ނޫސްބަޔާން: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (14)

ހިއުމަން ރައިޓްސް ކޮމިޝަނުން ބަލާ ނިމިފައިވާ މައްސަލަތަކުގެ ރިޕޯޓް ނުނެރި ހިފަހައްޓާފައިވާ މައްސަލަ ކުއްވެރިކުރުން

ބަޣަވާތަކުން ވެރިކަން ވައްޓާލުމަށްފަހު ދިވެހި ފުލުހުން ނުކުމެ ރައްޔިތުންނާމެދު ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ގިނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިގެން ބެލުމަށްފަހު އެމައްސަލަތަކާބެހޭ ރިޕޯޓްތައް ތައްޔާރުވެފައިވާ ކަމަށް މީޑިޔާތަކުގައި އެކޮމިޝަނުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައަކާއި ބެހޭ ރިޕޯޓެއް އާންމުކޮށްފައި ނުވާތީ، އެރިޕޯޓްތައް ނުނެރެ ހިފަހައްޓަމުން ދަނީ ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށްވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި ވީހާ އަވަސް ފުރުސަތެއްގައި ހުރިހާ ރިޕޯޓްތަކެއް އެހެންވެސް ރިޕޯޓްތައް އާންމުކުރާ އުސޫލުން އާންމު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލަމެވެ.

މި ފުރުސަތުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އަމަލު ކުރަމުންދަނީ މައުލޫމާތު ހޯދާ ލިބިގަތުމާއި ބެހޭ ގަވާއިދާ ސީދާ ހިލާފަށް ކަމަށެވެ. ފެބުރުއަރީ 8 ވަނަ ދުވަހު ފުލުހުން ހިންގާފައިވާ ލާއިންސާނީ އަމަލުތަކާބެހޭ ރިޕޯޓް ނެރެފައިވާ ކަމަށް ހާމަކަން ބޮޑުކޮށް ހުރިހާ މީޑިޔާއެއްގައި ހާމަކުރުމަށްފަހު އެރިޕޯޓް އެއްވެސް ތަނެއްގައި އާންމުކޮށްފައެއް ނުވެއެވެ. އަދި އެރިޕޯޓް ހޯދުމަށް އެދުމުން އެރިޕޯޓް ދޫކުރެވޭނީ ބުދަ ދުވަހު އޮންނަ ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމަށް ހުށަހަޅައި ނިންމާ ގޮތެއްގެ މަތިން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މި ރިޕޯޓް ނެރެފައިވާ ކަމަށް ބުނެ، އަދި އެރިޕޯޓް އެމްޑީޕީގެ އޮފީހަށްވެސް ފޮނުވާފައިވާ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް އެއީ އޮޅުމެއް ކަމަށް ފަހުން ވަނީ އެއްބަސްވެފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މި އަމަލަކީ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ކޮމިޝަނުގެ މެމްބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކުރުން ކަމަށް ވާތީ މިއީ ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ބަލައިދިނުމަށް އެދި އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހިމް ރަޝީދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.


ބަޔާން ނެރުނީ: އަހުމަދު އީސާ (ކެނދިކުޅުދޫ ދާއިރާގެ މެންބަރ)
މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)