ރައީސް ނަޝީދު ރާއްޖެޓީވީ ފިޔަވައި އެހެން މީޑިއާތައް އެއްފަރާތްކުރައްވައި އިންޓަރވިޔުދެއްވިކަމަށް އެމް.ޖޭ.އޭ. އިން ބުނި ބުނުން ކުށްވެރިކުރުން
ރައީސް މުޙައްމަދު ނަޝީދު އެންމެ ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަތްރޭ، އެހެން މީޑިއާތައް އެއްފަރާތްކުރައްވައި، ހަމައެކަނި ރާއްޖެ ޓީވީ އެއަރ ޕޯރޓަށް ގެންދަވައި އިންޓަރވިއު ދެއްވިކަމަށް ބުނެ މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝް (އެމް.ޖޭ.އޭ) އިން ޙަޤީޤަތާ ޚިލާފު ވާހަކަ ހާމަކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން ކުށްވެރިކުރަމެވެ.
ރައީސް މުޙައްމަދު ނަޝީދު އެންމެ ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކީ އެމަނިކުފާނުގެ އަމިއްލަފުޅު ދަތުރުފުޅެކެވެ. އަދި އެމަނިކުފާނު އެނބުރި ވަޑައިގަތް ވަގުތު އެކަމުގެ މީޑިއާ ކަވަރޭޖެއް ނުވަތަ ނޫސްކޮންފަރެންސެއް ނުވަތަ އިންޓަރވިއުއެއް ދެއްވުން ބޭއްވުމަކަށް ހަމަޖެހިފައި ވެސް ނުވެއެވެ. އެހެންކަމުން މީޑިއާގެ ވަކި ފަރާތްތަކެއް އެއްފަރާތްކުރައްވަން ޖެހިވަޑައިގަންނަވާނެ ސަބަބެއް ވެސް ނެތެވެ. އަދި މިހާރު މިއޮތް ސަރުކާރާއި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭނެކަމާއި ރައްކާތެރިކަން ނުދޭނޭކަމަށް ބުނެފައިވާ ޤާނޫނާ ޚިލާފު ބުނުންތަކާއި އަމަލުތަކާ ޚިލާފަށް، ރައީސް ނަޝީދާއި އެމް.ޑީ.ޕީ. ގެ އުސޫލުތަކަކީ އެއެއް ނޫނެވެ. .އެމް.ޑީ.ޕީ އަކީ ހުޅުވިގެންވާ އަދި އަބަދުވެސް މީޑިއާއަށް މަރުޙަބާ ކިއާ އަދި މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ޕާރޓީއެކެވެ.
އެމް.ޑީ.ޕީ އާއި މި ޕާރޓީގެ އެންމެ އިސް ލީޑަރަށް ނިސްބަތްވާގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަ ސިޔާސީ ބޭނުމެއް ފުއްދުމަށްޓަކައި އެމް.ޖޭ.އޭ އިން ހާމަކޮށްފައިވާއިރު، ޙަޤީޤަތުގައި ވަކި މީޑިއާ އަކަށް އެއްގޮތަކަށް ވެސް އެއްބާރުލުން ނުދޭ ސިޔާސީ ޕާރޓީތަކުގެ ވާހަކަ އެމް.ޖޭ.އޭ އިން ފާހަގަކޮށްފައި ނުވާތީ ހިތާމަކުރަމެވެ. މިގޮތުން މިހާރު ވެރިކަމުގައި އޮތް އިއްތިހާދުގެ ތެރެއިން އެންމެ ސިޔާސީ ޕާރޓީ އެއް ފިޔަވައި ދެންހުރިހާ ޕާރޓީތަކަކުން ރާއްޖެ ޓީވީ ބޮއިކޮޓް ކޮށްފައިވާކަން އެމް.ޖޭ.އޭ އިން ފާހަގަކޮށްފައިނުވެއެވެ. އަދި ވަކިން ޚާއްސަކޮށް މިހާރު މިއޮތް ސަރުކާރާއި ފުލުހުންގެ ފަރާތުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭނޭކަމާއި ރައްކާތެރިކަން ނުދޭނޭކަމަށް ބުނެފައިވާ ބިރުހުރި އަދި ނުރައްކާތެރި ޤާނޫނާ ޚިލާފު ވާހަކައިގެ ސީރިއަސް ކަން އެމް.ޖޭ.އޭ އަށް ވަޒަންކުރެވިފައި ނުވާކަން ވެސް ފާހަގަކުރަމެވެ.
އެމް.ޖޭ.އޭ ގެ ނޫސްބަޔާނުގައި އެގޮތަށް ބުނެފައިވާއިރު، ރަޢިސް ނަޝީދަކީ މިޤައުމު ދުއް އެންމެ މީޑިއާ ރަޙުމަތްތެރި ސިޔާސީ ލީޑަރެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެއްކޮށް ނިގުޅައިގަނެފައިވާ ޤައުމެއްގެ ގޮތުގައި މި ޤައުމު އޮއްވައި، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންމުގެ މުހިއްމުކަން އޭރުވެސް އެންމެ ރަނގަޅަށް ދެނެވަޑއިގެން އެކަމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވައި އެ މިނިވަންކަން ހޯއްދަވައިދެއްވި އެންމެ ނަންހުރި ޝަހުސިއްޔަތެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި “ރިޕޯރޓާސް ވިތައުޓް ބޯރޑަރސް” އާއި “ފްރީޑަމް ހައުސް” ފަދަ ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ބައިނަލް އަގުވާމީ ބޮޑެތި ޖަމިއްޔާތަކުން ބަލާ މިންގަނޑުން ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދެވިފައިވާ މިންވަރު އެތައް ދަރަޖައަކުން ރާއްޖެ ކުރިހޯދާފައިވާކަން އެ ޖަމިއްޔާތަކުން ވަނީ އޭރު ފާހަގަކޮށްފައެވެ. މީގެ އިތުރުން ނޫސްވެރިންނަށް ބިރުދެއްކުމަށްޓަކައި ޖިނާއީ އަދަބު ދެމުން ދިއަ ސަގާފަތަކުން މަދަނީ އަދަބަކަށް ބަދަލުކުރެއްވީ ވެސް އެމަނިކުފާނުގެ ވެރިކަމުގައެވެ.
އެހެންކަމުން ޒިންމާދާރުގޮތަށް މަސައްކަތްކުރުމަށް އެމް.ޖޭ.އޭ އަށް އިލްތިމާސްކުރަމެވެ.