ދިވެހިރައްޔިތުން މިސަރުކާރަށް ބޯލަނބަން ޖެހޭތަ؟

ފުނަމާ

މިއީ ގިނަބައެއްގެ މެދުގައި މިއަދު ކުރެވޭ ސުވާލެކެވެ. ޖަވާބު އެކިގޮތަށް ނުކުތުމުން އިތުރު ސުވާލުތަކެއް އުފެދިގެން ދެއެވެ. ޝައްކެއްވެސް ނެތި އެނގޭ ގޮތުގައި ދިވެހި ދައުލަތަކީ ދިވެހިރައްޔިތުންނާއި ގުޅިލާމެހި ވަކިނުކުރެވޭނެ އެއްޗެކެވެ. މިދައުލަތުގެ އެންމެ އިސްވެރީންނަކީ ދިވެހި ރައްޔިތުންނެވެ. ގައުމު ހިންގުމުގައި ސަރުކާރެއް އެކުލަވާ ލެވެނީ ރައްޔިތުންގެ ވޯޓަކުންނެވެ. ވެރިކަމުގައި މީހަކު ބަހައްޓާނީ ރައްޔިތުންގެ އަޣުލަބިއްޔަތާއެކު ގާނޫނީ އިމުގެ ތެރެއިންނެވެ. ރައްޔިތުން އެމައްޗަށް ޢަމަލުކުރުމަށް ހަދާ އެންމެހައި ގާނޫނުތައް އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން ހަދައި އެކަށައަޅާނީ ރައްޔިތުން އިންތިޚާބުކުރާ މަޖިލީހަކުންނެވެ. ގާނޫނުއަސާސީ ބުނެ އަންގައިދެނީ މިގޮތަށެވެ. އޮޅުމެއް އަމުދުން ނެތެވެ.

ކަންމިހެން އޮތްއިރު ދެހާސް އަށްވަނަ އަހަރު އެހިނދަށް މިގައުމުގައި ތިރީސް އަހަރުވަންދެން ދެމިގެންދިޔަ ވެރިކަން ދިވެހިރައްޔިތުންގެ ވޯޓަކުން ބަދަލުކޮށް ވެރިކަން ކުރުމާ ޙަވާލުކުރީ އެމްޑީޕީގެ މެނިފެސްޓޯއާއި އެކުގައި ނުކުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ގ. ކެނެރީގޭ މުޙަންމަދު ނަޝީދުއާއިއެވެ. މިކަމުގައި ކުޑަވެސް ޝައްކެއް ނެތެވެ. ގާނޫނީ ހުސްކަމެއް ނައުމަށް ވިސްނައި ގާނޫނުއަސާސީގައި ލިޔެފައިވާ ލިޔުމަށް ބަލާއިރު ރައީސުލް ޖުމްހޫރިއްޔާ އެއްވެސް ސަބަބަކާހުރެ މަގާމު އަދާކުރުމަށް ޢުޒުރުވެރި ވެއްޖެ ހިނދެއްގައި ވެރިކަމުގެ މަސްއޫލިއްޔަތު ދައުރުގެ ނިމުމާ ހަމަޔަށް ކުރިއަށް ގެންދިއުމަށް ބޮލުރުވައި ހަވާލުކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރި ކެންޑިޑޭޓެއްގެ ރަނިންގ މޭޓެއްގެ ގޮތުގައި ނުކުމެ ރައީސުލް ޖުމްހޫރިއްޔާއާއި އެކުގައި ވާދަކުރި ފަރާތަކާއެވެ. އެގޮތުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ގާނޫނީ ހަމަތަކުގެ މަތީން ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވާން ޖެހެނީ ނާއިބުރައީސްކަން ގާނޫނުއަސާސީން ބުނެ އަންގައިދެއެވެ. އެހެންކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ޔުރީކާ މަނިކު އެމަގާމުގެ ހުވާކުރުމަކީ ގާނޫނީ ފުށުއެރުމެއް ކަމުގައި ބަލާނެ އެއްވެސް ޖާގައެއް ނެތެވެ. އެކަމަކު މިކަން ސައްޙަވެ ފުރިހަމަވާން ޖެހޭހިސާބުގައި ސުވާލުތަކެއް އުފެދިގެން ނުވާނެއެވެ.

ބަލާލަން ޖެހެނީ ރައީސް ނަޝީދު ހަމަ އެއްވެސް މަޖުބޫރުކަމެއްނެތި އިސްތިއުފާ ދެއްވީތޯއެވެ. ތެދެކެވެ. ސިޔާސީގޮތުން ގައުމު ހިންގަން ހުންނަ މީހަކަށް ސިޔާސީގޮތުން އަންނަ ޕުރެޝަރުތަކުގެ ސަބަބުންވިޔަސް އިސްތިއުފާ ދީފާނެއެވެ. އެހިނދުން އޭނާގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހި އެހެންމީހަކު ގާނޫނީ ހަމައިގެ ތެރެއިން ވެރިކަމާ ހަވާލުވާނެއެވެ. ނަމަވެސް އެއްކަލަ އިސްތިއުފާ ދިނުމަކީ މަޖުބޫރުކޮށްގެން، މަރުގެ އިންޒާރުދީގެން އިދިކޮޅު ބަޔަކު ނުކުމެ ވެރިކަން ވައްޓާލުމަށް ހިންގި ކަންތައް ގަނޑެއްކަން އެނގުމުން އެދިން އިސްތިއުފާ ސައްޚަ ކަމުގައި ބަލާނެ ޖާގައެއް ހަމަޔަގީނުންވެސް ބުއްދީގެ ހަމައިން ބަލާއިރަކު ނޯންނާނެއެވެ. ހަމައެހެންމެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ އެކުގައި އެއްކަލަ ރައްޔިތުން ބަލައިގެން ސިޔާސީ ޕާޓީގެ މެނިފެސްޓޯއަށް ފައިންއަރައި އެއްލާލައި މަލްޓިޕާޓީގެ އުސޫލުގެ ތެރެއިން ވެރިކަން ކުރަމުންގެންދިޔަ ޕާޓީ ވެރިކަމުން ދުރުކުރުމަކީ ގާނޫނީ ހަމަޔަކުން ސައްޚަ ކުރެވޭނެ ކަމެއް ނޫނެވެ. ކުރީގައި ރައްޔިތުން ވެރިކަމަށް ނޫނެކޭ ބުނި އެންމެން ނެރެ އެމީހުންނަށް ވެރިކަމުން ބައިއަޅާ ސަރުކާރު ގަޑުބަޑު ކުރުމުގެ އެއްވެސް ގާނޫނީ ޙައިސިއްޔަތެއް އޮވެގެން ނުވާނެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ރާއްޖޭގައި ރައްޔިތުން އިންތިޚާބުކުޅަ ވެރިޔާ މަގާމުން ވަކިކުރީ ބަޣާވާތް ކޮށްގެން ހެއްޔެވެ؟

ލިބިހުރި ހެކިތަކާ ފެންނާންހުރި މަންޒަރުތަކާ އިވެމުންދިޔަ އަޑުތަކުން އެނގި ޔަގީންވަނީ ބަޣާވާތެއް ކަމުގައެވެ. ގާނޫނާއި ޚިލާފަށް ވެރިކަން ބަދަލުކުރުމަކީ ބަޣާވާތެއް ކަމުގައި ވާނަމަ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުވީ ބަޣާވާތަކުން ކަމުގައި މިއަދު އެވެރިކަން ހަވާލުކުރި ގިނަ ރައްޔިތުން މިގެންދަނީ ބުނަމުންނެވެ. އަނެއްކޮޅުން މިއަދު ސަރުކާރު ހިންގުމާ ހަވާލުވެތިބި އެންމެންހެން އެބުނަނީ މިއީ ހަމަ ގާނޫނީ ހަމަތަކުގެ މަތީން ބަދަލުވެގެން އައި ބަދަލުވުމެއް ކަމުގައެވެ. އިންސާފުވެރި ފައިސިލާއެއް ކުރާނެގޮތް މިވަނީ އޮޅިފައެވެ. ބަޣާވާތެއްތޯ ނޫނީ ، ގާނޫނީ ބަދަލެއްތޯ ނިންމާނީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުންގެ ރެފަރަންޑަމް އަކަށް ދާނީ ހެއްޔެވެ؟ ނޫނީ މިއަދު ސަރުކާރު ހިންގާންތިބި މީހުންގެ ބާރުހިނގާ ގުނަނަކުން މިކަން ނިންމާނީ ހެއްޔެވެ؟

ރައްޔިތުންގެ ވޯޓަކުން މިއީ ގާނޫނީ ސަރުކާރެއް ކަމުގައި ބުނެފިނަމަ އެކަން ބަދަލުކުރެވޭނެ ހަމައެއްވެސް ހުއްޖަތެއް ދެން އެއްބަޔަކަށްވެސް ނުދެއްކޭނެއެވެ. އެހެނީ ދައުލަތުގެ ވެރީންގެ ނިންމުން ބަލަންޖެހޭނީ އެންމެ ފަހުގެ ނިންމުން ކަމުގައެވެ. މިފަދަ ނިންމުމެއް ރާއްޖޭގެ ދައުލަތުގެ އެހެން އެއްވެސް ގުނަނަކުން ނިންމައިފިނަމަ އިތުރަށް ސުވާލުއުފެދި ދާޚިލީ ހަމަނުޖެހުމަކަށް ރާއްޖެ ވެއްޓޭނެކަމީ ދުވާލުގެ އިރު ފެންނަ ފަދައިން ޔަގީންވާނެ ކަމެކެވެ. އެހެން ކަމުން މިކަމުގައި ރައްޔިތުންގެ ނިންމުމަކީ ކޮބައިތޯ ބަލާން ނުޖެހޭނެ ހަމައެއްގޮތެއްވެސް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު ސުވާލުއުފެދެނީ މިއީ ބަޣާވާތެއްތޯ ނުވަތަ ، ނޫންތޯ ރައްޔިތުން ނިންމުމުގެ ކުރީން މިހާރު ވެރިކަމުގައި އެތިބަ މީހުންގެ އަތްބާރުއެޅޭ ގޮތަކަށް މިފަދަ ވޯޓަކަށް ދާންޖެހޭނެތޯއެވެ. ނޫނެކެވެ. އެގޮތައް ނިންމާނަމަ އަނެއްކާވެސް އިތުރު މައްސަލަ އުފެދުމަށް މަގުފަހިވާނެއެވެ. އިންސާފަކީ ކޮބައިކަން އޮޅިހިނގައި ދާނެއެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް ދާޚިލީ، ސިޔާސީ ހަމަނުޖެހުން ތަކާއި ގާނޫނީ ފުށުއެރުން ތަކެއްގެ ތެރޭގައި ދިވެހި އުންމަތް އޮޔާދުށްވާލާކަށް ހަމަ އެންމެ ދިވެހި ރައްޔިތަކުވެސް ބޭނުމެއް ނުވާނެއެވެ. މިއަދު މިގައުމު މިވެއްޓިފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމާއި އިސްލާމީ ވަހުދަތު ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމުގެ ބިރު މިދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ. ބޭރުގެ ބާރުތަކުން މިގައުމުގެ ތެެރެއަށް ވަނުމަށް މިއަޅައި ދެވެނީ ވަރުގަދަ ފާލަމެކެވެ. އެހެންވެ މިކަމުގެ އާޚިރު ނިމުން ދިވެހީންގެ ލޯތަކަށް އެތަކެއް ގަރުނުގެ ކަރުނަ އެއްކޮށް ޖަމާކުރުމުގެ ކުރީން ރައްޔިތުން ގޮތެއް ނިންމާން އެބަޖެހެއެވެ. މިކަމުގެ އެންމެބޮޑު ފަރުވާއެއްގެ ގޮތުގައި މިއޮތީ ވަގުތު ބޭކާރުކޮށް ނުލައި ރިޔާސީ އިންތިޚާބެއް ބޭއްވުމެވެ. މިހެން ބުނާންޖެހޭ ސަބަބުތައް ބައިވަރެވެ. ހަމައެކަނި މިއަދު މިއޮތްގޮތުން ރައްޔިތުން ވެރިކަން ހަވާލުކުރި ޕާޓީގެ ހައިސިއްޔަތު ނައްތާލުމާ ވެރިކަން ދިން މީހާގެ ބާރުތައް ނިގުޅައިގަތް ގޮތާމެދު އެކަނި އުފައްދާ ސުވާލުތަކަށްވެސް ޖަވާބުދޭނެ ބަޔަކު ނެތެވެ. އެކަމަކު ރައްޔިތުންނަށް މިސުވާލުތަކުގެ ޖަވާބުދޭން ޖެހޭނެއެވެ.

ދެން އުފެދިދާނެ މައްސަލަތަކަށް ބަލާލުމުން އަދި މާބިރުވެރިވެފައި އޮޅުންބޮޅުން ބޮޑެވެ. މިއަދު މިގައުމުގެ ރައީސެއް ކަމުގައި ބުނެ އެހުރި މީހާއަކީ ތެދެކެވެ. ރައީސް ނަޝީދާއި އެކުގައި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުންގެ ރަނިންގމޭޓެއްގެ ގޮތުގައި ރައްޔިތުންނަށް ވިއްކި މީހާއެވެ. އެކަމަކު މިއަދު ނާއިބު ރައީސެއްގެ ގޮތުގައި އެހެރީއަކީ ރައްޔިތުންގެ ހަމަ އެންމެ ވޯޓެއްވެސް ލިބިގެން އައިސްހުރި މީހެއް ނޫނެވެ. މާދަމާ ޔުރީކާ މަނިކު އިސްތިއުފާ ދީފިނަމަ އެއްކަލަ ވާނުވާ ނޭނގޭ ގާނޫނީ ހަމަޔޭ ބުނެފައި ވެރިކަމަށް ހުވާކުރާތަން ފެންނާނީ މިއަދުގެ ނާއިބު ރައީސްތާއެވެ. ހަމައެއާއެކު އޭނާގެ ނާއިބަކަށް ކުރީގެ ތިރީސް އަހަރުގެ ވެރިމީހާ ހަމަޖައްސައި ދެތިންދުވަސް ވެފައި އަނެއްކާ ޑީން އިސްތިއުފާ ދީފިނަމަ އަސްތާ ރައްޔިތުން ވެރިކަމުގައި ހުރުމަށް ނޫނެކޭބުނި މީހާ މިގައުމުގެ ވެރިޔަކަށް ގަބޫލުކޮށް ރައްޔިތުން އޭނާއަށް ބައިޢަތު ހިފަން ވީހެއްޔެވެ؟ ނޫނީ މިހާރުހެން ސިފައިންނާއި ފުލުހުންގެ ބާރުގައި ވެރިކަން ހިންގާނީ ހެއްޔެވެ؟

މިދައްކަނީ މަހަށްފުރާ ދޯންޏެއްގެ ކެޔޮޅުގެ ވާހަކައެއް ނޫނެވެ. މިގައުމުގެ ވެރިމީހާގެ ވާހަކައެވެ. މިކަހަލަ ދޯދިޔާ ގޮތަކަށް ގައުމެއްގެ ރައްޔިތުންގެ ހައްގުތަކަށް އިންސާފެއް ލިއްބައިނުދީ ކުރިޔަށްދާން ހަމަހެޔޮނުވާނެއެވެ. އަދި މިފަދަ އޮޅުންބޮޅުންގިނަ ކަންތައް ގަނޑެއްގެ ތެރޭގައި މިދައުލަތުގެ ވެރީން ކަމުގައިވާ ރައްޔިތުން ގަނަތަޅުވާކަށްވެސް ނުވާނެއެވެ. އަވަސް ނިންމުމެއް ނިންމާން އެބަޖެހެއެވެ. އަދި މިހަމައެއް ލަމައެއް ނެތް ނިޒާމުގެ ތެރެއިން ތިމަންނާމެންނީ ގައުމުގެ ވެރީންކަމުގައި ބުނެފައި ބަޔަކުއަރައި ހަމަކުރާހާ އަމުރަކަށް މިގައުމުގެ އެންމެހައި ބާރުތައް އެބައެއްގެ އަތުގައި އޮންނާން ޖެހޭނެ ކަމުގައި ގާނޫނުއަސާސީ އެބުނާ ރައްޔިތުން ތަބާވާން ޖެހޭނެ އެއްވެސް އަސްލެއް ނޯންނާނެއެވެ. ކުރާންވީ ކަމަކީ ރައްޔިތުންގެ މަންދޫބުންނާއި ވެރިކަން ހަވާލުކޮށް ވީއެންމެ އަވަހަކަށް ރިޔާސީ އިންތިޚާބެއް ބާއްވައި މިގައުމުގެ ވެރިކަން ސައްޚަ ކުރާންވީއެވެ. ބަޣާވާތެއްތޯ، ނޫންތޯ، މިކުރެވޭ ސުވާލުގެ ޖަވާބުވެސް އޭރުން ރައްޔިތުންނަށް ލިބިގެން ދާނެއެވެ. އެމްޑީޕީއަކީ ދެހާސް ތޭރަވަނަ އަހަރުގެ ނޮވެންބަރު މަހާއި ހަމަޔަށް މިގައުމު ހިންގުމާ ރައްޔިތުން ހަވާލުކުރި ޕާޓީއެވެ. އެކަމަކު މިއަދު މިގައުމުގެ ވެރީންނަކީ ތިމަންނާ މެންނޭ ބުނާ ބަޔަކު އެބުނަނީ އެމްޑީޕީއަކީ އުވާލަންޖެހޭ ޕާޓީއެއް ކަމުގައެވެ. އެބަސް އެބުނާ މީހުންނާއި ވެރިކަން ހަވާލުކުރީ ކޮންބައެއް ހެއްޔެވެ؟ ވީއިރު އެބަހުގެ ސައްޚަކަމާމެދުގައި ސުވާލުއުފައްދާނެ ޖާގަ އެބައޮތްދޯއެވެ. މިސުވާލުތަކުގެ ޖަވާބުނުދެވޭ އެއްވެސް ސަރުކާރަކަށް އެސަރުކާރުގެ އެއްވެސް ބާރަކަށް ރައްޔިތުންނަށް އަމުރެއް ކުރުމާއި ހުކުމެއް ކުރުމުގެ އެއްވެސް ބާރެއް، ގާނޫނީ ހައިސިއްޔަތެއް އޮންނާނެ ކަމަކަށް ދުނިޔެއިން މޮޔަވެފައި ހުރި މީހަކުމެނުވީ ނުބުނާނެކަން ޔަގީނެވެ. އަދި ހަމަ މިގޮތުން މިއަދު މިއޮތްފަދަ އެކޮޅާއި މިކޮޅު ސައްޚަވެނެތް ސަރުކާރަކުން ކުރާ އަމުރުތަކަށް މިދައުލަތުގެ އެންމެހައި ބާރުތަކުގެ މިލްކުވެރީން ކަމުގައިވާ ރައްޔިތުން ތަބާވާން ޖެހޭނެ ކަމުގައި ބުނެވޭނެ އެއްވެސް ގާނޫނީ އަސާސެއް އޮތް ކަމަކަށް ނުދެކެމެވެ.