ކޯނީގެ މެމްބަރު އަލްފާޟިލް އަހްމަދު ސަޢީދު ޙިއްސާ ކުރެއްވި ވާހަކަ ކޮޅާއިމެދު މި ޕާޓީން ކަންބޮޑުވުން ފާޅުކުރުން

ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު އެކުލަވާލާފައިވާ ކޮމިޝަން އޮފް ނެޝަނަލް އެންކުއަރީއަށް ރަޢީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ފަރާތްފުޅުން ކަނޑައެޅުއްވި މެމްބަރު އަލްފާޟިލް މުޙައްމަދު ސަޢީދު (ގަހާ ސަޢީދު) މިއަދު ނޫސްވެރިންނާއި ޙިއްސާ ކުރެއްވި ވާހަކަކޮޅާއި ގުޅިގެން އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޯނީން ޑްރާފްޓްކޮށްފައިވާ ރިޕޯޓާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެގޮތުން ގަހާ ސަޢީދު މީޑިޔާއަށް ދެއްވި އިންޓަވިއުއާއި މިއަދު ބޭއްވެވި އެމް.ޑީ.ޕީގެ ކުއްލި ޤަޢުމީ މަޖިލީހަށް ވަނީ މިކަމާއި މެދު ކަންބޮޑުވުންފާޅުކޮށް ޤަރާރެއް ހުށަހަޅުއްވާފައެވެ. ޤަޢުމީ މަޖިލީހުގެ މެމްބަރު މުޙައްމަދު ޝިޙާބް ހުށަހަޅުއްވައި، ޤަޢުމީ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މާރިޔާ އަޙްމަދު ދީދީ ތާޢީދުކުރެއްވި މި ޤަރާރުގައި ވަނީ، ކޯނީން ޑްރާފްޓްކޮށްފައިވާ ރިޕޯޓާއި ގުޅިގެން ރައީސް ނަޝީދުގެ ފަރާތްފުޅުން ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެމްބަރު އަލްފާޟިލް އަޙްމަދު ސަޢީދު ރައްޔިތުންނާއި ޙިއްސާ ކުރެއްވި ކަންކަމާއި މެދު ޕާޓީން ކަންބޮޑުވާ ކަމަށާއި، ކޯނީގެ ރިޕޯޓް ނުކުންނާނީ ކޮމަންވެލްތް އާއި މުޙައްމަދު ވަޙީދު ހަސަން މަނިކު އެއްބަސްވި އެއްބަސްވުމާއި އެއްގޮތަށް ހުރިހާކަމެއް ބެލިގެން ކަމަށް އުންމީދުކުރާ ކަމަށެވެ.

ކޯނީން ޑްރާފްޓްކޮށްފައިވާ ރިޕޯޓާއި ގުޅިގެން މިއަދު މަޢުލޫމާތުދެއްވަމުން ގަހާ ސަޢީދު ވިދާޅުވީ، އެ ރިޕޯޓް ޑްރާފްޓްކޮށްފައި ވަނީ، ކޮމިޝަނަށް ހެކި ބަސްދިން އެތައް ބަޔެއްގެ ހެކިބަހަށާއި، ލޯކުރިމައްޗަށް ފެންނަން ހުރި މަންޒަރުތަކަށް ބެލުމެއް ނެތިކަމަށެވެ.