ރާއްޖެ މިދަތުރު ކުރަނީ އެންމެ ރަނގަޅު މަގުންތަ؟

ފުނަމާ

ނަވާރަސަތޭކަ ފަސްދޮޅަހުގެ މެދުތެރޭގައި ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލް އަގުވާމީ ދުނިޔެއިން ގަބޫލުކުރި ނަމަވެސް ދިވެހި ރައްޔިތުންނަށް ދާޚިލީ އަދި، ސިޔާސީ މިނިވަންކަން އޮތީ ވަރަށް ބީރައްޓެހި އެއްޗެއްގެ ގޮތުގައެވެ. އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ ބޭރުވެ މިނިވަންވީއިރު އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ހުރި އެހެނިހެން ގައުމުތަކުގައި އެވެރީން ގާއިމުކުރިފަދަ އިންފުރާސްޓްރަކްޗަރ އެއް ރާއްޖޭގައި ގާއިމު ކުރެވިފައެއް ނެތެވެ. ސަބަބުތަކެއްވެސް ހުރުމާއެކުގައެވެ. ދިވެހީން އިނގިރޭސީންގެ ހިމާޔަތް ހޯދީ އަމިއްލައަށް ކަމުންނާއި ރާއްޖޭގައި ބޭނުންކުރާނެ މާމުހިންމު ވަސީލަތްތަކެއް ނެތުމަކީ މިގޮތުން މެދުވެރިވި އެއްސަބަބު ކަމުގައިވެދާނެއެވެ. އިނގިރޭސީންނާއި އިދިކޮޅަށް ބޭނުންކުރާނެ މާބޮޑުބާރުތަކެއްވެސް ނެތުމުން ރައްޔިތުން އިނގިރޭސި ދައުލަތަށް ބޯލެންބުވުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ނެތީމައެވެ.

ރާއްޖެ މިނިވަންވީއިރު ރާއްޖޭގައިއޮތް ރަސްކަން ފަސްދޮޅަސް އަށެއްގައި ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ރައްޔިތުން ނިންމުމާ ގުޅިގެން ދާދި ކުރު މުއްދަތަކަށް ދިވެހީން ކުރީން ހިއްސާކުރި ޖުމްހޫރިއްޔާއަށް އަލުން ދަތުރުފަށަން އެންމެ ރަނގަޅުކަމުގައި ދިވެހީން ނިންމި ނިންމުން ވެގެންދިޔައީ ޒަމާނުއްސުރެ މިގައުމުގައިއޮތް ރަސްކަމުގެ ވަކިތަކުން ރާއްޖެ މިނިވަންވުން ކަމުގައި ބެލެވުނު ނަމަވެސް ދެވަނަ ޖުމްހޫރިއްޔަތުގެ ދެދައުރު ނިމިގެން ދިޔައިރުވެސް ރާއްޖޭގެ ރައްޔިތުން ތިބީ އަޅުވެތި ކަމުގެ ތެރޭގައެވެ. ވެރިކަމާ އިދިކޮޅަށް ބަހެއް ބުނުމަކީ ހަމަ އެކަކަށް ވެސް ކުރާން ކެރޭވަރުގެ ކަމަކަށް ނުވިއެވެ. ސަރުކާރުން އަޅާނެ ހޫނުފެނުގެ ބާރު އެނގޭތީއެވެ. ނަމަވެސް އެއިރުވެސް ކޮންމެވެސް ވަރަކަށް ސަރުކާރުގެ ސިޔާސަތާ އިދިކޮޅަށް ބަސްބުނެލައި އުޅުނު މީހުން މަދުން ނަމަވެސް ނެތެކޭ ދެންނެވޭކަށް ނެތެވެ.

ބައިނަލް އަގުވާމީ ދުނިޔެއަށް ދިވެހިރާއްޖެ ހުޅުވި ތަޢާރަފުވުމާ ގުޅިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން ރާއްޖެއާއި ދިޔައީ ގުޅުން ބަދަހި ކުރަމުންނެވެ. ވެރިކަމުގައި ހުންނެވި ރައީސްގެ ވިސްނުންފުޅު ހުރީ މިނިވަންކަމުގެ އެހާ ޅަފަތުގައި ރާއްޖެ ބޭރުބައެއްގެ ދީލަތިކަމުގެ އަތްދަށު ނުވުމަށް ކަމުގައި ވާތީވެ އެއްވެސް ވަރަކަށް ބޭރުގެ ލޯނުތަކާއި ދިމާލަށް އެނބުރި ގައުމު ދަރުވާލުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމުން ވެރިކަމުގެ ދެދައުރު ފުރިހަމަ ކުރެއްވިއިރު އެމަނިކުފާނުގެ ސަރުކާރުން ބޭރުދުނިޔެއަށް ދަރާފައެއް ނުވެއެވެ. ނަމަވެސް ބޭރުގެ އެހީތެރިކަމާއެކު ރާއްޖޭގައި އެތަކެއް ސިނާޢީ ބިންގާތަކެއް އެޅުއްވިއެވެ. ޒަމާނުއްސުރެ ދިވެހީން މަސްވެރިކަން ކުރަމުންއައި ރިޔަލު އޮޑިފަހަރު އިންޖީނަށް ބަދަލު ކުރެއްވިއެވެ. ފަތުރުވެރިކަން މިގައުމަށް ތަޢާރަފު ކުރެއްވިއެވެ. މުޅިއޭޝިޔާގައި އޮތް އެންމެ ކާމިޔާބު ޝިޕިންގލައިން އުފެއްދެވުމުގެ އިތުރުން އެއަރ މޯލްޑިވްސްވެސް އުފެއްދެވިއެވެ. ބޭރުދުނިޔެއާއި ރާއްޖެ ގުޅިލާމެހުމަށް މަގުތަކެއް ކޮއްޓެވިއެވެ.

އެމަނިކުފާނުގެ ދުރުވިސްނެވުމާއި އެއްގޮތަށް ވެރިކަމުގެ ދެދައުރު ނިންމަވާލެއްވުމަށްފަހު ދިވެހި ރައްޔިތުން ކިތަންމެ އެދިއެދި ތިބިކަމުގައި ވީނަމަވެސް އަމިއްލައަށް ވެރިކަން ދޫކުރައްވައި ވަޑައިގަތީ އެމަނިކުފާނުގެ އަތްބާރު އެޅުއްވުމާ އެކުގައި އެހެން ފަރާތަކަށް ވެރިކަމަށް މަގުފަހި ކޮށްދެއްވާ އެގޮނޑި ހަވާލު ކުރައްވާފައެވެ. ވެރިކަން ދޫކުރައްވައި ބޭރު ގައުމަކަށް ހިޖުރަކުރެއްވީ ސިޔާސީގޮތުން ދިވެހީން ގެންގުޅޭ ސަގާފަތް ރަނގަޅަށް އެނގި ވަޑައިގަންނަވާތީ ކަމުގައިވެސް ވެދާނެއެވެ. ދިވެހީންނަކީ އަބަދުވެސް އަލަށް އަންނަ ވެރިޔަކަށް ސަނާކިޔާ ކުރީގެ ވެރިމީހާ ގަންހިންގުމުގެ ސަގާފަތެއް ގެންގުޅުނު ބައެއް ކަން ނރަނގަޅަށް އެނގި ވަޑައިގަންނަވައެވެ. އެހެންކަމުން ޖާނުސަލާމަތް ކުރެއްވުމުގެ ގޮތުން އެފިޔަވަޅު އެޅުއްވީ ކަމުގައި ވުމަކީ ދުރުކަމެއް ނޫނެވެ. ކަންވީވެސް އެހެންނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފަހުން ވެރިކަމަށް ވަޑައިގަތް ފަރާތަށް ޖިނާއީ ކުށެއްގެ އަދަބު ދެވިފައި ވުމާއެކު އޭގެ ބަދަލު ހިފުމެއްގެ ގޮތުން އެމަނިކުފާނުގެ ވަސްވެސް މިގައުމުން ފިލުވައިލުމަށް އެންމެފުރަތަމަ ދުވަހުއްސުރެ މަސައްކަތް ފަށައިގަތެވެ. މީހުންގެ ކުދިޅަދަރީންނަށް ދާންދެން މަގުތަކަށްނެރެ ފަރިހި އަންބާ ކިއުއްވައި ކާޓޫނު ކުރައްސައި މިގޮތުން ދުނިޔޭގައި ހިންގޭނެ އެންމެ ހަޑިމުޑުދާރު އަމަލުތައް ދިވެހީންލައްވައި ކުރުވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހަރަކާތްތެރިވި ކޮންމެ މީހެއްގެ ބޮލުގައި އެތަކެއް ބަދުނާމުތައް އަޅުވައި މުޅިއާއިލާއަށް ދާންދެން ފަނާކޮށްލުމަށް ޕުރޮޕެގެންޑާތައް ހިންގިއެވެ. އަތުނުވިނަމަވެސް ދިގުމުއްދަތަކަށް ހުކުމް އިއްވުނެވެ. ހުރިއްޔާހުރި މުދަލެއް ހިފައި ސުންނާފަތި ކޮށްލިއެވެ. އެ ދައުރުގައި ކުރިއަރައިދިޔަ ވިޔަފާރި ވެރީންކަމުގައިވާ މަރުޙޫމް ދިއްދޫ އިބުރާހީމް ކަލޭގެފާނާއި، ކުވާ މޮހޮދޭ ފަދަ އޭރުގެ މަހުޖަނުން މަގުމަތީގައި ސަލާމްޖަހަން މަޖުބޫރު ކުރުވިއެވެ.

އެ ދައުރުގައި ރާއްޖެއަށް ހުޅުވާލަދިން ފުރުސަތުތަކާއި ބައިނަލް އަގުވާމީ ދުނިޔެއާއި އެކުވެރި ގައުމުތަކުން ދެމުންގެންދިޔަ ސުމާރެއް ނެތް އެހީތަކާ ކުދިލޯނުތަކާ ބޮޑެތި ލޯނުތައް ނަގައިގެން ވެރިކަން ކުރިއަށް ގެންދާން ފެށިނަމަވެސް ދިވެހި ރައްޔިތުންނަށް ސިޔާސީ ވާހަކައެއް ދައްކާލުމަކީވެސް ދީނީގޮތުން ހަރާމްކަމެއް ކަމުގައި ހަދައި ރައްޔިތުން ގެންގުޅުނީ އަޅުވެތި ކޮށްގެންނެވެ. ސަރުކާރުން ބުނާހައި ކަމަކަށް އާންހޫން ކިއުއްވައި ބޭރުގައުމުތަކަށް ދެއްކުމުގެ ގޮތުން ރާއްޖެތެރޭގެ ރަށްރަށުގައި ޖަމިއްޔާ ހަދައި ރައްޔިތުން ގުދުވިންދުވައިގެން އޮފީސްތަކާ އިންޖީނުގެތަކާއި މަދަރުސާތައް އަޅުވަމުން ގެންދިޔައިރު ބައިނަލް އަގުވާމީ ދުނިޔެއިން ދިންހައި ފައިސާއާއި މަދަދުތައް ގެންދިޔައީ ބާކީކޮށް ވެރިމީހާގެ އާއިލާއާއި ގާތްމީހުންގެ އެކައުންޓުތަކަށް ގުޅަކުރަމުންނެވެ. ދިވެހީންތިބީ ގަހުގަތް ގޮތަށެވެ. ލިބޭ އެއްޗެއް ޚަރަދުވާ އެއްޗެއް އެނގޭކަށް ނުޖެހެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރުކާރުން ބުނާހައި ކަމެއް ކުރުމަށް ކަތީބުންގެ މަސްއޫލު ވެރިކަމުގައި ޖަމިއްޔާއެއް ހަދައި ބޮޑުބެރު ޕާޓީތަކާއި މާލޫދު ޕާޓީތައް ނޫން އެއްޗެއް ހެދުމުގެ ހުއްދައެއް ނެތެވެ. ބޭރުދުނިޔެއަށް އަބަދުވެސް އަންގައި ދެމުން ގެންދިޔައީ ދިވެހީންނަކީ ވެރިމީހާއާއި ހެދި މޮޔަވެ އޭނާއަށް އަޅުކަންކުރާ ބައެއް ކަމުގައެވެ. މިނޫންގޮތަކަށް ބަހެއްބުނެފި ކޮންމެ ދިވެއްސަކަށް އޮތީ ފެންނާންއޮތް ރަތްމަރެވެ. ވެރިކަމުގެ ހަދައުރު ނިންމާލީ މަ ލާ ވޯޓު މަށަށްވެސް ނޭނގެޔޭ ބުނާގޮތަށެވެ.

ދިވެހީންނަށް ސަރުކާރުން ދެމުންގެންދިޔަ އަނިޔާތަކަށް ކޮންމެގޮތަކަށްވެސް ކެތްކޮށްގެން ޗުއްޕުނުބުނެ ތިބި ތޮށިގަނޑުން ފަޅާލައި ބޭރުކޮށްލީ އެމްޑީޕީގެ ވިސްނުން ފެށުނު ހިސާބުންނެވެ. އެމްޑީޕީގެ ކެރުމާއި ހިތްވަރުގެ ކުރިމަތީގައި އަނިޔާވެރި ސިޔާސަތުތައް އިނދަޖައްސާލައި ރައްޔިތުންނައިގެން ނުކުމެ ވެރިކަން ބަދަލު ކުރިއެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތަޢާރަފު ކުރައްވައި ރައްޔިތުންނަށް ސިޔާސީ ފުރިހަމަ މިނިވަންކަމެއް ގެނެސްދެއްވަން މަސައްކަތްކުރިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވުނު ސިޔާސީ ހަގީގީ މިނިވަންކަމާ އެކުއެކުގައި އާކޮންމެ ކަމަކަށް މީހުންގެ ޝައުގު އެނބުރިގެން ދާބީދައިން ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރާން ފެށި ތިންލައްކައެއްހާ މީހުންގެ މިއާބާދީގައި އެތަކެއް ސިޔާސީ ޕާޓީތައް އުފެދި ބައެއް ޕާޓީތައް މިއަދާ ހަމަޔަށް އައިއިރު ވަނީ ޕެރަލައިޒްވެ ދޭނެ ފަރުވާއެއްވެސް ނޭނގިފައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނީ ބެލެނިވެރިޔަކީ ސަރުކާރުކަމެއް ކޮމިޝަނެއްކަމެއް އެނގޭން ނެތްއިރު ސިޔާސީ ޕާޓީއެއް ހިންގެނީ ކިތައް މެންބަރުން ތިބެގެން ކިހިނެއް ކަމެއްވެސް މަދުބަޔަކަށް މެނުވީ ނޭނގެއެވެ. ސިޔާސީ ލީޑަރުންގެ ގޮތުގައި ނުކުތް ގިނަމީހުން ސިޔާސީގޮތުން އިނދެ ވަރިކޮށް، ފަށްކަނޑަމުން ދުށްވައިގަތްތަން ފެނުނީ ދާދި އަވަހަށެވެ. ޑިމޮކްރަސީގެ ޅަފަތުގައި އޭގެ ފައިދާ ރައްޔިތުންނަށް ނޭނގެނީސް މިކަން އެކޮޅުކޮޅުން ޖަހާލުމަށް ނުކުމެ އެތުރިލީ ކުރީގެ ޚުދުމުޚުތާރު ވެރިޔާއާއި އޭނާގެ ބައިވެރީންނެވެ. އެންމެފަހުން ރާއްޖޭގައި ބިންގާއެޅުނު ޑިމޮކްރެޓިކް ވެރިކަން އެންމެ ތިންއަހަރުގެ ތެރޭގައި ބަޣާވާތެކޭ ކޮންމެ މީހަކަށް ވެސް ބުނެވޭނެ ހުރިހާ ބަހާއެއް ހިމަނައިގެން ވައްޓާލައި އަލުން މިގައުމުގެ ހުރިހައި ބާރަކާއި ބޮޑުބަހެއް ބުނުމުގެ ވެރިޔަކީ މައުމޫނު ކަމުގައި މިއަދު ހަދައިފިޔޭ ބުނުމުން އެކަމާ އިދިކޮޅުވާނީ މަދުބައެކެވެ. ދީން އައްޑަނައަކަށް ހަދައިގެން މަދު ދީނީ އިލްމުވެރީންނޭ ކިޔާބަޔަކު ނުކުމެ ރައްޔިތުން ހައްލާލައި ޑިމޮކްރަސީ ފުނޑާލުމަށް މިވަނީ ވެރިކަން ބަދަލު ކޮށްލާފައެވެ. މިއަދު މިގައުމުގައި މިއޮތީ ހުޅުޖެހުމާއި، މާރާމާރީ ހިންގުމާއި މީހުން މެރުމެވެ. ލޫޓުވުމާއި، ގެރި ޒުވާބެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިތިބީ ގޮތްހުސްވެ ވާނެގޮތެއް ނޭނގި ކަންބޮޑުވެފައެވެ. މިއަދު އެންމެ ހަރުކޮށް ކިޔަނީ މިއީ ބަޣާވާތެއްތޯ ނޫންތޯއެވެ.

ގައުމު އިނދަޖެހި އަވަދި ވަނީއެވެ. މުޅިގައުމުގެ ބައިތިލްމާލު ވެރިކަމުގައި ހުރިމީހެއްގެ ޖީބަށް ލުމާއި ރަށްރަށުގެ ވަލުގައި އުޅޭ މަސްފަލަ ހާލާއި ރަށުގައި ހެދި ބޮޑުވަމުން އަންނަ ލޫޅާފަތި އަންހެން ކުދީންނާއި ނޫކަށި ފުރައިގެ ޒުވާން ފިރިހެން ކުދީންގެ އިއްފަތް ތެރިކަން ވެރިކަމުގައި ހުރިމީހާގެ އާއިލާގެ ބޭފުޅުންނަށް އިތުރަށް ވަގުފުކުރާނެ ވެރިކަމެއް، ރައްޔިތުން އަނގައިގައި މަލަން އަޅައިގެން ޗުއްޕުނުބުނެ ތިބޭންޖެހޭ ވެރިކަމެއް ދިވެހީން އަލުން ބޭނުންނުވާކަން ހަމަޔަގީނެވެ. ނަމަވެސް އަނެއްކާވެސް ޚުދުމުޚުތާރު ސަގާފަތް ދިރުވުމަށް އަނިޔާވެރީން އެތިބީ މިގައުމު ބަނޑުދަށު ލައިގެންނެވެ.

މިއަދު އެންމެހައި ދިވެހީންނާއި ބޭރު ގައުމުތަކުން އިންތިޒާރު ކުރަނީ ރާއްޖޭގައި އުފައްދާފައިވާ އިންކުއަރީ ކޮމިޝަނުން ނެރޭ ރިޕޯޓު އޮންނާނެ ގޮތަކަށެވެ. މިހާރުވެސް އެރިޕޯޓުގެ ކުރީންވެސް ބޭރުގެ ބާރުތަކުންނާއި ގިނަދިވެހި ރައްޔިތުން ބުރަވެ އަޑަށް ބާރުލާފައި މިބުނަނީ މިއީ ބަޣާވާތް ކޮށްގެން ގެނައި ސަރުކާރެއް ކަމުގައެވެ. ގައިމުވެސް އިންކުއަރީ ކޮމިޝަނުން ބަޣާވާތަކަށް ނިންމައިފިނަމަ އެހިސާބުން ރާއްޖޭގެ ވެރިކަން ކޮންމެ ގޮތަކުން ނަމަވެސް ދިވެހީން ބަދަލު ކުރާނެއެވެ. ސުވާލަކީ މިހިސާބުން ދެން ފޫގަޅައިގެން މިނުކުމެއުޅޭ މަކަރުވެރި ސިޔާސީ ލީޑަރުންނަށް ވެގެންދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ރާއްޖޭގައި ގަންހިންގައި ބަނޑުބިންމަތީ ޖެއްސުމުގެ ސަގާފަތް ފެށިގެން ދިރިދާނީ ހެއްޔެވެ؟ މިގައުމު މިނިވަން ކަމުން މިއަދާ ހަމަޔަށް މިކުރާ ދަތުރު އެންމެ ފަހުން ނިމޭނީ ކިހިނެއްކަމާމެދު ފިކުރުކޮށްލުމަށް މިއީ ރަނގަޅު ދަނޑިވަޅެއް ކަމުގައި މެނުވީ ނުދެކެމެވެ.