ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގަސްދުގައި އަވަހާރަކޮށްލަން މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބައްލަވައި، ދައުވާކޮށްދިނުމަށް އެދިވަޑައިގެން އޭނާ މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގަސްދުގައި އަވަހާރަކޮށްލަން މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބައްލަވައި، ދައުވާކޮށްދިނުމަށް އެދިވަޑައިގެން އޭނާ މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ހުށަހަޅުއްވައިފިއެވެ .

އޭނާއަށް އެކިފަހަރުމަތިން ފުލުހުންދީފައިވާ އަނިޔާގެ މައްސަލަތައް ބަލައި ބަޣާވާތުގެ ސަރުކާރުގެ ވެރިޔާ މުޙަންމަދު ވަހީދު ހަސަން މަނިކާއި، ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އަށް މިއަދު ފޮނުއްވި ސިޓީ ގައި ބޮންޑެއަށް ފުލުހުން ދީފައިވާ އަނިޔާތައް ވަރަށް ތަފްސީލްކޮށް ވިދާޅުވެފައިވެ އެވެ.

“އަޅުގަނޑަކީ ފެބުރުއަރީ 7 ވަނަ ދުވަހު ގާނޫނީ އިމުން ބޭރުން ފުލުހުންނާއި ސިފައިން ހިންގި ހަރަކާތުގައި ވެރިކަން ވެއްޓުމަށްފަހު އެންމެ ގިނައިން ފުލުހުންގެ ޝިކާރައަކަށް ވަމުންދާ އެއްފަރާތެވެ. ޖުލައި މަހުގެ 30ވަނަ ދުވަހު އެމްޑީޕީގެ ފަރާތުން ބޭއްވި ސައިކަލް ބުރުގައި އަޅުގަނޑަށް ފުލުހުންވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އަދި އަޅުގަނޑަށް ފުލުހުން ދެމުންދާ އަނިޔާތަކަކީ ގަސްތުގައި އަޅުގަނޑު މަރާލުމަށް ދެވޭ ހަމަލާތަކެއްކަމުގައި ދެކެމެވެ. އެއީ ޖުލައި 30 ވަނަ ދުވަހުވެސް ފުލުހުންގެ ބޮޑު ޓީމަކުން އަޅުގަނޑު ހިފަހައްޓައި އަޅުގަނޑުގެ އެއްވެސް ގަދަ ދެއްކުމަކާއި ދެކޮޅު ހެދުމެއްނތި އުޅެނިކޮށްވެސް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އަޅުގަނޑުގެ މައިބަނދައާއި އަމާޒުކޮށް ފުލުހަކު 3 ފަހަރު ފައިން ޖަހާފައިވެއެވެ. އަދި އެދުވަހު އެހެން ފުލުހަކުވަނީ އަޅުގަނޑުގެ ބުރަކަށީގައި 2 ފަހަރު ދަތްއަޅާފައެވެ. މިވާހަކަތައް އަޅުގަނޑު މީޑިއާއަށް ހާމަކުރުމާއެކު ފުލުހުން އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވައި އަޅުގަނޑު ހައްޔަރުކުރިއެވެ. އަދި ފުލުހަކާއި މާރާމާރީ ހިންގި ކަމަށްބުނެ ގޭ ބަންދު ކުރިއެވެ. އެހެން ނަމަވެސް އެކަށީގެންވާ ހެކި ފުލުހުންނަށްވަނީ ނުދެއްކިފައެވެ.” ބޮންޑެގެ ސިޓީގައި ވެއެވެ.

ފެބުރުއަރީ މަހުގެ 8ވަނަ ދުވަހަކީވެސް ފުލުހުން އޭނާއަށް ބޮޑެތި އަނިޔާތަކެއްދީ އޭނާ ގަސްތުގައި މަރާލަން އުޅުނު ދުވަހެއް ކަމަށާއި، އެހެންނަމަވެސް ﷲ ގެ މިންވަރުފުޅުން އޭނާ ސަލާމަތްކޮށްފައިވާ ކަމަށް ވިދާޅުވެ، އެދުވަހު އެމްޑީޕީން ކުރި މުޒާހަރާއެއް ފުލުހުން ރޫޅާލުމުން އޭނާ ފާމްދޭރި މަގުގައި ހުންނަ ފާމްދޭރިގޭގެ އިމުގެ ތެރޭގައި ހުއްޓާ ފުލުހުން އެތަނަށްގޮސް ކޯޓު އަމުރެއް ނެތި އޭނާ ދަމާނެރެ ފުލުހުންގެ އެންކަލް ބޫޓްތަކުންނާއި ދަގަނޑު މުގުރުތަކުން، އެއްވެސް ރަހުމެއް ނެތި ހޭނެތެންދެން އެދުވަހުވެސް އަނިޔާކޮށްފައިވާ ކަމަށް ބޮންޑެގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

“އަދި ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން އަޅުގަނޑަށް ބެލެވެނީ މިއީ ފުލުހުންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ މުހައްމަދު ވަހީދު ހަސަން މަނިކާއި އަދި ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ގަސްތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް، ރާވައިގެން އަޅުގަނޑު މަރާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށެވެ. އެހެން ދަންނަވަން ޖެހެނީ މިހާތަނަށް ހިންގި އެއްވެސް އަމަލެއް އެދެ ބޭފުޅުން ކުށްވެރިކުރައްވާފައެއްނުވެއެވެ. އަދި ފުލުހުންނަށް އެފަދަ އަމަލެއް ނުހިންގުމަށް އިލްތިމާސްވެސް ކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފުލުހުންގެ އަމުލުތަކަށް ހިތްވަރުލިބޭގޮތަށް އެދެބޭފުޅުންވެސް ދަނީ ވާހަކަދައްކަވަމުންނެވެ.” ދެ ޞޮފްހާގެ އެ ސިޓީގައިވެއެވެ.

އެ ގޮތަށް ފުލުހުން ބޮންޑެ ހިފައިހައްޔަރު ކުރަމުންދަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އޭނާއަށް ލިބިދޭ އިމްތިޔާޒުތަކަށް ވެސް ބެލުމެއްނެތި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގުމެއް ނެތި ކަމަށާއި، ހަތަރު ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައިވާއިރު އެއްވެސް ފަހަރެއްގައި ކޯޓް އަމުރެއް ދައްކާފައިނުވާއިރު، ގަބޫލުކުރެވޭނެ އެއްވެސް ސަބަބެއް ވެސް ފުލހުން ދައްކާފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ބޮންޑެ ވިދާޅުވެފައިވެއެވެ.

އެކަމަކީ ޤާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުލަތުގެ އިސް މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމަށް އެމީހެއްގެ އެއްވެސް ކުށެއްނެތި ހިފާ ހައްޔަރުކުރުން ކަމަށް ދެކިވަޑައިގަންނަވާތީ ގާނޫނު އިމުގެ ތެރެއިން ޕޮރެސެކިއުޓަރ ޖެނެރަލަށް ލިބިވަޑައިގަންނަވާ އިހްތިސާސްތަކުގެ ތެރެއިން، ބޮންޑެ ގަސްތުގައި އަވަހާރަކޮށްލުމަށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ކަމާއި ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ވަހީދު ހަސަން މަނިކާއި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒް ދެއްވަމުންދާ ހަމަލާތައް ބަލައި ތަހުގީގުކޮށް ދިނުމުގެ އަމުރެއް ނެރެދެއްވުމަށް ޕީޖީގެ އަރިހުން ބޮންޑެ އެދިވަޑައިގެންފައިވެއެވެ.

ބޮންޑެ ޕީޖީއަށް ފޮނުއްވި ސިޓީ ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ