުޅުންގެ މަސައްކަތްޕުޅު ކުރެއްވެން ނެތިގެން ކަމުގައި ވިދާޅުވިއެވެ. ޙަޤީޤަތުގައި، ވަޒީރު ބޭފުޅުންގެ ޝަކުވާއަކީ، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައިދޭ ވޯޓު ބިނާވެފައި އޮންނަނީ، މެންބަރެއްގެ ޚިޔާލާތާއި ފިކުރަށް ނުވަތަ ތަބަޢަވެފައިވާ ޕާޓީގެ ފިކުރަށް ނޫންކަމަށްވެ، އެވޯޓު ދިނުން ބިނާވެފައި އޮންނަނީ، ރިޝްވަތުގެ ހުތުރު ޢަމަލުގެ ތެރޭގައި ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްގޮތަކަށްވެސް ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށާއި، އެހެންވީމާ، މި ޝަކުވާގައި ވަޒީރުން އިސްތިޢުފާ ދެއްވީމާ، މި މައްސަލަ ބައްލަވަން މަޖުބޫރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިމައްސަލަ މިހާރުވަނީ ބައްލަވަން ފަށްޓަވާފައި ކަމަށާއި، އެކަންކަމާ ގުޅިގެން ހައްޔަރު ކުރައްވަންޖެހޭ މީހުން ހައްޔަރު ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މިއޮތް ޤާނޫނުއަސާސީ ދެމެހެއްޓުމަށް ކުރަންހުރި ހުރިހާ މަސައްކަތެއްކޮށް، މި އުންމީދުކުރާ ތަރައްޤީ ހޯދަން އެބަޖެހޭ ކަމަށާއި، އެ ތަރައްޤީ ހޯދަން މިޖެހެނީ އަޅުގަނޑުމެންނަށްޓަކައި އެކަންޏެއް ނޫން ކަމަށާއި، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކަމުގައި ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށްދޮށީ ރާއްޖެއެއް. މި ރާއްޖެ ނުދެކޭ ތަނެއް، ޙަޤީޤަތުގައި ވަރަށް މަދުވާނެ. އަޅުގަނޑުމެން ތަޖްރިބާ ނުކުރާ ކަންކަން ހުރެދާނެ. އެހެން ނަމަވެސް، މި ރާއްޖެ ނުދެކޭ ޙާލަތުތައް ވަރަށް މަދުވާނެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ވިސްނާ ވިސްނުމެއްވެސް، ހިންގާ ފިކުރެއްވެސް އަދި ކުރާ ކަމެއްވެސް، ޙަޤީޤަތުގައި ބިނާވެފައި އޮންނަންޖެހޭނީ، މިވޭތުވެދިޔަ މި ރާއްޖޭގެ މުޅި ޙަޔާތް އެއީ އަޅުގަނޑުމެންނަށް ހޯދެންހުރި ތަޖްރިބާ ކަމަށް ދެކިގެން، މުސްތަޤްބަލަށް، ކުރިމަގަށް މިންއަޅައިގެން، އަޅުގަނޑުމެން ވިސްނައިގެން ކުރާ ކަންތައްތަކެއް ކުރުމަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.