ކޯޓު އަމުރެއް ނެތި މި ޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުންދާތީ އެކަން ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 97
ތާރީޚް: 14 އޮގަސްޓް 2012 (އަންގާރަ)

ކޯޓު އަމުރެއް ނެތި މިހާރަކަށް އައިސް މި ޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރަމުންދާތީ އެކަން ކުށްވެރިކުރުން

މިހާރަކަށް އައިސް މިޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަނީ ކަމަށް ބުނެ، ކޯޓު އަމުރެއް ދެއްކުމެއްނެތި އަދި، އަމުރު ރައްދުވާ ފަރާތަށް އަމުރު ޙަވާލުކުރުމެއްނެތި، ހައްޔަރުކުރަމުންދާތީ، އެކަމާމެދު މި ޕާޓީން ކަންބޮޑުވުން ހާމަކޮށް، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ޤާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ފުލުހުންނަކީ، ރައްޔިތުން ޙިމާޔަތްކޮށްދީ، އެބައި މީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުމަށް ލާޒިމުކޮށްދީފައިވާ ބައެއްކަމަށް ވީހިނދު، އިންސާނީ ޝަރަފާއި ކަރާމަތަށް ބެލުމެއް ނެތި، އަދި އެފަރާތްތަކުން ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކަށް ބެލުމެއްނެތި، ފުލުހުން ކޯޓު އަމުރު އެބައޮތް ކަމަށް ބުނެ، އެހެން ނަމަވެސް ކޯޓުއަމުރު ދެއްކުމެއްނެތި، އަދި އެއަމުރު ރައްދުވާ ފަރާތަށް އެއަމުރު ޙަވާލުނުކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެކި ތުހުމަތުގައި ސިޔާސީ ބޭނުމަށް ހައްޔަރުކުރަމުން ގެންދާކަން މި ޕާޓީއަށް ވަނީ ފާހަގަކުރެވިފައެވެ.

މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެއްޗެއް ނޫންކަމަށާއި މުދާ ހޯދުމާއި، މުދާ ގެންގުޅުމާއި އަދި މުދަލުން މުޢާމަލާތްކުރުމަކީ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާއިރު، މިޕާޓީގެ މެންބަރުންނާއި ތައީދުކުރާ މީހުންގެ މުދާ ވެސް ފުލުހުން ކޯޓު އަމުރަކާ ނުލައި ހިފަހައްޓަމުން އެބަ ގެންދެއެވެ. މީގެ އިތުރުން، ބައެއް ޙާލަތްތަކުގައި މީސްމީހުންގެ މޯބައިލް ފޯނު ހިފެހެއްޓުމަށްފަހު، ފޯނު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނިނަމަވެސް، އެފަދަ ކޯޓު އަމުރެއް ފޯނު އަތުލާވަގުތު ވެސް، އަދި ފަހުންވެސް ފޯނުގެ ވެރިފަރާތާ ފުލުހުން ޙަވާލުނުކުރާކަންވެސް ފާހަގަކުރަމެވެ. އަދި، އިސްވެ ބުނެވުނު މުދާ ގެންގުޅުމުގެ ޙައްޤު ނިގުޅައިގަތުމުގެ އިތުރުން، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެކަކު އަނެކަކާކުރާ ޒާތީ މުޢާމަލާތްތައް ޙުރުމަތްތެރިވެގެންވާ ކަމަށާއި، އެއީ، ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤަށްކަމަށްވާއިރު، އެކަންކަމަށް ބެލުމެއް ނެތި، ފޯނުގައި ހުންނަ ޒާތީ މުޢާމަލާތްތައް ފުލުހުން ޤާނޫނާ ޚިލާފަށް ބަލާކަންވެސް ފާހަގަކުރަމެވެ.
ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ގޮވާލާ ގޮވާލުން އަނެއްކާ ވެސް ތަކުރާރުކުރަމެވެ.

އެހެން ކަމުން ފުލުހުން ގާނޫނު އަސާސީގެ ބާރުކަނޑުވާލައި، ގާނޫނާއި ގަވައިދާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި މި ފަދަ ލާއިންސާނީ އަމަލުތަކަށް ފާރަވެރިވެ، އެ އަމަލުތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށާއި، ރައްޔިތުންގެ މަޖިލީހަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް