ހިއުމަންރައިޓްސް ކޮމިޝަނުން ހިންގާ ތަހުގީގުތައް ކުރިޔަށް ގެންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 98
ތާރީޚް: 15 އޮގަސްޓް 2012 (ބުދަ)

ހިއުމަންރައިޓްސް ކޮމިޝަނުން ހިންގާ ތަހުގީގުތައް ކުރިޔަށް ގެންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރުން

7 އޯގަސްޓް 2012 ވަނަ ދުވަހު ފުލުހުން މި ޕާޓީގެ އެކްޓިވިސްޓް، ޅ.ކުރެންދޫ އެވަރބްލޫ، މުޙައްމަދު ޞަފްވާން ހައްޔަރުކޮށް އޭނާއަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީ، އިންސާނީ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން، އެމައްސަލަ ބަލައި އެމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ވަރަށް ބޮޑަށް އިޙުމާލުވެ، ޞަފްވާންގެ އާއިލާއާއި އޭނާގެ ވަކީލު ތަކުރާރުކޮށް އެދުމުންވެސް، އޭނާއަށް ފުލުހުން ދީފައިވާ ޖިސްމާނީ އަނިޔާތަކުގެ އަލާމާތްތަކާއި ނިޝާންތައް ބޭރުފުށުން ފިލައިގެން ދާންދެން ކޮމިޝަނުން އޭނާއާ ބައްދަލުކޮށް އޭނާގެ ހާލުބެލުން ގަސްތުގައި ލަސްކޮށްފައިވާތީ އާއި، 14 އޯގަސްޓް 2012 ދުވަހު ކޮމިޝަނަށް ޞަފްވާން ޙާޟިރުކޮށް ކޮމިޝަންގެ ފަރާތުން އޭނާއަށް ޤާނޫނީވަކީލެއް އައްޔަނުކުރުމުގެ ޙައްޤުލިބިނުދީ، އަދި ވަކީލެއް އެކޮމިޝަނަށް ހާޟިރުވުމުންވެސް ވަކީލުގެ އެހީ ލިބިގަތުމުން މަޙްރޫމުކޮށްފައިވާތީ އެކަން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި ލިޔެފައިވާ ވަކި އުސޫލުތަކެއް ނުގެންގުޅޭކަމާއި، ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދިނުމުގައްޔާއި، ތަހުގީގުތައް ހިންގުމުގެ އުސޫލުތައް އެ ކޮމިޝަނުން ކަނޑައަޅަނީ އެއިރަކު އެ ކޮމިޝަނަށް ފެންނަ ގޮތަކަށްކަން މި ޕާޓީއަށް ފާހަގަކުރެވިފައި ވާތީ އެކަމާ މި ޕާޓީން ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ.

އެހެން ކަމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރަންޖެހޭ އެފަދަ މުހިންމު ކޮމިޝަނެއް ހިންގުމުގައި މިފަދަ ދޯދިޔާ ސިޔާސަތުތަކެއް ގެންގުޅުމަކީ ދިވެހިރައްޔިތުންގެ އިންސާނީ ޝަރަފާއި ކަރާމަތް ދެމެހެއްޓުމަށް އެތައް ގޮންޖެހުމެއް ކުރިމަތިވެ، މުޅިގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއްލިބިދާނޭ ކަމަކަށް ވާތީ، ހިއުމަންރައިޓްސް ކޮމިޝަންގެ ހިންގުމުގެ އުސޫލުތައް ހަރުދަނާކުރުމަށް މި ޕާޓީން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް