އަނބުރާ ގެނެސްފައިވާ ދައުވާއެއް އަލުން ހުށަނޭޅޭނޭ ކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ

ދައުވާކުރުމަށް ފަހު، އެ ދައުވާއެއް އަނބުރައި ގެނެސްފައި ވަނިކޮށް، އަލުން އެ ދައުވާ ކުރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ ވަކީލު އަލްއުސްތާޛް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން އަދާ ކުރި ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުންނެވެ. ސުއޫދު ވިދާޅުވީ ޕީޖީގެ ގާނޫނުން ޕީޖީއަށް ލިބިގެން ވަނީ ދައުވާކުރުމާއި، ދައުވާ އަނބުރައި ގެނައުމުގެ ބާރު ކަމަށާއި، އަނބުރާ ގެންނަ ދައުވާއެއް އަލުން ހުށަހެޅުމުގެ ބާރު ޕީޖީ އަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ސުއޫދު ނެންގެވި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމަވާނެކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.