ރައީސް އޮފީހުންވެސް ރާއްޖެޓީވީއަށް އެއްބާރުލުން ނުދޭން ނިންމާފައިވާތީ އެކަން ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 96
ތާރީޚް: 13 އޮގަސްޓް 2012 (ހޯމަ)

ރައީސް އޮފީހުންވެސް ރާއްޖެޓީވީއަށް އެއްބާރުލުން ނުދޭން ނިންމާފައިވާތީ އެކަން ކުށްވެރިކުރުން

ރައީސް އޮފީހުންވެސް ރާއްޖެޓީވީއަށް އެއްބާރުލުން ނުދޭން ނިންމައި، އެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ތަކަށްވެސް ރާއްޖެޓީވީއަށް ދައުވަތު ނާރުވަން ނިންމަވާފައި ވާކަމަށް ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވެފައިވާތީ، އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ގަވައިދުން ލައިސަންސް ހޯދައިގެން ރައްޔިތުންގެ ބޮޑު މަގުބޫލުކަމަކާ އެކު ހިންގަމުން ގެންދާ ރާއްޖެޓީވީ އަށް ވަނީ ހިމާޔަތާއި އެއްބާރުލުން ނުދޭނެ ކަމަށް އިއުލާންކޮށް، ފުލުހުން ވެސް ގެންދަނީ އެ ގޮތަށް އަމަލުކުރަމުންނެވެ. އަދި ރައީސް އޮފީހުން ރާއްޖެޓީވީ އަށް އެއްބާރުލުން ނުދޭން ނިންމާފައި މިވަނީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީޑިއާ އަށް ހުރަސް އެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަން ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެ ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް، އެ ސްޓޭޝަނަށް އެއްބާރުލުން ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެދިފައި ވަނިކޮށެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ނޫސްވެރިންގެ ޖަމިއްޔާ ކަމަށްވާ ރިޕޯޓަރސް ވިތުއައުޓް ބޯޑާރސް އިން ވެސް ދިވެހި ފުލުހުންގެ އެ އަމަލު ކުށްވެރިކޮށްފައިވަނިކޮށެވެ.

ރައީސް އޮފީހުން ރާއްޖެޓީވީއަށް އެއްބާރުލުން ނުދޭން ނިންމާފައިވާ ކަމަށާއި، އެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ތަކަށްވެސް ރާއްޖެޓީވީއަށް ދައުވަތު ނާރުވަން ނިންމަވާފައި ވާކަމަށް ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވެފައިވާއިރު، ރާއްޖެޓީވީ އަށް އެއްބާރުލުން ނުދޭން ނިންމާފައި ނުވާނޭ ކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެފައިވުމުން، ސަރުކާރުގެ ތެރެއިން އެއް ދާއިރާއެއްގައި މަސައްކަތްކުރައްވާ ފަރާތްތަކުން ތަފާތު އެކި މޭރުމުން ވާހަކަދެއްކުމުން ސަރުކާރުގެ ދޯހަޅި ސިޔާސަތު އިތުރަށް ހާމަވެގެންދާކަން ފާހަގަކުރަމެވެ.

ނޫސްވެރިކަން ކުރުމާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވާކަމަށާއި، މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާޢިއުކުރުމާއި، ފެތުރުމުގެ މިނިވަން ކަން ހިމެނޭ ކަމަށް ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ކަން މިހެން އޮތްއިރު، ޤާނޫނު އަސާސީން ދިވެހި އެންމެހައި ރައްޔިތުންނަށް ކަށަވަރު ކުރެވިފައިވާ ހައްޤުތައް ހަނިކޮށް، މިނިވަން ނޫސްވެރިކަމުގެ ނިޒާމް ފުނޑާލުމަށް ސަރުކާރާއި ހަވާލުވެގެން ތިބި ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް