އެމްޑީޕީގެ ޚާއްސަ ޖަލްސާ “ކަޅުހުކުރު 2012” މިރޭ އާޓިފިޝަލް ބީޗުގައި
އެމްޑީޕީން އެންމެ ފަހުން ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިން.. ފޮޓޯ:އަންޖު

އޮގަސްޓް 12-13 ފާހަގަކުރުމަށް އެމްޑީޕީން “ކަޅުހުކުރު 2012” ގެ ނަމުގައި ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ.

މިރޭ 10.15 ގައި ފަށާ މި ޖަލްސާ އަކީ ވަރަށް ތަފާތު ކަންތައްތަކެއް އެކުލެވޭ ޖަލްސާއެއް ކަމަށާއި، މި ޖަލްސާގައި ކަޅުހެދުމުގައި އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެމްޑީޕީން އެދެއެވެ.

އޮގަސްޓް ބާރަ ތޭރަ އެމްޑީޕީން ފާހަގަކުރަން ފަށާފައިވަނީ 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަމާއި އެ ވެރިކަމުގައި ދިވެހިރައްޔިތުންނަށް ނުހައްގުން ލިބެމުން ދިޔަ އަނިޔާތަކާއި ދެކޮޅަށް، އިސްލާހަށް މަސައްކަތްކުރި ބަޔަކު ތެދުވެ، ޖުމްހޫރީ މައިދާނުގައި 2004 ވަނަ އަހަރުގެ އޮގަސްޓް 12 އަދި 13 މި ދެ ދުވަހު މެދުކެނޑުމެއް ނެތި އިހުތިޖާޖުކުރުމާއި ގުޅިގެން އޭގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާތީ އެވެ. 2005 ވަނަ އަހަރުގެ އޮގަސްޓް 12-13 ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް ރައީސް މުޙަންމަދު ނަޝީދު ހައްޔަރުކޮށް އެމަނިކުފާނާ މެދު ފުލުހުން ވަނީ ވަރަށް އަނިޔާވެރިކޮށް ކަންތައް ކޮށްފައެވެ.