ގައުމީ ރޫހުގައި ތިބި ފުލުހުންނާއި ސިފައިންނާއެކުގައި މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެ މިދެމުވައްސަސާ އިޞްލާޙްކުރެއްވުމަށް ކުރާން ހުރި ހުރިހާ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް މުހަންމަދު ނަޝީދު ވިދާޅުވެޖެއެވެ. އަދި ދިވެހިރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ ތަހުޒީބު ސަލާމަތީ ބާރުތަކެއް ރާއްޖޭގައި ޤާއިމުކުރުމަށްކަމުގައިވެސް ވިދާޅުވިއެވެ. ސަލާމަތީ ބާރުތަކުގެ މދެމުވައްސަސާކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވސް ނެޝަނަލް ޑިފެންސް ފޯރސް އިސްލާހުކުރުމަށް ކިތަންމެ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމަސައްކަތް އެބޭފުޅުންނާއެކު ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އިންތިޒާމް ކުރައްވައިގެން އޮގަސްޓު 12/13 ފާހަގަ ކުރުމަށް އަރޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަލާމަތީ ބާރުތަކަކީ ރައްޔިތުން ބިރުގަންނަ ފުލުހުންގެ މުވައްސަސާއެއް ބޭނުންނުވާކަމުގައެވެ. “އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ނޭދޭ ސަލާމަތީ އެއްވެސް ބާރަކީ އެރައްޔިތުން ބިރުވެރިކަމަށް ގެނެސްދޭނެ ބާރަކަށްވުމަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުން އެދެނީ ސަލާމަތީ ބާރުތަކަކީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ޚިދުމަތުގައި ތިބުމަށް އަބަދުވެސް ތައްޔާރަށް ތިބި ބަޔަކު ކަމުގައިވުމަށާއި މިރާއްޖޭގެ ތަރައްޤީ ޤާއިމުކޮށްދީ، ޔަޤީންކޮށްދީ، ކަށަވަރުކޮށްދޭނެ ބަޔަކަށް ސަލާމަތީ ބާރުތައް ވުމަށްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަލާމަތީ ބާރުތަކަށް ރައްޔިތުން ކުރާ ހޭދައާއި ކުރާ އުއްމީދަކީ އެއްވެސް ޙާލެއްގައި އެމީހުންނަށް އަނިޔާއެއްވުމަށް ކުރާ ހޭދައެއްނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން ލާމަރުކަޒީ އުސޫލުން އުފެދިފައިވާ ދިވެހިރާއްޖޭގައި ޖަމާޢަތުގެ ފުލުން އުފެއްދުމަކީ ކޮންމެހެން މުހިއްމުކަމެއްކަމުގައި ވިދާޅުވެ ދިވެހި ފުލުހުންނާއި ސިފައިންނަކީ ރައްޔިތުންނާއެކުގައި އުޅެވޭނެ ބައެއްކަމުގައި ހައްދަވައިދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިންނަކީ ޤައުމަށް ބޭނުންތެރި ބައެއްގެ ގޮތުގައި ދެކި ޤައުމީ ރޫހުގައި ތިއްބެހި ފުލުހުންނާއި ސިފައިން އެމް.ޑީ.ޕީގެ ވެރިކަމަކާމެދު ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. “މިރާއްޖޭގެ ޢާއްމު ޙާލަތު، މިރާއްޖޭގެ މަސްލަހަތު، މިރާއްޖޭގެ ޞުލްޙަ އަޅުގަނޑުމެންގެ ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ދިފާޢީ ބާރުތަކުގެ ބޭނުން ކޮންމެހެންވެސް އަޅުގަނޑުމެންނަށް ބޭނުންވޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.
7 ފެބްރުއަރީ 2012 ވަނަ ދުވަހު ހިންގީ ބަޣާވާތެއްކަން އެމަނިކުފާނަށް ސާފުކަމަށާއި ބޭރުދުނިޔެއަށާއި ދިވެހިރައްޔިތުންނަށް އެދުވަހު ކަންހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށްޓަކައި އިންކުއަރީ ކޮމިޝަން އެކުލަވާލެވި އެކޮމިޝަނުގެ ރިޕޯޓުން ޤާނުނުތަކާ ޚިލާފުވި މީހުން އެގޭނެކަމުގައި ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ކޮންމެ ގޮތަކަށް އެމަސައްކަތް ނިމިގެން ދިޔަކަމުގައިވިޔަސްވެސް އަޅުގަނޑަށް ޔަޤީން ކަށަވަރު ކޮމިޝަނުގެ ރިޕޯޓެއްގައި ސަލާމަތީ ބާރުތަކުގެ ކިތަންމެ ބައެއް ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކިތަންމެ ކިތަންމެ ކަންކަމެއް ކޮށްފައިވާކަން ފާހަގަވާނެ” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނާއި އެމް.ޑީ.ޕީގެ އަމާޒަކީ ގާނޫނާއި ޤަވާއިދާ ޚިލާފްކޮށް ޢަމަލުކޮށްފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. “ކޯނީގެ ރިޕޯޓަށްފަހު އަޅުގަނޑުމެން ގެއަށް ވަންނާންޖެހޭނީ އެފަރާތްތައް އިންސާފަށް ގެނެސްފައި މިރާއްޖޭގައި އިންސާފު ޤައިމުކޮށްފައި” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފުލުހުންނަށާއި ސިފައިންނަށް ދިވެހިރާއްޖެ ޣަނީމާއެއް ނުކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި އޮންނަންޖެހޭނީ ރައްޔިތުންގެ ވެރިކަމެއްކަމަށް އަލިއަޅުވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވީ “އަޅުގަނޑުމެންގެ ރާއްޖެ މަދުބައެއްގެ ގޮށްމުށުތެރެއަށް ވައްޓައެއް ނުލެވޭނެ” ކަމުގައެވެ.