ކޯނީ ގެ ރިޕޯޓް ހާމަކުރާ ދުވަހާގުޅިގެން ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ފުލުހުން މާލެ ބިރުވެރި، ނާމާން ތަނަކަށް ހެދުމަށް ތައްޔާރީތައް ވަމުންދާކަމުގެ ވާހަކަ ފަތުރަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ހަރުއަޑުން ގޮވާލުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 102
ތާރީޚް: 23 އޮގަސްޓް 2012 (ބުރާސްފަތި)

ކޯނީ ގެ ރިޕޯޓް ހާމަކުރާ ދުވަހާގުޅިގެން ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ފުލުހުން މާލެ ބިރުވެރި، ނާމާން ތަނަކަށް ހެދުމަށް ތައްޔާރީތައް ވަމުންދާކަމުގެ ވާހަކަ ފަތުރަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ހަރުއަޑުން ގޮވާލުން.

ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓް ހާމަކުރާ ދުވަހާގުޅިގެން ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ފުލުހުން މާލެ ބިރުވެރި، ނާމާން ތަނަކަށް ހެދުމަށް ތައްޔާރީތައް ވަމުންދާކަމުގެ ވާހަކަ ފެތުރުމަށް މެދުވެރިވާކަމީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމަކަށްވާތީ، އެކަން އެގޮތަށް ނުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ހަރުއަޑުން ގޮވާލަމެވެ.

މިދެންނެވި ދުވަހާ ގުޅިގެން، ބަޣާވާތަކުން ގެނައި ވެރިކަން ކޮންމެ ގޮތަކުން ވިޔަސް ދިފާއުކުރުމަށްޓަކައި، ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ފުލުހުން މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ސުންނާފަތިކޮށް މާލެއަށް ބިރުވެރިކަމާއި ނާމާންކަން ގެނައުމަށް ތައްޔާރީތައް ވަމުންދާކަމުގެ ވާހަކަ ފަތުރަމުންދެއެވެ. އަދި އެގޮތަށް އެވާހަކަ ފެތުރެމުންދަނީ އެކަމުގައި އަސްލެއް އޮވެގެންކަމަށް ބެލެވޭތީއާއި އަދި އެގޮތަށް އެވާހަކަ ފަތުރަނީ ވެސް ނުކިޔަމަންތެރިކަން ދެއްކި ފުލުހުންކަމަށް ޤަބޫލުކުރެވެއެވެ.

މި ބާވަތުގެ ކަންކަން މިގޮތަށް ކުރުމީ ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ގެއްލުން ލިބޭނޭ ކަމަކަށް ވާތީ، އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ފުލުހުންގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ފުލުހުންނަށް މި ޕާޓީން އިލްތިމާސްކުރަމެވެ. އަދި ހަމަ މި ދަނޑިވަޅުގައި މި ޕާޓީގެ ފަރާތުން ގައުމީ ފުލުހުންނާއި ގައުމީ ސިފައިންގެ ކިބައިން އެދެނީ ބައެއް ފުލުހުންގެ މި ނުރަގަޅު ކަންކަމާއި ގުޅޭ ގޮތުން ގާތުން ބަލަމުން ދިއުމަށެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް