ނޫސް ބަޔާން
7 ފެބްރުއަރީ 2012 ވަނަ ދުވަހު ވެރިކަން ބަދަލުވެގެންދިޔަގޮތާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިވާ އިންކުއަރީއެއް ނިންމުގެ ތާރީޚަކީ 31 އޮގަސްޓް 2012 ވަނަ ދުވަސް ކަމުގައި ކަނޑައަޅާފައިވަނިކޮށް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދެމުވައްސަސާކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރައްވާ އެކިފެންވަރުގެ ބޭފުޅުން ވަޒީފާތަކުން ވަކިކުރައްވަމުން ގެންދަވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާކަމެކެވެ.
ފާއިތުވީ ހަމަސް ދުވަހުގެ ތެރޭގައި މިދެމުވައްސަސާގެ ސީނިޔަރ ރޭންކުތަކުގެ އޮފިސަރުންނަށް އެކިގޮތްގޮތަށް ބިރުދައްކައި އަދި ވަޒީފާއިން ވަކިކުރައްވަމުން އަންނަކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަ ކުރަމެވެ. ހިނގާމިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންގެ އިސް ދެ އޮފިސަރުން ކަމުގައިވާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރައްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް މަނިކު ވަނީ މިހާރު ހުރި ރޭންކުން އެހެން ރޭންކަކަށް ބަދަލުކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ ހަފްތާގެ ތެރޭގައި އެމް.އެން.ޑީ.އެފް މެޑިކަލް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާގެ މަޤާމުގައި ހުންނެވި ކެޕްޓަން ޑރ. ފާތުމަތު ތަހުސީނާ ވަނީ އެމަޤާމުން ވަކިކުރައްވާފައެވެ. އަދި ސިފައިންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރެއްވި ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ ވަނީ ފާއިތުވީ މަހުގެ 16 ވަނަ ދުވަހު ސިފައިންގެ ޚިދުމަތުން އިސްތިޢުފާ ދެއްވާފައެވެ. އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މޭޖާރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތުން އިސްތިޢުފާ ދެއްވާފައެވެ.
ވެރިކަން ބަދަލުވެގެން އައިގޮތް ބަލައި އެކަމާމެދު ޢަމަލު ކުރާނޭ ގޮތް ކަނޑައެޅޭނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށެވެ. މިދެންނެވި މަސައްކަތްތައް ނުނިމެނީސް ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ކުރިއެރުން ދީ، ބިރުދައްކައި އަދި މިނޫންވެސް ވަޒީފާތަކާ ގުޅޭގޮތުން އެއްވެސް ކަމެއް ނުކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި މިދެންނެވި ކޮމިޝަނުގެ މަސައްކަތްތައް ނިމެންދެން ސަލާމަތީ ބާރުތަކުގެ މަޤާމުތަކާއި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން އިސްތިޢުފާ ނުދެއްވާ މަޑުކޮށްދެއްވުމަށް އެދިދަންނަވަމެވެ.
މުޙައްމަދު ނަޝީދު