ސިފައިންގެ ތެރެއިން ހޮވާލެވޭ ވަކި ބަޔަކަށް ހުޅުމާލެއިން މިލްކުވާ ގޮތައް ފްލެޓް ދޭންކުރާ މަސައްކަތް ބަލައި ދިނުމަށް އެދި އެންޓި ކަރަޕްޝަން ކޮމިޝަނަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް އެމް.ޑީ.ޕީގެ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ހުށަހެޅުން.

ސިފައިންގެ ތެރެއިން ހޮވާލެވޭ ވަކި ބަޔަކަށް ހުޅުމާލެއިން މިލްކުވާ ގޮތައް ފްލެޓް ދޭނެ ކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވެ އެކަން ކުރައްވަމުން ގެންދަވާތީ އެމައްސަލަ އެމް.ޑީ.ޕީގެ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) އެންޓިކޮރަޕްޝަން ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

އިބްރާހީމް ރަޝީދު އޭސީސީއަށް ހުށަހެޅި މައްސަލައިގާ ކޮރަޕްޝަންގެ އަމަލަކީ ހަމައެކަނި ފައިސާއިން ވައްކަން ކުރުމެއް ނޫންކަމަށާއި، ހަމަ އެފަދައިން އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ތިމާގެ ބާރާއި ނުޒޫފުގެ ބޭނުން ކުރުމަކީވެސް ކޮރަޕްޝަނުގެ އަމަލަކަށްވާއިރު މިފަދަ އެތައް އަމަލުތަކެއް އެތައް ފަރާތަކުން ހިންގަމުންދާއިރު އޭސީސީން ޤާނޫނު ޙިމާޔަތް ކުރެއްވުމަށް މަސައްކަތް ނުކުރައްވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ކޮންމެ މައްސަލައަކީ ރައްޔިތު މީހާ ކޮމިޝަނަށް ހުށަހަޅަން ޖެހޭ މައްސަލައެއްގެ ބަދަލުގައި ކޮމިޝަނުގެ ޤާނޫނުގައި ބުނެފައިވާ ފަދައިން ކޮމިޝަނުން އަމިއްލައަށް މިފަދަ އަމަލުތަކުގެ ތެރެއަށް ވަދެ އެ މައްސަލަތައް ބެލުމަށް އެދިވަޑައިގެންފައިވެއެވެ.

އިބްރާހީމް ރަޝީދު އޭސީސީއަށް ހުށަހެޅި މައްސަލައިގާ ހުޅުމާލޭގައި އަޅަމުންދާ 1000 ފްލެޓްގެ ތެރެއިން 50 ފްލެޓް ރައްޔިތުންގެ އަތުން ނަގައި ސިފައިންގެ މުޢައްސަސާއަށް ދިނުމަށް ނިންމާފައިވާއިރު، ސިފައިންނަށް ބޯހިޔާވަހިކަން ފޯރުވައި ދިނުމަށް މިހާރުވެސް ވަކި ސަރަހައްދުތަކެއްގައި ފްލެޓް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، މިގޮތަށް ޢަމަލުކުރުމުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްގުތަކެއް ރައްޔިތުންގެ އަތުން ނިގުޅައިގެނެވެމުންދާކަމަށާއި، މިކަންތަކަކީ ކޮރަޕްޝަންގެ ޢަމަލުތަކެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ، މިއަދު ސިފައިން ރުއްސުމަށް ފްލެޓް ދޭން ނިންމާއިރު، މާދަމާ ފުލުހުންނާއި، ކަސްޓަމާއި އަދި އެހެނިހެން ވެސް މިނިވަން މުއައްސަސާތަކަށް ދޭންޖެހޭ ފްލެޓްތައް މަދުނުވާނޭކަމަށާއި މިފަދަ ކަންތަކަކީ، ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ރައްޔިތުންގެ ޙައްޤުތަކަށް އަރަގަތުން ކަމަށް ދެކެވަޑައިގަންނަވާތީ ވީ އެންމެ އަވަހަކަށް އެމައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ހިއުމަންރައިޓްސް ކޮމިޝަނަށް މިމައްސަލަ ހުށަހަޅަމުން މިހާރު ސަރުކާރުގެ މަޤާމްތަކުގައި ތިއްބެވި އިސްފަރާތްތައް ރައްޔިތުންގެ އަތުން ރައްޔިތުންގެ ވެރިކަން ފޭރިގަތުމަށްފަހު އެކިފަހަރު މަތިން އެކި ގޮތްގޮތުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދާކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ގާނޫނު އަސާސީން ސަރުކާރުން ފޯރުކޮށްދިނުމަށް ލާޒިމްކުރާ ބޯހިޔާވަހިކަމުގެ ހައްގަށް މިސަރުކާރުން ވަނީ އަރައިގެންފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އޭސީސީއަށް ހުށަހެޅި މައްސަލާގައިވެސް ވާ ފަދައިން އެޗް.އާރް.ސީ.އެމްއަށް ހުށަހެޅި މައްސަލައިގާވެސް އެދިފައިވަނީ މި ފްލެޓްތައް ރައްޔިތުންނަށް ލިބިދެވޭނެ ގޮތް ހައްދަވައިދެއްވުމަށެވެ.