ނަޑެއްލާ އެމްޑީޕީ ގޮފިތަކުގެ ގުޅިފައިވާ ނޫސް ބަޔާން

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ނަޑެއްލާ ރައްޔިތުނަށް ހަޤީގަތް އޮޅުވާލައިފައިވާތީ އެކަން ކުއްވެރި ކުރުން

ފާއިތުވަމުން މިދާ ބަރަކާތްތެރި ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގައިވެސް އެއްދުވަހު ކޫއްޑޫ ފިޟަރީޒް މޯލްޑިވްސް ގެ މަސްބޯޓްތަކުން ގދ. ގެ ކޮންމެ ރަށެއްގެ ބަދަރުގައި މަޑުކޮށް ރައްޔިތުނަށް ހެޔޮއަގުގައި ކަންޑުމަސް ފޯރުކޮށްދޭނެ ކަމުގައި ރާއްޖޭގެ ޙަބަރު ފަތުރާވަސީލަތްތަށް މެދުވެރިކޮށް މުޅިރާއްޖެއަށް ވަނީ އެ ކުންފުނީގެ ފަރާތުން ޢާއްމުކޮށް އަންގާ ޢިޢުލާން ކޮށްފައެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ މި ކުންފުނިން ނަޑެއްލާގެ ރައްޔިތުނަށް ހަޤީގަތް އޮޅުވާލައި 30 އަހަރުވީ ހުދުމުހުތާރު ސަރުކާރުން ނަޑެއްލާގެ ރައްޔިތުނަށް މަކަރާއި ހީލަތްހެދި އުސޫލުން ނަޑެއްލާގެ ރައްޔިތުނަށް މިވަނީ މަކަރު ހަދައި އޮޅުވާލައިފައެވެ.

ޒަމާނުއްސުރެ ނަޑެއްލާ އަކީ މަސްވެރި ރަށަކަށް ނުވުމުން ރަށުގެ ރައްޔިތުން ގެ ކެއިން ބުއިމަށް އާދަވެގެން ކަނޑުމަސް ބޭނުން ނުކުރިކަމުގައި ވީ ނަމަވެސް ސަރުކާރުގެ ފަރާތުން ސަރުކާރު ހިއްސާވާ ކުންފުންޏަކުން މިފަދަ އުނމީދުން ފުރިގެންވާ ވާހަކަ ތަކެއް ދެއްކުމުން ރައްޔިތުން ތިބީ ސަރުކާރުގެ އެ ވައުދު ފުއްދައި ދޭނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ރަމަޟާން މަސް ނިމެން 2 ، 3 ދުވަހަށް ވެފައިވާއިރު ނަޑެއްލާގެ ރައްޔިތުނަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ ފަރާތުން އެ ކުންފުނިން ވިދާޅުވެފައިވާ އުސޫލްތަކާއި އެއްގޮތަށް ކަނޑުމަސް ފޯރުކޮށްދީފައިނުވާތީ އެކަމާއި ހިތާމަކޮށް މި ގޮފިތަކުގެ ފަރާތުން ކަންބޮޑުވަމެވެ.

އަދި މި ފުރުސަތުގައި ނަޑެއްލާގެ ރައްޔިތުނާއި ގުޅުންހުރި މިފަދަ ކަންކަމުގައި ނަޑެއްލާ ކައުންސިލުން ބަސްބުނެ ރައްޔިތުންގެ ޙައްޤުތަށް ހިމާޔަތްކޮށްދީ ސަރުކާރު ޒިންމާދާރު ކުރުވާ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރެއްވުމަށް ނުހަނު އިހްލާސްތެރި ކަމާއި އެކު ގޮވާލަމެވެ. ނަޑެއްލާ ކައުންސިލްގައި ހިމެނޭ 5 މެމްބަރުންވެސް ތާޢިދު ކުރައްވާ ސަރުކާރެއް އޮވެ އެ ސަރުކާރުން ނަޑެއްލާގެ ރައްޔިތުނަށް އިހްމާލުވެ ރައްޔިތުނަށް އޮޅުވާލުމަކީ ވަރަވެސް ދަށުދަރަޖައިގެ ކަމެކެވެ.

ވީމާ ، މިފަދަ ދަށުދަރަޖައިގެ އަމަލުތަށް ތަކުރާރު ނުކުރުމަށާއި އަދި ރައްޔިތުނަށް އޮޅުވާލައި ރައްޔިތުނަށް ދޮގުހަދައި ހަޤީގަތް އޮޅުވައި ނުލުމަށް އަދުގެ ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނި ތަކުގެ ބޯޑްތަކުގައި މަސައްކަތް ކުރައްވާ އެއްމެހައި ފަރާތް ތަކަށް ނަޑެއްލާ އެމް.ޑީ.ޕީ ގޮފިތަކުގެ ފަރާތުން ގޮވާލަމެވެ. އަދި ރައްޔިތުން މި ކަންކަމާއި މެދު ވިސްނަވައި ސަރުކާރުގެ ކެހިވެރި ހީލަތްތެރި ރޭވުންތަކުން ސަލާމަތްވުމަށް ގޮވާލަމެވެ.

ނަޑެއްލާ އެމް.ޑީ.ޕީ ޒުވާނުންގެ ގޮފީގެ ރަޢީސް: މުޙައްމަދު އަބްދުﷲ
ނަޑެއްލާ އެމް.ޑީ.ޕީ ފިޔަލަ ގޮފީގެ ރަޢީސް : އަބްދުﷲ ރަޝީދު
ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢީސް: ޙަމްދޫން ރަޝީދު