ލ. ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ހައްޔަރުކުރުން ކުށްވެރިކޮށް އެނާ ވަގުތުން ދޫކޮށްލުމަށް ގޮވާލަން


ލ. ފޮނަދޫ ދާއިރާ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
ލ. ފޮނަދޫ

ލ. ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ހައްޔަރުކުރުން ކުށްވެރިކޮށް އެނާ ވަގުތުން ދޫކޮށްލުމަށް ގޮވާލަން

ކޯޓު އަމުރެއްގެ ދަށުން، އެމްޑީޕީ ލ. ފޮނަދޫ ދާއިރާގެ ރައީސް މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) މިމަހުގެ 7 ވަނަ ދުވަހު 14:30 ގައި ފުލުހުން ހައްޔަރުކޮށް ދެފަހަރު މަތިން މުއްދަތު އިތުރުކޮށް، ބަންދުގައި ބަހައްޓާފައިވާ ބެހެއްޓުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް މި ދާއިރާއިން ހަރުއަޑުން ގޮވާލަމެވެ.

މުޙައްމަދު ޒާހިރު ހައްޔަރުކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމު އަލީ ސައީދުގެ ދަރިއަކާ ދިމާކޮށް ހެދި ކަމަށް ބުނެކަމަށް ބައެއް މީޑިއާތަކަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ޒާހިރު ހައްޔަރުކޮށްފައިވާއިރު، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދުވަނީ އޭނާގެ ނުވަ އަހަރުގެ ފިރިހެން ދަރިފުޅަކާ ދިމާކޮށް ޝަހީމާ ދިމާލަށް ބާޣީއަށް ގޮވާ ހަޑިހުތުރު ބަހުން ވާހަކަދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށާއި އެޗްއާރްސީއެމަށް ހުށަހަޅާފައެވެ.

މުޙައްމަދު ޒާހިރު ހައްޔަރުކުރުން މިދާއިރާއިން ދެކެނީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރުން އަރައިގަތުމާއި ޚާއްޞަކޮށް ފޮނަދޫ ދާއިރާގެ ލ. ފޮނަދޫ ކަރަންޓްގެ މައްސަލައިގައި ރާއްޖެ ޓީވީން ދެއްކި ޕްރޮގްރާމެއްގައި އެކަމާއި ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންނާއި މަޢުލޫމާތު ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާތީ އާއި އެ ޕްރޮގްރާމްގައި ދެއްވި މަޢުލޫމާތުގެ ސަބަބުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަހީމް ޢަބްދުﷲ ފަޟީޙަތްވެފައި ވާތީ އެކަމުގެ މަތި އަޅައި އެފަދަ އަޑުތައް ކަނޑުވާލުމަށް ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމުގައެވެ.

އެހެން ކަމުން ރައްޔިތުންނަށް ލިބިފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަނެ އެކަން ހަނިކުރުމާއި ރައްޔިތުން ޚިޔާލު ފާޅުކުރުމަށް ބިރުގެންނެވުމަށް ސަރުކާރުން މި ހިންގަވާ ދަށު ދަރަޖައިގެ ޢަމަލު ހުއްޓާލައި ބަންދުގެ މުއްދަތު ދެފަހަރު މަތިން އިތުރުކޮށް ސަރުކާރުން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބަހައްޓާފައިވާހުރި މި ދާއިރާގެ ރައީސް ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ.

14 އޯގަސްޓް 2012

ބަޔާން ނެރުނީ:
ޢަލީ ޢަބްދުﷲ (މާވަނި)
ފޮނަދޫ ދާއިރާގެ ނައިބް ރައީސް
7771356