ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އެއީ ބޮޑު ޖަރީމާއެކެވެ!

ފުނަމާ

މިގައުމުގެ ވެރިކަން މިއަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބައެއް ފުލުހުންނާއި ސިފައިންނާޢި ގުޅިގެން ވައްޓާލި ވައްޓާލުން އެހެން ގޮތަކަށް ބަދަލު ކުރެވޭތޯ މިއަދުގެ ބާޣީ ސަރުކާރުން ކިތަންމެ ރޭވުމެއް ރާވައި ކޮންމެ މަސައްކަތެއް ކުރިޔަސް އެއީ ބަޣާވާތެއް ނޫންކަމުގައި ގަބޫލު ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަށްޓަކައި ބޭރުގެ މީހުންނަށް ދުވާލަކު ދެލައްކަ ރުފިޔާ ދިނަސް، ގައުމީ ޖޯޝުގައި ތިއްބެވި ފުލުހުންނާއި ސިފައިން ދަށްކޮށް، ވަޒީފާއިން ވަކިކުރިޔަސް ހަމަކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ.

ކޯނީގެ ރިޕޯޓަކީ މިގައުމުގެ ރައްޔިތުން އެއަށް އިހުތިރާމު ކުރާނެ ރިޕޯޓެކެވެ. އެކަމަކު އެރިޕޯޓުގައި ކިތަންމެ ފަލައަކުރަކުން “މިއަދު މިގައުމުގައި މިއޮތީ ގާނޫނީ ސަރުކާރެކޭ ” ލިޔުނު ކަމުގައި ވިޔަސް ދިވެހީންގެ ހިތްތަކުގައި މިއީ ބަޣާވާތެއް ނޫނެކޭލިޔެ ބަދަލެއް ނުކުރެވޭނެއެވެ. އެންމެ ކުޑަމިނުން ޚުދު މިއަދުމިއޮތް ސަރުކާރުގައި ނަގާކިޔާ މީހުންވެސް މިގެނައީ ބަޣާވާތެއް ކަމުގައި ހިތުގެ އަޑީން ގަބޫލުކުރެއެވެ. ކިތަންމެ ތަނެއްގައި “ތިމަންނާމެން ރައީސް ނަޝީދުގެ ސަރުކާރު ވަށްޓާލީއޭ، އަދިއެރިޔަސް ވަށްޓާލާނަމޭ ” ކިތަންމެ ފަހަރަކު ބުނެފައިވާކަން އެހެރީ ސާބިތުވެ އެނގޭށެވެ. ފުލުހުންނާއި ސިފައިންނަށް އެމީހުންނާއި ބައިވެރިވެ ބައިޢަތު ހިފައިފިނަމަ ފައިސާއާއި ތަނަވަސްކަން ދޭނެ ކަމުގައި ޔާމީނުމެން ކަހަލަ މީހުން ފާޅުގައި ބުނެފައިވާ ބުނުންތައް ސިއްރުކުރެވޭނެ ހެއްޔެވެ؟

އެމްޑީޕީގެ ވެރިކަން ފެށުނީއްސުރެ މަޖިލީހުގެ ތެރެއިންނާއި ޝަރުއީ ދާއިރާގެ ތެރެއިން އެސަރުކާރު އިނދަޖައްސާ ލުމަށް ކުރެވުނު މަސައްކަތް ތަކުންވެސް ބޭނުންވާ ނަތީޖާ ހާސިލު ނުކުރެވުމުން އެންމެ ފަހުން މަގުމައްޗަށް ނުކުމެ އޭރުގެ އިދިކޮޅު އެންމެން ރެޔާދުވާލު ނުނިދައި ކުރިހައި މަސައްކަތާއި ހެދިހައި ގޮތްތައް ދިވެހީންނަށް މިއަދުވެސް އެހެރީ ފެންނާށެވެ. އެންމެފަހުން ފުލުހުންނާއި ސިފައިން ނެރެގެން ސަރުކާރު ވައްޓާލިއިރު ކަންހިނގަމުން ދިޔަގޮތް އެމީހުންގެ ޓީވީ ޗެނަލުތަކުން ދިޔައީ ބަރާބަރަށް ދައްކަމުން އަޑުފޮނުވަމުންނެވެ. ރައީސް ނަޝީދު ވެރިކަމުގެ އާރާއި ބާރުގައި ގާނޫނީ ގޮތުން ހުންނެވި އިރު އެމަނިކުފާނުންގެ އަމުރުފުޅުތަކަށް ކިޔަމަންވާންޖެހޭ ދައުލަތުގެ އިސްވެރީން އެކަންކަމުން ދުރުވެ އެމީހުން ހިތުހުރި ގޮތަކަށް ކަންކުރިގޮތް އެހެރީ ފެންނާށެވެ.

ވެރިކަން ބަދަލުކުރި ދުވަހު ބަލިވެގެން ފޯނަށް ޖަވާބު ނުދެވުނު ނާއިބު ރައީސް އަށް އެރޭގެ މެންދަމު ވީޓީވީ މެދުވެރިކޮށް ބަޣާވާތް ކުރަމުން ގެންދިޔަ މީހުންނަށް ހިތްވަރުދީ ޚިތޯބު އިއްވުނެވެ. އެއަކީ ގައިމުވެސް ގާނޫނީގޮތުން އޭނާއަށް ކުރެވޭނެ ކަމެއް ނޫންކަން މިއަދުގެ ތުއްތު ކުދީންވެސް ގަބޫލު ކުރާނެއެވެ. އޭގެ ދެތިން ދުވަސް ކުރީން އެއިރުގެ އިދިކޮޅު ހުރިހައި މީހުން ހިލާލީ ގެޔަށް ވައްދައި އޭނާއަށް ބައިޢަތު ހިއްޕުވިކަން އެމީހުންގެ ބަހުން ބުނިކަން މިއަދުވެސް ޔަގީންވާނެއެވެ. މިއީ ކޮން ގާނޫނަކުން ޔުރީކާ މަނިކަށް ލިބިދިން ބާރެއް ހެއްޔެވެ؟ މިއަދު ތިމަންނާ މިއުޅެނީ ކައުބާގައި ހުރެގެން ދިވެހި ރައްޔިތުންނަށް ރަޙުމަތް ލެއްވުންއެދި ދުޢާކުރާށޭ ބުނެ ފޮޓޯދެއްކިއިރު ދާދި އެހަށްދުވަހު އިނގިރޭސި ވިލާތުގެ ފައްޅިއެއްގައި އެކަލޭގެ އިނދެ ކުރީ ކޮންކަމަކަށް ކާކަށް ކުރި ދުޢާއެއްތޯ އަޅެފަހެ އަހާލަ ބަލާށެވެ. އެމަންޒަރުތައްވެސް އެހެރީ ފެންނާށެވެ.

ތެދެކެވެ. ބަޣާވާތަކީ ކިހިނެއް ގެންނަ އެއްޗެއްކަން ކިތަންމެ ގޮތަކަށް މީހުންނަށް ކިޔައި ދެވިދާނެއެވެ. ބަޣާވާތް ކޮށްގެން އިންގިލާބަކުން ސަރުކާރު ވައްޓާލުމަށް ފުލުހުންނާއި ސިފައިން ނުވަތަ އާންމުން ނުކުމެ ވެރިއަކު މަރާލައި ނުވަތަ ހައްޔަރު ކޮށްގެންވެސް އިންގިލާބެއް ގެނެވިދާނެއެވެ. އެކަމަކު މިރާއްޖޭގައި ބަޣާވާތް ކުރިމީހުންނަށް އަދި، ވިސްނުނީ އެހެން އެއްޗެކެވެ. އެހެންވެ ކަންކުރީވެސް އެހެން ގޮތަކަށެވެ. އެމީހުން ހީކުރީ ރައީސް ނަޝީދުއަށް މަރުގެ އިންޒާރުދީ ސިފައިންގެ މަރުކަޒަށް ވަށްދައި ހައިޖެކުކޮށް އެމަނިކުފާނުންގެ ކުރިމަތި ފުޅުގައި އެމަނިކުފާނުންގެ ތިމާގެފުޅު ބޭފުޅުންނާއި އަރިސް ބޭކަލުންނަށް ކުރަމުން ގެންދިޔަ ބޮޑެތި އަނިޔާތައް ދަށްކައި އެމަނިކުފާނުންގެ ޕާޓީގެ މެންބަރުންތައް ތަޅާރޯނާ ގަންނުވައި މަގުމަތީގައި އޮރިޔާން ކުރުވައި މަޖުބޫރު ކޮށްގެން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވައި މިގައުމުގެ އެތަކެއް ލޮބުވެތި މުޢާތިނުން ތަކެއްގެ ފުރާނައިގެ ބަދަލުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ދެން އެހައިތަނުން ރައީސް ނަޝީދާއި އެމްޑީޕީ މިގައުމުން ފައްސާ ލެވުނީ ކަމުގައެވެ. އޭގެ ފަހުން އެމްޑީޕީން މިގައުމުގައި ޗުއްޕުވެސް ނުބުނާނެ ކަމުގައި އެމީހުން ހީކުރިއެވެ. މުލީއާގެއަށް ރާވައްދައި އެކަން ދެއްކުމުން ރައްޔިތުން ނުކުމެ ރައީސް ނަޝީދުގެ ފުރާނަފުޅު ދުށްވާލާނެ ކަމުގައި އެމީހުން ހީކުރިއެވެ. އެކަމަކު އާޚިރުގައި ކަންހިނގައި ދިޔައީ އެމީހުން ހީކުރިގޮތާއި މުޅީން ޚީލާފަށެވެ. އެމްޑީޕީން އަދި ނުކުތީ މާވަރުގަދަ ކޮށެވެ. އެމްޑީޕީގެ ސަރުކާރު ވައްޓާލިގޮތް ގައިމުވެ އެނގިގެން ރައްޔިތުންތަކެއް ނުކުމެ މިގައުމުގެ އެތަން މިތަނުގައި އެމީހުންގެ ޝުއޫރުފާޅުކުރީ އެވެ.

މިގައުމުގެ ބާރުވެރީންނަކީ މިގައުމުގެ ލޮބުވެތި ރައްޔިތުންނެވެ. ސަރުކާރެއް ހިންގުމާ ބަޔަކާ ހަވާލުކުރަނީ ދައުލަތަށް މަންފާ އިތުރުކުރުމާއި ރައްޔިތުންނަށް ޚިދުމަތްތައް ފަހިކޮށް ދިނުމުގެ ބޭނުމުގައެވެ. މިދެކަންތައް ރައީސް ނަޝީދުގެ ސަރުކާރުން އެހާކުރު މުއްދަތެއްގައިވެސް މިގައުމުގެ ރައްޔިތުން އެދުނު މިންވަރަށް ހާސިލުކޮށް ދިނެވެ. އެކަމާ ހަސަދަވެގެން ނުކުތް އިދިކޮޅު ބަޔަކު މިގައުމުގެ ރައްޔިތުންގެ ލޯތްބާއި އިޙުތިރާމު ލިބިވަޑައިގެން ހުންނެވި ރައީސް ނަޝީދަށް ޖެއްސިހާލާއި ވެރިކަން ބަދަލުކުރި ހަޔާތްކުޑަ ގޮތް އެނގުމުން ނުކުމެ އެމީހުންގެ ރުޅިވެރިކަން ކޮންމެ ގޮތަކަށް ހާމަކުރިޔަސް އެޔަކީ އެމީހުންނަކަށް ގޯނާ ކުރެވޭނެ ކަމެއް ނޫނެވެ. މިސާލަކަށް ޓްރިޕޮލީއަކީ ލީބިޔާގެ ވެރިރަށެވެ. ޑިކްޓޭޓަރ ގައްޒާފީގެ ވެރިކަމުގައި ސުވަރުގެއެއް ފަދައިން ފުރިހަމަކުރި ރަށެކެވެ. ދުނިޔޭގެ ކަންކޮޅުތަކުން ފަތުރުވެރީން އެރަށް ދެކިލަން އައުދެތެވެ. ނަމަވެސް ގައްޒާފީގެ ނުބައި ނުލަފާ ކަމުން ސަލާމަތްވުމަށް އެގައުމުގެ ރައްޔިތުން ނުކުމެ މިއަދު ޓްރިޕޮލީ އޮތީ ކޮންފަދަ ހާލަތަކަށް ބަދަލުކޮށްފައިކަން އެންމެންވެސް ދަންނާނެއެވެ. މިގައުމަށް ބާޣީންނާއި ޕޯޗުގީޒުން އަރައި މިގައުމު ތަރައްގީ ކުރާށާ މިގައުމުގައި ހުރި ތަރައްގީގެ ވަސީލަތްތައް ބޭނުންކުރާން ރުހިގެން ދިވެހީން ތިބެންޖެހޭނެ ކަމުގައި ހީކުރާނަމަ އެކުރަނީ ކުށްހީއެކެވެ. އެއީ ބަޔަކު ހީހީ ހަލާކުވާވަރުގެ ޖޯކަކަށް ނޫނީ ނުވާނެއެވެ.

ރައީސް ނަޝީދު ވެރިކަމުން ބޭލުމުގައި އިސްވެތިބި މީހުންނަށް ވާގިދިނީ ސީދާ ޔުރީކާ މަނިކު ކަމަށް ގިނަ ދިވެހިން އެދަނީ ބުނަމުންނެވެ. އެހެނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވައިފިނަމަ ގާނޫނުގައި ލިޔެވިފައިވާ ގޮތުން ވެރިކަމާ ހަވާލުވާން ޖެހެނީ ނާއިބު ރައީސްއޭ އޮތީމައި އެވެރީން ނިންމީ އެގޮތުން އެމީހުންގެ ނުބައި ރޭވުން އެންމެ ފަސޭހައިން ކާމިޔާބުވާނީ އެގޮތުން ކަމުގައެވެ. އެހެންނޫންނަމަ އިންގިލާބެއް ގެނެސް ބަޣާވާތަކުން ރައީސް ނަޝީދު އަވަހާރަ ކޮށްލައި ނުވަތަ ހައްޔަރު ކުރުމުން ރައްޔިތުންގެ މަޖިލީހާއި ދައުލަތް ހިންގުން ހަވާލުވެ އިންތިޚާބަކަށް ދާން ޖެހޭނެތީއެވެ. އަދި އެއިރު މަޖިލީހުގެ މެޖޯރިޓީ އޮތީވެސް ރައީސް ނަޝީދުގެ އަތްޕުޅު މަތީގައި އެމްޑީޕީއަށެވެ. މިނުބައި ރޭވުން ރާވައި ވެރިކަމަށް އެންމެ ދުވަހަކަށް ނަމަވެސް އައުމަށް ހޭބަލިވެފައިހުރި މީހަކު ހައްލާލައި އޭނާއަށް ބައިޢަތު ހިފައިގެން ވެރިކަން ބަދަލު ކުރި ނަމަވެސް އެމީހުން އެދުނުހައި ގޮތެއް ނުވިއެވެ. ދުނިޔޭގެ ޕުރެޝަރާއި ގައުމުގެ އެތެރޭގެ ޕުރެޝަރުގެ ކުރިމަތީގައި ބާޣީން ޖެހުނީ އިސްޖަހާށެވެ. ވެރިކަން ބަދަލުވިގޮތް ތަޙުގީގު ކުރުމަށް ބޭރުންނާއި އެތެރެއިން ގޮވައި ނަގައި ގަތީ އެހެންނޫނީ ކީއްވެގެން ހެއްޔެވެ؟ ތިމަންނާ މިހުރީ ގާނޫނީ ހަމައިގައި ކަމުގައި ވާނަމަ އަމިއްލައަށް މިކަން ތަޙުގީގުކުރާށޭ ކިޔާފައި ކޮމިޝަނެއް ހެދީ ކީއްވެ ހެއްޔެވެ؟ ގާނޫނީ އިމުން ބޭރުނުވެ ހުރެވުނު ނަމަ ޝައްކެއް ފިލުވާކަށް ނުޖެހުނީސް ތާއެވެ.

ކޮމާންޑާ އިންޗީފުގެ އަމުރުތަކަށް ފުލުހުންނާއި ސިފައިންގެ ބަޔަކު ބޯނުލެނބީ ގަސްދުގައިކަން އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. ފުލުހުންނާއި ސިފައިންގެ ގާނޫނުތަކުން އެމީހުންނާއި ހަވާލުކުރެވިފައިވާ ވަޒީފާ އަދާނުކުރިކަމާ އެގާނޫނުތަކާއި ގަވާއިދުތަކާއި ފުށުއަރާ އެތަކެއް ކުށްތައް އެމީހުން ފާޅުގައި ކުރިތަން އެހެރީ ފެންނާށެވެ. ދިވެހި ރައްޔިތުންނަށް ދިވެހި ދައުލަތުގެ މުދަލެއްގައި އަތް ނުލެވޭނެ ކަމުގައި ބުނާއިރު ދައުލަތުގެ އިމާރާތް ތަކުގެ ބިއްލޫރިތައް ފުނޑާ ދައުލަތުގެ ސަލާމަތީ މުހިންމު ތަކެތި ފުލުހުންނާއި ސިފައިންނަށް އެމީހުން ބޭނުން ބަޔަކަށް ދެވޭނެ ހަމައެއްގޮތެއްވެސް ހަމައެއްވެސް ދައްކާބަލާށެވެ. ވީއިރު ބާޣީންކުރި އަމަލު ތަކުގެ ސަބަބުން ރުޅިއާއި ނަފުރަތުން ފުރިގެން ހަމައިން ނެއްޓި ނުކުތް މިދައުލަތުގެ ބާރުވެރީން ކަމުގައިވާ އާންމު ރައްޔިތުން ކުރިކަންކަން ބަލައި އަދަބުދިނުމުގެ ކުރީން އެފުލުހުންނާއި ސިފައިން ހިފައި ހައްޔަރުކޮށް އަދަބު ނުދެވުނީ ކީއްވެހެއްޔެވެ؟

ތެދެކެވެ. ކޯނީގެ ރިޕޯޓު ދެން މިހާރު ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނަމަ މިމަހުގެ ނިޔަލަށް ނިމޭނެއެވެ. އޭގައި އޮންނާނެ އެއްޗެއް އެނގޭނީ އެރިޕޯޓު ނެރުމުންނެވެ. އެކަމަކު ހަމަގައިމުވެސް މިއަހަރުގެ ފެބުރުއަރީގައި ދިވެހިރާއްޖޭގައި އޮތް ގާނޫނީ ސަރުކާރު، އެވެރިކަން ބަދަލުކުރިގޮތް އެއީ މިގައުމުގެ ޚިޔާނާތްތެރީންގެ ބަޔަކު ނުކުމެ ހިންގި އެންމެ ބޮޑު އެއްޖަރީމާ ނޫންކަމަކަށް ގައިމުވެސް ތާރީޚަކު ނުލިޔެވޭނެއެވެ. އެރިޕޯޓު ނެރުމުގެ ކުރީން އޮޑިޓަރ ޖެނަރަލުގެ އެހީތެރިކަން ހޯދައިގެން ކިތަންމެ ރިޕޯޓެއް ނެރެ، ކިތަންމެ ގައުމީ ސިފައިނަކާއި ފުލުހުންނެއް ވަޒީފާއިން ވަކިކޮށް ދިވެހި ރައްޔިތުން ހިފައި ހައްޔަރު ކުރިޔަސް ބާޣީ ވަހީދާއި އޭނާގެ ބައިވެރީންނަކަށް ދިވެހީން ދުވަހަކުވެސް މާފެއް ނުކުރާނެއެވެ.