އޮގަސްޓު 12/13 ވަނަ ދުވަހު ހިގައިދިޔަ ހާދިސާތަކާއި އެދުވަހުގެ ހަނދާނުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އާރޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެދުވަހަކީ ދިވެހި ރައްޔިތުންނަށް އަނިޔާވެރިކަމާއި ޚުދުމުހުތާރު ވެރިކަން ދިވެހިރާއްޖެއިން ނައްތާލުމަށް ހިތްވަރު ލިބުނު ދުވަހެއްކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12/13 އަކީ ވަރަށް ގިނަ ބަޔަކު ސިއްސުވާލި ދުވަހެއް. އެދުވަހަކީ ދިވެހި ރައްޔިތުންނަށް ހިތްވަރު ލިބުނު ދުވަސް. އެދުވަހަކީ ދިވެހިރައްޔިތުންނަށް އެރައްޔިތުން ނުކުމެ މިރާއްޖޭގެ ޚުދުމުހުތާރު ވެރިކަން އަނބުރާލެވިދާނެކަމާއި އަދި މިރާއްޖޭއިން އަނިޔާވެރިކަން ނައްތާލެވިދާނެކަން ޤަބޫލު ކުރާންވެސް ފެށުނު ދުވަސް. އެދުވަހަކީ އަނިޔާވެރި ދުވަހެއް. އެހެންނަމަވެސް އެދުވަހަކީ އަޅުގަނޑުމެން އެންމެނަށްވެސް އެދުވަހަށްފަހުގައި ނުހަނު ހިތްވަރު ލިބުނު ދުވަހެއް.” އަދި ދިވެހިރައްޔިތުންގެ ސީދާ ބާރު ދިވެހި ވެރިކަމަށް ފޯރުކުރެވިދާނެކަމަށް ޤަބޫލުކުރާން ފެށި ދުވަސް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ވަކިން ހާއްސަކޮށް އަދުވަހު ޖަލަށްގެންދެވި އަނިޔާ ލިބުނު މީހުންނަށް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ. އަދި އެދުވަހު ލިބުނު އަނިޔާގެ ސަބަބުން ރައްޔިތުންނަށް ހިތްވަރު ލިބުނު ކަމަށާއި ‘ބިރުފަހަނައަޅައި ދިޔުމަށް’ މެދުވެރިވި ސަބަބު ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އޮގަސްޓު 12/13 ގެ ފަހުން ރައްޔިތުން އައީ ހިތްވަރު ހޯދަމުންކަމަށާއި އަދި ރައްޔިތުންގެ ގޮވެލިތައް އިތުރުކޮށް އިހުތިޖާޖުތައް ވަރުގަދަކުރަމުން ކަމުގައި ވިދާޅުވިއެވެ.
އަނިޔާވެރިކަމާއި އަދި ޚުދުމުހުތާރު ވެރިކަމާ ދެކޮޅަށް ދިވެހިރައްޔިތުން ކުރަމުން އައި މަސައްކަތަކީ ދިވެހިންގެ މިނިވަންކަމާ ގުޅިފައިވާ ކަމެއްކަމުގައި ވިދާޅުވިއެވ. “ރައްޔިތުން އެދެމުން އައީ މިނިވަން ކަމަށް. ރައްޔިތުން ބުނަމުން އައީ އަނިޔާ ނުކުރުމަށް. ރައްޔިތުން އެދި ތިބީ ތަރައްޤީ. ރައްޔިތުންގެ އާއްމު ޙާލަތު އެއިރަށްވުރެ ރަގަޅުވުމަށް” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި 12/13 ގެ ތަޖުރިބާގެ އަލީގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. “ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ޤާއިމު ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ ހަމަގައިމުވެސް އެޅުގަނޑެއް މިމަސައްކަތެއް ހުއްޓައެއް ނުލާނަން” ރައީސް ނަޝީދު ވިދާޅުވަމުން “އަޅުގަނޑުމެން ތެދުވާނަން. އަޅުގަނޑުމެން ނުކުންނާނަން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ މިނިވަންކަން ހޯދައިދޭނަން” ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތަށް އަލިއަޅުވައިލައްވަމުން ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވީ “އަޅުގަނޑުމެންނަކީ މިރާއްޖެ ބަދަލުކުރާން ނުކުތް ބައެއް. އަޅުގަނޑުމެން ހުއްޓާލާނީ އިރާދަކުރެއްވިޔާ އެމަސައްކަތް ކާމިޔާބުކޮށްފަ.”