ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 94
ތާރީޚް: 12 އޮގަސްޓް 2012 (އާދީއްތަ)
މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ކުށްވެރިކުރުން
މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގައި، އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ރަޙުމުކުޑަ ޢަމަލުތައް ހިންގަމުންގެންދާތީ، އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި މުސްލިމުންގެ ގެދޮރު ރޯކޮށް، އެމީހުންގެ މުދާ ފޭރުމާއި އަންހެނުންގެ އިއްފަތްތެރިކަން ނަގާލުމާއި، ކުޑަކުދިން ކިޑްނެޕްކުރުމުގެ އިތުރުން ފާޅުގައި ގަތުލުއާންމު ހިންގުން ހިމެނޭއިރު، މިސްކިތްތައް ހަލާކުކުރުމާއި، އަޅުކަންކުރުން މަނާކުރުމާއި، އެމީހުންގެ ދީނީ ޢިލްމުވެރިންނާއި ޝަރީޢާ ކިޔަވާ ދަރިވަރުން ހައްޔަރުކުރުންފަދަ އިންސާނިއްޔަތާ ޚިލާފް ޢަމަލުތައްވެސް އެމީހުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ކަމުގެ މައުލޫމާތު ލިބެމުންދާކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
އެހެންކަމުން މިޔަނަމްމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ރަހުމުކުޑަ އަމަލުތައް ވަގުތުން ހުއްޓާލައި، އިންސާނީ ކަރާމަތާއި، ޝަރަފަށް އިހުތިރާމްކުރުމަށް މިޔަންމާ ސަރުކާރަށް މި ޕާޓީން ގޮވާލަމެވެ. އަދި މިޔަންމާގައި ހިންގަމުންގެންދާ އިންސާނިއްޔަތާޚިލާފު އަނިޔާތަކާއި ރަޙުމުކުޑަ އަމަލުތައް ބަލައި ތަހުގީގުކުރުމަށް ކަމާއި ބެހޭ ބައިނަލްއަޤްވާމީ އެންމެހާ މުޥައްސަސާތަކަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: ސެކްރެޓޭރިއަޓް