ބާޣީ ކޯލިޝަން ނޭވާހޮޅިޔަށް އެޅިފައި

ފުނަމާ

ނުބައި ނުލަފާ ނިޔަތެއްގައި ހަތުރުންތަކެއް އެކުވެ އެއްވެގެން މިދިވެހި އިސްލާމީ އުންމަތުގެ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިފައިވާ ސަރުކާރު ވައްޓާލައި އުފެއްދި ބާޣީ ވެރިކަމުގައި ހިމެނޭ މޭސްތިރީންގެ މެދުގައި އެންމެ ފުރަތަމަ ދުވަހުއްސުރެ މައްސަލަތައް އުފެދި ޒުވާބުތައް ހިގަމުން އައިކަން އެންމެންވެސް ދަނެއެވެ.

ވެރިކަމާ ޖާހާއި ބާރަކީ އެމީހުންގެ އީމާން ކަމުގައި ދެކިގެންތިބި ބަޔަކު ނުކުމެ މުނާފިގު ކަމުގެ އިންތިހާގައި ދީން އައްޑަނައަކަށް ބޭނުންކޮށް މީސްތަކުން އޮޅުވާލިއިރު ބާޣީންގެ މޭސްތިރީންގެ ގޮތުގައި ތިބި މީހުންނަކީ އިސްލާމީ އުންމަތެއްގެ ވަލީއުލްއަމްރު ގަދަކަމުން ވެރިކަމުން ދުރުކުރުމީ ކިހާވަރެއްގެ ނުބައިނުލަފާ ޝައިތާނީ އަމަލެއްކަންވެސް ނޭނގޭ ޖާހިލުންތަކެއްކަން މިއަދު މިއޮތީ ސާބިތުވާށެވެ. އަދި ބޮޑު ޖުއްބާ ލައިގެން ވަސްވާސްދީ މިގައުމު ހަލާކުގެ މަގަށް އެއްލާލުމަށް ޝޭޚުންގެ ނަމުގައި އެނުކުތް މީހުންނަކީ ކިހާވަރެއްގެ ނުބައިނުލަފާ ނިޔަތަކައިގެން ނުކުތް ބައެއްކަންވެސް މިއަދު މިވަނީ އޮޅުން ފިލާފައެވެ.

މިއަދުގެ މިބާޣީ ސަރުކާރުގެ ތަނބުތަކުގެ ގޮތުގައި އެތިބަ އެންމެންނަކީވެސް އެކަކު އަނެކެއްގެ ލެޔަށް ފެންބޮވައި ގެންފައިތިބި ބައެއް ކަމުން އެކުވި އެކުވުމަކީ މަކަރާ ހީލަތުން މިގައުމުގެ ވެރިކަމަށް ފުންމައި ގަތުމަށް ބޭނުންކުރި އުކުޅެއްކަމުން އެކަން ކޮންމެ ގޮތަކުން ނަމަވެސް ޙާސިލް ވުމުން ދެންފެންނާންފެށީ ދައުލަތުގެ ބާރުތަކާޢި މުދާތައް މުށްދަށުލުމާއި ލޫޓުވުމުގެ ކުޅިގަނޑެވެ. އެގޮތުން އެމީހުންގެ ތެތްފޭލި އުފުލާ މީހުންނަށް ދާންދެން ދައުލަތުގެ ވަޒީފާތައްދީ އުޑިއަނބުރަން ފެށީ އަމަށަކު ވަރަކަށް ނޫނެވެ.

ހިތުހުރި ގޮތަކަށް އެންމެހައި ކަންކަން ކުރުމުގައި ހުރަހަކަށްވީ ކުރީންވެސް މިގައުމުގެ ދީނީ ދަންނަބޭކަލުންނާއި ނިކަމެތި ރައްޔިތުން ޗުއްޕުވެސް ބުނާންނުކެރިފައި ތިއްބައި ރައްޔިތުންގެ ދުލުގައި އަނިޔާވެރި ވެރިކަމުން އަޅުވާފައިވާ ތަޅުނައްޓާލަދިނުމަށް ކީރިތި ﷲ މެދުވެރި ކުރެއްވި ގ. ކެނެރީގޭ މުޙަންމަދު ނަޝީދާއި އޭނާއަށް ބައިޢަތުހިފައި އަނިޔާއާއި އިދިކޮޅަށް ނުކުތް ޖަމާއަތް ކަމުން ފިސާރި ގޮތްގޮތަށް ރާވައިގެން އެފަރާތްތަކުގެ ދުވަސް ދުއްވާލުމަށް މިބާޣީ ސަރުކާރުން އެދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންސާނުންގެ ތަދުބީރުތަކުގެ ކުރިމަތީގައި އަބަދުވެސް ތަގުދީރު ވަނީ ހީލަހީލާ ކަމުގައި ބުނެވޭ މަގުން މިއަދާއި ހަމަޔަށްވެސް ﷲގެ މިންވަރުފުޅާއެކު މިގައުމުގެ މިއަދުގެ އިންތިޚާބީ ގާނޫނީ ރައީސުލް ޖުމްހޫރިއްޔާ އަދި އިސްލާމީ ދިވެހި އުންމަތުގެ ވަލީއުލް އަމްރުގެ އިސްތަށި ފުޅަކަށްވެސް އެމީހުން ބޭނުންވާފަދަ ގެއްލުމެއް ނުދެވުނެވެ. ކިތަންމެ ވަރަކަށް އެމްޑީޕީގެ އަބުތާލުން ހިފައި ހައްޔަރުކޮށް އަނިޔާދިން ނަމަވެސް އެމީހުންނަކީ އެފަދަ އަނިޔާއަކަށް ބޯލަނބައި ބިރުން އެމީހުންގެ ވިސްނުން ބަދަލުކޮށް ބާޣީންނަށް އާމީން ކިޔާނެ ބަޔެއް ނޫންކަން މިއަދު މިފެންނަ މަންޒަރު ތަކުންވެސް ކިތަންމެ ރަނގަޅަކަށް އެބަހާމަވެއެވެ. މިކަން މިއަދުގެ ބާޣީ ސަރުކާރަށްވެސް މިހާރު އެވަނީ އެނގި ކަށަވަރު ވެފައެވެ. ކުރީން ޗުއްޕުވެސް ނުބުނެވި ރަޖާއަޅައިގެން ފިލައިތިބެ ޗުކުޗުކު އެޅުވި އެކަމަކު މިއަދު ތިމަންނާ މެންނަކީ މާބޮޑު ދީނީ އިލްމުވެރީންނޭ އެބުނާ ހައެއްކަ މީހުންނަށް އެމީހުންގެ ދުލުން ބަހެއް ބުނެލަން ކެރުނީ ކޮންއިރަކު ކީއްވެގެންކަން މިއަދު ނޭނގުނު ނަމަވެސް ދިވެހި ރައްޔިތުން އެމީހުންގެ ފިނޑިކަމާ ދެފުށް ދެގޮތްކަން މިއަދު ދަންނާނެއެވެ.

ވިސްނާލަ ބަލާށެވެ. އެމްޑީޕީގެ ސަރުކާރު މަރުތަޅު އަޅުވާލައި އެސަރުކާރުން ރައްޔިތުންނާއި ގައުމަށް ގެނެސްދެމުން ގެންދިޔަ އަވަސް ތަރައްގީއާއި ކުރިއެރުންތައް ހުއްޓުވާލުމަށް އެދުވަހު އިދިކޮޅުގައި ތިބި އެންމެހައި މީހުން އެއްބައިވެ މާލިއްޔަތު ގާނޫނަށް ބަދަލުގެނެސް ސަރުކާރުން ފޯއްއަޑިއެއް ގަންނާން ޖެހުނަސް މަޖިލީހުގައި އޭރު އަޣުލަބިއްޔަތު އޮތް މިއަދުގެ ބާޣީންގެ ގާތު އާދޭސް ކުރާން ޖެއްސި ޖެއްސުން މިއަދު ހަމަ އެމީހުންނަށް ކުރިމަތިވުމުން އެއުޅެނީ ހަޖަމު ނުކުރެވިގެންނެވެ. މިއަދު ބޭނުންވަނީ އެކަން ބަދަލުކޮށް އަލުން އަނެއްކާވެސް ހިތުހުރި ގޮތަކަށް ކަންކުރުމުގެ ބަވައްޗެއް އުފައްދާށެވެ. އެދުވަހު މިކަންކަމުން ސަރުކާރު ހިންގާން އުނދަގޫކުރިއިރު މިމީހުންނަށް މިދުވަސް އައީމައި ދެންހަދާނެގޮތެއް ވިސްނާލެވިފައެއް ނެތެވެ. އެދުވަހު ކައުންސިލްތަކަކީ މާބާރުހުރި ވަކި ޚުދުމުޚުތާރު ސަރުކާރު ތަކެއް ކަމުގައި ވިސްނައިދީ ސަރުކާރަށް ކުރި ޖެއްސުން މިއަދަކު އެމީހުންގެ ހިތަކު ސިކުނޑިއަކު ނެތެވެ. ގާނޫނަކީ ތިމަންނާމެން މާނަކުރާނެ ކޮންމެ ގޮތަކަށް މާނަކުރެވިދާނެ އެއްޗެއް ކަމުގައި ހީކޮށް ނުކުމެ ރައްޔިތުންނަށް އޮޅުވާލުމަށް ބޭނުންކުރި ހުރިހައި އުކުޅެއް މިމީހުންގެ ބޮލަށް މެހުނީމައި ދެން މިއަދުހަމަ ލާތެޅުން ނޫންކަމެއް ކުރެވޭކަށްވެސް ނެތެވެ. މިއީ ފެޑަރަލް ނިޒާމްކަމެއް ޔުނިޓަރީ ނިޒާމެއް ކަމެއް އެދުވަހު ނޭނގޭވަރަށް މަސްހުނި ކުރުމުގައި ބޮޑުބަސް ބުނަމުން ގެންދިޔަ މީހަކު ތުންފަތުގައި ކުލަޖައްސައިގެން ތަންތަނަށް އަރާހުރެ އަނގަޗޭ ކުރުމުން މިއަދު އަންނަނީ ހިންޏެވެ.
އެއްކަލަ މަވަރުގެ ގާނޫނީ ފުންނާބެއް ވަކީންއުސް ނެތް ކަމުގައި ހީކޮށް އެއްކޮތަޅަށް ދެފުފޫލައިގެން ނުކުތް ކަމަނާ މިއަދު އަރައި ގާނޫނީ ހަމަޔެއް ލަމަޔެއް ބަލާނުލައި ދައުލަތުގެ މާލިއްޔަތުން ދުވާލަކު ދެލައްކައެއްހާ ރުފިޔާ ބޭރުގައުމު ތަކުގައި ތިބި މީހަކަށް ދިނުންއެއީ ދިވެހި ދައުލަތުގެ މާލިއްޔާ ޣަސްބުން ފޭރުން ކަމުގައި އޭނާގެ ގާނޫނުން ފުފިފައި އެހެރަ ވިސްނުމަކަށް ނައެވެ. މާލިއްޔަތު ގާނޫނެއް އެހެން އެއްޗެއް މިއަދަކު ހަނދާނެއް ނެތެވެ.

ދައުލަތް ހިންގުމަށް ފައިސާ ނެތް ވާހަކަ ދަށްކަމުން އާސަންދައިން ރައްޔިތުން ލޫޓުވާލަން މަސައްކަތް ކުރަމުން ގެންދާއިރު، ރައްޔިތުންގެ މިލްކިއްޔާތުން އެތައް މިލިޔަން ރުފިޔާއެއް ނަސޯރާއިންނާއި ޔަހޫދީންނަށް މިބާޣީ ސަރުކާރުން އެގެންދަނީ ހަދިޔާ ކުރަމުންނެވެ. އެންމެ ފަހުން މިގައުމުގެ ރައްޔިތުންނާއި ދައުލަތް ގޮވައިގެން ބޭރުގެ ބާރުތައް ހިމެނޭ ޖަމާއަތްތަކުން ބައިނަލް އަގުވާމީ ކޯޓުތަކުގައި ދައުވާ ކުރާ ހިސާބަށްވެސް މިއަދު މިވަނީ ގައުމު ވަށްޓާލާފައެވެ. ފެޝަންޝޯތައް ބާއްވައި މުޅިގައުމުގެ މަގުތަކުގައި މަސްތުވާ ތަކެތި އާންމުކޮށް ޒުވާނުން އަނެއްކާވެސް އެމަޅީގައި ޖައްސަމުން އެއްކަލަ ފަހަރި ޝޭޚުން ބޮޑުތުނބުޅީގައި ފުނާއަޅަ އަޅައި ތިއްބައި ގައުމު އިންތިހާއީ ތަދުމަޑު ހާލަތަކަށް މިދަނީ ވެއްޓެމުންނެވެ. އަމުދުން މިއިން ކަމަކުން ސަލާމަތްވާނެ އެއްވެސް ފިކުރެއް މިމީހުންގެ ނެތެވެ.

އެމީހުންގެ ނުބައިރޭވުމާއި އެއްގޮތަށް އެމްޑީޕީއާއި ކުޅެނުލެވި، ބައިބައިވެސް ނުކުރެވުމުން އެކިދުވަހު އެކިގޮތަށް ހިނދުކޮޅު އައިސް އުޅެވުނު ސިޔާސީ ޕާޓީތަކުގެ އަދަދުވެސް ނޭނގޭވަރު ވެފައިތިބި ބަޔަކު ނެރެގެން ތަންތަނަށް އަރުވައި ތިމަންނާމެންނީ އެންމެ ކީރިތި މޫރިތި މީހުނޭ އިއްޔެ ސޯޅަ ޕަސެންޓު ލިބުނީމައި ދެން ކުރިއަށް އޮތްތަނުގައި ދިވެހީން ވެރިކަންދޭނީ ތިމަންނާމެންނަށޭ ގޮވީމައި އެއަޑުއަހާ މީހުން ހިނިއަންނާނެ ކަންވެސް މިރޮނގާލީންނަށް އަމުދުން ނޭނގޭކަމީ ޖޯކެކޭ ބުނުން އެންމެ ރަނގަޅުވާނެތާއެވެ. އިހަށް ދުވަހުވެސް ތިމަންނާވަރުގެ މުއްސަނދި މީހަކު ނުހުންނާނެއޭ ، ތިމަންނާއީ އެންމެހައި ރައްޔިތުންނަށް ގޯނިގޯނިން އެހީތެރިކަން ދިންމީހެކޭގޮވައި ވެރިކަމާ ކުރިމަތިލައި ގަދަ ތިނެއްގައި ލައްވާ ނުލިމީހަކީ އެއިރު ރައްޔިތުން ނުދަންނަ މީހެކޭ ގޮވީމައި މިވަނީ ޖޯކަކަށެވެ. އެދުވަހުގެ ޖާހިލުން މިއަދުގެ އާލިމުންނަށް މިބަދަލުވީ އަނެއްކާ ބަޣާވާތެއްގައި ބައިވެރިވުމުން ލިބިދިން ސެޓްފިކެޓަކުން ބާވަޔޭ ހީވެއެވެ. މިނުބައި ނުލަފާ ރޭވުމުގައި މިލިޔަނުން ފައިސާ ޚަރަދުކޮށް މުޅިގައުމު އަލިފާނަށް އެއްލައިލުމަށް ހިތްވަރުދިން މީހެއްގެ ކިބައިގައި ރައްޔިތުންނާއި މެދު އެއްވެސް ކުލުނެއް އިޚުލާސްތެރި ކަމެއް އަމުދުން ނުހުންނާނެކަމާ އެފަދަ މީހަކީ ވެރިކަން މެނުވީ އެހެން އެއްވެސް ނިއުމަތަކަށް ޝުކުރު ނުކުރާނެ މީހެއްކަން މިއަދު އަދިމާބޮޑަށް ރައްޔިތުންނަށް އެނގި ސާބިތު ވެއްޖެއެވެ.

މިއަދު އެންމެފަހުން ނީވިނުދާނެ ކަމުގައި އަހަރެމެން ބުނަމުން ގެންދިޔަ އަޑުތައް މިދަނީ އިވެމުންނެވެ. އެއްބަސްވެގެން އެއްއަމާޒަކަށް އެކެއްގެ ފަހަތުގައި ނުދުއްވޭނެކަން ކަށަވަރުވެ އަމިއްލަޔަށް އެތިބަ އިއުތިރާފު ވަނީއެވެ. އަމިއްލަޔަށް އުފެއްދި ބާޣީ ސަރުކާރު މިހާރު ކަމުނުގޮސް އަނެއްކާ ހަރުގަނޑު ބަހައްޓައިގެން ވަށްޓާލުމަށް ހަމަ އެމީހުންގެ ތެރެއިން ކުރީންވެސް ނުކުތް މީހުން ތައްޔާރުވަމުން ގެންދާ ކަމަށް ދޭހަވާ ބަސްތައް އަމިއްލަޔަށް ބުނެވެން ފަށައިފިއެވެ. ކޯލީޝަނެކޭ ބުނެ އެކުލަވާލި ގޭންގުގެ އެއް ގުންޑާއާއި އަނެއް ގުންޑާ ކަރުހިފަން މިވަނީ ފަށާފައެވެ. މިކަމުންދެން މިހާރު މިބާޣީ ކޯލިޝަނޭ ކިޔާ އަނިޔާވެރި ގޭންގުގެ މޭސްތިރިން ގޮތްހުސްވެ ނޭވާ ހޮޅިޔަށް އެޅިއްޖެކަން ކަށަވަރުވެ އެނގިއްޖެއެވެ.