ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ފައިސާގެ ނުފޫޒްފޯރުވުމާ ދެކޮޅަށް އެމްޑީޕީން ކުރާ ސިލްސިލާ މުޒާހަރާ މިއަދުވެސް ކުރިޔަށް ގެންގޮސްފި

1 ޖުލައި 2010

picture-0511

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ފައިސާގެ ނުފޫޒްފޯރުވާތީ އެފަދަ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި، އެކަމާއި ދެކޮޅު ހެދުމުގެގޮތުން އެމްޑީޕީން އިއްޔެ ކުރަން ފެށި މުޒާހަރާ މިއަދުވެސް ކުރިޔަށް ގެންދިޔައެވެ.
މިއަދު ހަވީރު 4 ޖެހިއިރު ސޯޝަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާގައި، އެމްޑީޕީގެ އިސް ވެރިންނާއި، ވަޒީރުންގެ މަޖިލީހުން އިސްތިޢުފާ ދެއްވި ބައެއް ވަޒީރުންނާއި، އެމްޑީޕީގެ މެންބަރުން ބައިވެރިވިއެވެ.
އިއްޔެއެކޭ އެއްފަދައިން ސޯޝަލް ސެންޓަރު ކައިރިން ފެށި މިމުޒާހަރާ ނިންމާލީ، މަޖީދީ މަގުން ގޮސް އޯކިޑް މަގުން ގޮސް ޗާނދަނީ މަގަށް ލަނބާލައި، އަނެއްކާވެސް މަޖީދީ މަގުން ގޮސް އާރޓިފިޝަލް ބީޗަށެވެ.
އާރޓިފިޝަލް ބީޗްގައި މިމުޒާހާރާގެ އިސް ބައިވެރިން ވާހަކަދެއްކެވިއެވެ.
މިއަދުގެ މުޒާހަރާގެ ބައިވެރިން ތިބީ ސަރުކާރަށް ތާޢީދު އޮތްކަން ހާމަކޮށްދޭ ފަދަ ޢިބާރާތްތައް ލިޔެފައިވާ ލިޔުމާއި، މިޤައުމުގައި ޢަދުލުއިންސާފު ޤާއިމްކުރުމަށާއި، މަޖިލިސް މެމްބަރުންނަށް ފައިސާގެ ނުފޫޒު ފޯރުވާ ފަރާތްތަކާއިދެކޮޅު ޝުޢޫރުތައް ލިޔެފައިވާ، ރީނދޫ ކުލައިގެ ބެނަރތަކާއި، ބޯޑުތައް ހިފައިގެންނެވެ
މުޒާހަރާގެ ބައިވެރިން ވަނީ ރިޝްވަތާ ގުޅުންހުރި މައްސަލަތަކުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހިފާ ހައްޔަރުކުރުމަށް ގޮވާލާފައެވެ. އަދި މިމުޒާހަރާ ނިންމާލުމުގެ ގޮތުން ވާހަކަދެއްކެވި ކުރީގެ ވަޒީރުންނާއި، އެމްޑީޕީގެ އިސްވެރިންނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވަނީ އެބޭފުޅުންގެ ފުރިހަމަ ތާޢީދު ރައީސް ނަޝީދަށް އޮތް ކަމަށާއި، އެބޭފުޅުން އަބަދުވެސް ތިއްބަވާނީ މިސަރުކާރާއި އެކު ކަމަށް ވިދާޅުވެފައެވެ.
މިމުޒާހަރާގައި ބައިވެރިވުމަށް އަތޮޅުތަކުން ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުން އައިސްފައިވާ ކަން ފާހަގަކުރެވިފައިވެއެވެ.