ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ގާއިމުނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ އަޅުގަނޑު މި މަސައްކަތެއް ހުއްޓައެއް ނުލާނަން – ރައީސް ނަޝީދު

ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އަންޖު

ރާއްޖޭގައި ހަގީގީ މިނިވަންކަން ގާއިމުނުވާހާ ހިނދަކު، އެމަނިކުފާނުގެ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޚުދުމުޚްތާރު ދިގު 30 އަހަރުގެ އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ކޮންމެ އަހަރަކު ވެސް އޮގަސްޓް 12- 13 ގައި ފާހަގަކުރާ އަނިޔާވެރިކަމާއި ދެކޮޅު ދުވަސް ފާހަގަކުރުމަށް “ކަޅުހުކުރުގެ” ނަމުގައި ރޭ، އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ގާއިމްކުރާނޭ ކަމަށާއި، އަލުން އަނބުރައި ރައްޔިތުންނެ ވެރިކަން ރައްޔިތުންނަށް ހޯއްދަވައިދެއްވާނޭ ކަމަށެވެ.

“އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަނީ ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ގާއިމުނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ އަޅުގަނޑު މި މަސައްކަތެއް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ތެދުވާނަން. އަޅުގަނޑުމެން ނުކުންނާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް މި ވެރިކަން ހޯދައިދޭނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނީ)ން ކޮންމެ ގޮތަކަށް ރިޕޯޓް ނެރުނަސް ފުލުހުންނާއި ސިފައިން ގާނޫނާއި ގަވައިދާ ހިލާފަށް މަސައްކަތް ކޮށްފައިވާކަން ފާހަގަވާނެ ކަމަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި 7 ފެބްރުއަރީގައި މާލޭގައި ހިނގައިދިޔަ ކަންތައް ފެނުނު އެންމެނަށްވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަން ކަށަވަރުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ކޮންމެ ގޮތަކަށް އެ ކޮމިޝަނުން ނިމުނު ކަމުގައިވީ ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު މީހުން ގާނޫނާއި ހިލާފު ކަންތައް ތަކެއް ކުރިކަން އެނގިގެންދާނެ” ކަމަށާއި އެހެން ނަމަވެސް ސިފައިންނާއި ފުލުހުންގެ ތެރޭގައި ގިނައީ ކަންކަން އިސްލާހުކުރައްވަން ބޭނުންފުޅުވާ، ގައުމީ ރޫހުގައި މަސައްކަތްކުރައްވާ ގައުމީ ފުލުހުންނާއި ސިފައިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ އޮގަސްޓް 12- 13 އަކީ އަނިޔާވެރި ކަމަށް ރައްޔިތުން ނޫނެކޭ ބުނި ދުވަސް ކަމަށާއި، އެ ދުވަހަށް ފަހު އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އަނިޔާވެރިކަން ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަންތަކެއް ވަނީ ދައްކާފައެވެ. އަދި ފުލުހުން އަނިޔާވެރިކަމާއެކު އާންމުންނާ ދިމާލަށް އަންނަ މަންޒަރު ދައްކުވައިދިނުން ވެސް ރޭ އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަ އެވެ.