އަޙްމަދު ރަޝީދު – ލ. ފޮނަދޫ
ފޮނަދޫގައި މިވަގުތު ތިބި އެމްޑީޕީ މެންބަރުންނާއި އެ ޕާޓީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ރޭ ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީ ފޮނަދޫ ހަރުގޭގައި ރޭ އޮތް މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތަކުން ވައްޓާލުމާއި ގުޅިގެން އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ޙަރަކާތްތަކުގެ މަޢުލޫމާތު މެންބަރުނާއި ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ލާމަރުކަޒުކުރުމުގެ އުސޫލާ އެއް ގޮތަށް އެމްޑީޕީގެ ހިންގުން ބައްޓަން ކުރުމުގެ މުހިންމު ކަމާއި، އެކަމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މޫސަ ވާހަކަފުޅުދެއްކެވިއެވެ. އަދި 7 ޕްރޮވިންސްގައި އެމްޑީޕީގެ 7 އިދާރީ އޮފީސް ގާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދާއިރާތަކުން ފަންޑު ރެއިސްކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް ޤާއިމު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދާ ޙަރަކާތްތަކުގައި ހައްޔަރު ކުރެވޭ މެންބަރުންގެ މަޢުލޫމާތު ގޮފިތަކާއި ދާއިރާތަކުން އެމްޑީޕީ މައި އޮފީހަށް ވަގުތުން އެންގުމުގެ މުހިންމަ ކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. “މިހާރު ވެލްފެއަރ އާއި ބެހޭ ކޮމެޓީ ވަރަށް ރަނގަޅަށް ހިނގާނެ، ލޯޔަރުންނާއި ބެހޭ ކޮމެޓީ ވަރަށް ރަނގަޅަށް ހިނގާނެ.” މޫސަ އިތުރަށް ވިދާޅުވީ ލޯޔަރުންގެ ޓީމުން ހަމަ ހިލޭ ސާބަހަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ޕާޓީގެ މެންބަރޝިޕްގައި މިހާތަނަށް 48600 މީހުން އެބަތިބިކަމަށާއި ހުށައަޅާފައި ހުރި ފޯމުތަކުގެ ޢަދަދު 500 އަށްވުރެން އިތުރަށް ހުރިއިރު އިލެކްޝަންސް ކޮމިޝަނުން ރިޖެކްޓް ކޮށްފައިވާ 2900 ފޯމު ސައްޙަކުރުމަށް ދާއިރާތަކަށް ފޮނުވާލެވިފާ ވާނޭކަމަށްވެސް ވިދާޅުވިއެވެ. އަދި ޕާޓީއަށް ހިތުން ރުހުމުން ވަދެ ތިބި މީހުންގެ ޢަދަދު ބައިލައްކައަށްވުރެން މަތިކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ބަޣާވާތް ގެނައި މިހުން އެކަން ކުރި ގޮތުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި ވަރަށް އަވަހަށް އަވަސް އިންތިޚާބެއް ލިބޭނެކަން ޔަޤީން ކުރުމަށް މެންބަރުންނަށް ގޮވައިލެއްވިއެވެ.
ފޮނަދޫގައި ތިބި އެމްޑީޕީ މެންބަރުންނާއި އެމްޑީޕީގެ ޗެއަރޕާސަން ބައްދަލުކުރެއްވީ އަމިއްލަ ދަތުރުފުޅެއްގައި ލ. އަތޮޅަށް އިއްޔެ ކުރެއްވި ޒިޔާރަތެއްގައެވެ.