ތަހުނިޔާ ދެންނެވުން: ފިޠުރު ޢީދުގެ މުނާސަބަތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ނެރުއްވާ ޚިޠާބު

ޢީދު ތަހުނިޔާ

ޙަޔާތުގެ ޢާންމު ތަރުތީބާއި، ހަވާ ނަފްސުގެ އެތަކެއް އެދުންތައް ޤުރުބާންކޮށް، އަޅުގަނޑުމެން ހިފި ރޯދަ ޤަބޫލު ކުރައްވައި، މަތިވެރި ރަޙުމަތާއި ސަވާބުން، އެންމެހާ މުސްލިމުންގެ މުރާދު ޙާޞިލު ކުރައްވާށިއެވެ. އަދި ޒަކާތުގެ ދީލަތި ކަމުން އަޅުތަކުންގެ މައްޗަށް ދީލަތިވެ ވޮޑިގަންނަވާށިއެވެ. ފުރިހަމަ ރޯދަމަހެއްގެ ނިޢުމަތަށް ފަހު އައި އުފާވެރި ޢީދާ ކުރިމަތިލާ ހިނދު، ރާއްޖެއާ ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމުންނާއި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިޚުލާޞްތެރި ތަހުނިޔާ ދަންނަވަމެވެ.

އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރައްވައި، ހެޔޮ ޢަމަލުތަކުގައި ފައިތިލަތައް ސާބިތު ކުރައްވައި، ނަޞީބާއި ނަޞްރުގެ ބާއްޖަވެރިކަން މުޅި އުންމަތަށް ޢާންމު ކުރައްވާށިއެވެ.

18 އޯގަސްޓް 2012
30 ރަމަޟާން 1433

މުޙަންމަދު ނަޝީދު