ތަހުނިޔާ ދެންނެވުން: ފިޠުރު ޢީދުގެ މުނާސަބަތުގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ނެރުއްވާ ޚިޠާބު

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާޞަބަތުގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ދެ ކަނބަލުންނަށާއި، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށާއި އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ.

އަޅުގަނޑުގެ އުއްމީދަކީ މާތްކަމާއި، ބަރަކާތްތެރިކަމުން ފުރިގެންވާ ރަމަޟާން މަހަށް ފަހު މި އައި ޢީދަކީ އެންމެހާ މުސްލިމުންނަށް އުފާފާގަތިކަން ގެނެސްދޭނޭ ޢީދަކަށް ވުމެވެ. އަދި އެހެން ފިޠުރު ޢީދުތަކާއި ޚިލާފަށް ދިގު ޗުއްޓީއެއް ލިބޭ މި ބަރަކާތްތެރި ޢީދަކީ ޢާއިލާތަކާއި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އަޅުގަނޑުމެންގެ މެދުގައި އިހުއޮތް އަޚުވަންތަކަމުގެ ގުޅުން އާވެ އާލާވެގެން ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ވުމެވެ.

މާތް ﷲ ރާއްޖެ ތިޔާގިކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާ އުފާވެރި މާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް ދުޢާއެވެ.

މާތް ﷲ މި ޢީދުގެ ދުވަސްތައް ހިތްހަމަޖެހުމާއި އުފާފާގަތިކަމުގެ ދުވަސްތަކެއް ކަމުގައި މިންވަރު ކުރައްވާށިއެވެ ! އަދި މި ޢީދުގެ ބަންދުގެ ދުވަސްތައް ހެޔޮގޮތުގައި ހިފުމުގެ ނަޞީބު އެންމެހާ މުސްލިމުންނަށް މިންވަރުކުރައްވާށިއެވެ!

އާމީން


މޫސާ މަނިކު
ޗެއަރޕާސަން