މާހިރުބެ ދޫކޮށްލައިފި

އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ މެންބަރު އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ ނާއިބު މުހައްމަދު މާހިރު އީސާ (މާހިރުބެ) ފުލުހުންގެ ހައްޔަރުން ރޭ ދޫކޮށްފިއެވެ.

މާހިރުބެ ފުލުހުންގެ ހައްޔަރުން ދޫކޮށްލިއިރު، މާހިރުބެގެ ބަންދުގެ މުއްދަތު ހަމަވާން އޮތީ މިއަދު މެންދުރު 12:00 އާއި ހަމައަށެވެ. މާހިރުބެ ދޫކޮށްލާފައި މިވަނީ އޭނާ ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓަމުން ދާތީ އެ މައްސަލަ ހައި ކޯޓުގައި މިއަދު ހެނދުނު އިސްތިއުނާފް ކުރުމަށް ހަމަޖެހިފައިވަނިކޮށެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން މާހިރުގެ ބަންދުގެ މުއްދަތު ކްރިމިނަލްކޯޓުންވަނީ ޖަހާފައެވެ. އެއިން ކޮންމެ ފަހަރަކު ވެސް ބަންދުގެ މުއްދަތަށް އިތުރު 10 ދުވަސް ވަނީ ޖަހާފައެވެ.

މާހިރުބެ ހައްޔަރުކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަ ދައްކަވަމުން އިސްލާމްދީނުގައި ވެސް އޮތީ ބަޣާވާތްކުރާ ބަޔަކާ ދެކޮޅަށް އެންމެ ފަހު މީހާއާ ޖެހެންދެން ނުކުތުމަށް ކަމަށާއި، އެހެން ކަމުން ބަޣާވާތްކުރި މީހުންނާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލައްވާފައިވާތީ އެވެ.