ކޯނީގެ ރިޕޯޓުގައި 7 ފެބްރުއަރީގައި ވެރިކަން ބަދަލުވެގެންދިޔައީ ޤާނޫނުގައި ވާގޮތްނޫން ގޮތަކަށް ކަމަށް ފާހަގަކޮށްފިނަމަ ކުރީގެ ވެރިކަން އަނބުރާ އިއާދަ ކުރުމަށް އެމްޑީޕީން ހުށަހަޅައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނީ)ގެ ރިޕޯޓުގައި 7 ފެބްރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެގެންދިޔައީ ޤާނޫނުގައި ވާގޮތްނޫން ގޮތަކަށް ކަމަށް ނިންމައިފިނަމަ ކުރީގެ ވެރިކަން އަނބުރާ އިއާދަ ކުރުމަށް ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ތާއީދުކޮށްފިއެވެ.

މީގެ އިތުރުން ކޯނީގެ ރިޕޯޓްގައި ޤާނޫނާއި ޚިލާފް ޢަމަލުތަކެއް ބަޔަކު ހިންގާފައިވާކަމަށް ފާހަގަކޮށްފައިވާނަމަ، އަވަސް އިންތިޚާބަކަށް އެއްބަސްވުމާއި، އެބަޔަކު ތިބި މަޤާމުތަކުން ދުރުކުރުމާއި، އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް ޙުކުމް އިއްވުމާއި، އެއްމަސްދުވަހުގެ ތެރޭގައި ޝަރީޢަތުގެ މަރުޙަލާތައް ނިންމުމާއި، ހުރިހާ މަރުޙަލާއެއްގައި ކޮމަންވެލްތާއި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުން އޮންނަން ޖެހޭނޭ ކަމަށް ހުށަހަޅާފައި ވެއެވެ.

ކޯނީގެ ރިޕޯޓްގައި ވެރިކަން ބަދަލުވެގެންދިޔައީ އެއްވެސް ފަރާތެއްގެ ކުށެއް ކުރުމެއްނެތި ޤާނޫނު އަސާސީގައި ސީދާ ކަނޑައެޅި ބަޔާންކުރެވިފައިވާ ގޮތްތަކުގެ މަތީންކަމަށް ކަނޑައަޅައިފިނަމަ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށް ވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީން އުއްމީދުކުރަނީ ބަރަކާތްތެރި ރޯދަމަސް ނިމުމުގެ ކުރީގައި މި ހުށަހެޅުންތަކަށް ޖަވާބެއް ލިބުން ކަމަށް ވެސް 22 މެންބަރުން ހާޒިރުވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އިއްތިފާގުން ފާސްކުރި އެ ކޮމިޓީގެ ނިންމުމުގައިވެއެވެ.

އެންއީސީގެ ގަރާރުވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ