މެންބަރުންގެ ޚިޔާލު: ދިވެހި ގައުމު ނުރައްކާތެރި ފައްތަރެއްގައި

ހަމްދޫން ރަޝީދު / ގދ. ނަޑެއްލާ (ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ ރައީސް )

ޤައުމެއްގެ ހަޔާތުގައި އެ ޤައުމަކަށް އަންނާނޭ އެންމެ ބިރުވެރި ދުވަސްވަރަކީ އެ ޤައުމެއްގައި ޤާނޫނުގެ ބާރު ކެނޑިގޮސް ގަދަމީހާ ގަދަވެ، ބަލި މީހާ ބަލިވެދާ ދުވަހެވެ. ދިވެހި ޤައުމުގެ ދިގު ތާރީޙްގައި ދިވެހީން ޤާނޫން އަސާސީއެއްގެ ހިޔާވަހި ކަމުގެ ތެރެއަށް އައިފަހުން މަދު ދުވަސް ތަކެއްގައި ނަމަވެސް ޤާނޫނުގެ ބާރު ކެނޑި ގޮސްފައިވާ ކަމީ ދިވެހި ޤައުމު އެކަމާ އިންތިހާއަށް ހިތާމަކުރާކަމެކެވެ. މި ފަހުގެ ތާރީހުގައި ދިވެހި ޤައުމުށް މިފަދަ ހިތާމަވެރި ހާދިސާއެއް ދިމާވެފައިވަނީ 07 ފެބުރުއަރީ 2012 ގައެވެ.

ދިވެހި ޤައުމުގެ ވެރިރަށް މާލޭގެ މަގުތަކުގައި ސަލާމަތީ ބާރުތަކުގެ ފަރާތުން ޖަހަމުންދިޔަ ޕެޕަރ ސްޕްރޭއާއި ކަރުނަގޭހުގެ ދުމާއި އެކު 07 ފެބުރުއަރީ 2012 ވީ އަންގާރަ ދުވަހުގެ އިރު އުދަރެހުން ފާއްދާލީ ދިވެހި ރައްޔިތުންގެ ހިތްތަކަށް މާޔޫސްކަން ގެނުވަމުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ ދަށުން ދިވެހިން އިންތިހާބު ކުރި ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ ޒިންމާތައް އެއްވެސް ބަލިކަށިކަމެއްނެތި ޤައުމާއި ރައްޔިތުންގެ ހައްޤުގައި އިހްލާސްތެރިކަމާއި ތެދުވެރި ކަމާއި އެކު އަދާކުރަމުންދަނިކޮށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގެ ރޫހާއި ހިލާފަށް ސަލާމަތީ ބާރުތަކުގެ މަދު އޮފިސަރުންތަކެއް އަޑީގައިތިބެ ހިންގި ބޮޑު ޖަރީމާގެ ޝިކާރަޔަކަށް ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކުރެޓިކް ރައީސް ހަދައި ދިވެހިން ދެކެމުން އައި ހުވަފެންތައް ބިލާހަކަށް ވެދިޔައީ ކުޑަހިނދު ކޮޅެއްގެ ތެރޭގައެވެ.

ބޭސް ފަރުވާއަށް ސަލާންޖެހުން ނެތިގޮސް ދަތުރު ފަތުރުކުރުމުގެ ނިޒާމުން ގުޅި، ރަށުގޮނޑުދޮށުގައި ތިބި އެތަކެއް ދިވެހި ދަރީންނެރެ ރަށުބަންދުން ވީއްލި، އަތްފޯރާ ފަށަށް ތަކެތީގެ އަގުތިރިވެ ޑިޔުޓީ ފްރީ މުދާ ރައްޖޭގެ މާކެޓަށް ނެރެވި ބޯހިޔާވަހިކަން ނެތި ތިބި އެތައް އާއިލާއަކަށް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ފޮނި އުންމީދުގައި އެތަކެއް ރޯހައުސްތަކާއި އެތަކެއް ފްލެޓް ތަކެއް އިމާރާތް ކުރެވި، އަދި އެތައް ރައްޔިތުންނަކަށް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައްޔިތުން އިންތިހާބު ކުރި ސަރުކާރުން ރައްޔިތުނަށް ދެމުން ދިޔައިރު، ފާއިތުވެދިޔަ 30 އަހަރުގެ ދިގުމާޒީގައި ޤައުމުގެ ޒުވާނުން ބިތްޖެހި މަސްތުވާތަކެއްޗާއި އެކިއެކި ޖިނާއީ ކުށްތަކުގެ ޝިކާރަޔަކަށް ވެފައިވާ މި ޤައުމުގެ ޒުވާން ޖީލު އެޖީލު ފަނާކުރުމަށް ޓަކައި ވެރިކަމުގެ ދަހިވެތި ކަމުގައި ކުޑަސީދީގެ ވެރިކަމުގައި ހުޅުވާލީ މަސްތުވާތަކެތީގެ ދޮރުތަކުގައި ރައްޔިތުންގެ ސަރުކާރުން ބޮޑު ތަޅުއެޅުވީ ފިސާރި ކެރިތިބެގެންނެވެ.

ޤައުމުގެ ޒުވާންޖީލު އަލުން އަނބުރާ ރުކުރުވާލުމަށް ޓަކައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ސަރުކާރުން ދެވަނަ ފުރުސަތުގެ ޕްރޮގުރާމް ތަޢާރަފް ކުރައްވައި ހުނަރު ޕްރޮގުރާމާއި އެކު ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވައި މުޖުތަމައުގައި ޒުވާނުންގެ ރޯލް އިތުރުކޮށް ޤައުމު ބިނާކުރުމުގައި ޒުވާނުން ބައިވެރި ކުރުމަށް ރައްޖޭގެ ރައްޔިތުން ދެއްކި ރައީސުލް ޖުމްހޫރިއްޔާ ފެއްޓެވި ފެއްޓެވުން ވެގެންދިޔައީ ޒަމާނުއްސުރެ ވެރިކަމުގެ ދަހިވެތި ކަމުގައި ފެންބޮވައިގަނެ މި ޤައުމުގެ ޒުވާންޖީލު ކިނބިގަސްދޮށުގޭ އާއިލާގެ ވެރިކަމުގެ ކަރާމަތަށްޓަކައި ޤުރުބާން ކުރަމުން އައި 30 އަހަރުވީ ކިނބިގަހާއި އެގަހުގެ މޫލައި ދިރި އާލާވަމުން އައި އިތުރު މޫތަކަށް ހަޖަމު ކުރަން ދަތިވި ލަގޮނޑިޔަށް އަސަރު ކުރި ހިތްދަތި ކަމަކަށް މިކަންކަން ވެގެންދިޔައެވެ. ނަތީޖާއަކަށްވީ ޚުދު އެމަނިކުފާނުގެ އަމިއްލަފުޅު ގަލަންކޮޅުން ސޮއި ކުރައްވައި ތަސްދީޤު ކުރެއްވި 2008 ވަނައަހަރުގެ ޤާނޫން އަސާސީ ނުވަތަ ފެހި ޤާނޫން އަސާސީގެ ބާރު ކަނޑުވާލައި ޤާނޫން އަސާސީގެ ތަރަހައިން ބޭރުން ރައްޔިތުން އިންތިޙާބުކުރި ވެރިކަން ފުރޮޅާލުމުގެ ހީލަތްތެރި ރޭވުން ކިނބިގަސްދޮށުގޭ މާލިމީ ރާވަން ފެއްޓުމެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އެހީތެރިކަން ނުހަނު އަވަހަށް މިކަމުގައި ލިބިދިޔަކަމީ ދިވެހިން ދަންނަ ހަޤީގަތެކެވެ. ވާނީ ވެސް އެހެންނެވެ. ޒަމާނުއްސުރެ ދިވެހީންގެ ނަމުގައި ބޭރުގެ ބޭންކުތަކުން ލޯން ނަގައިގެން ދިވެހީންނަށް ނުހަނު ލޯބިވާ މީހެއް ކަމުގައި ދެއްކިގެން އުޅުނު މީހާގެ ޖީބުން ސަލާންޖަހަން ދާމީހުންގެ އަދަދު މަދުވެ. ދިޔުމާއި އެކު 30 އަހަރުވީ ސަރުކާރުގެ ވަޒީރުންގެ ގޮތުގައިތިބެ ނާޖާއިޒް ގޮތުގައި ރައްޔިތުނަށް އަނިޔާކުރުމާއި ރައްޔިތުންގެ މުދާފޭރުމާއި ރައްޔިތުންގެ މާލިއްޔަތަށް ހިޔާނާތްތެރިވީ ބަޔަކު 30 އަހަރުވީ ސަރުކާރުން މޫލައި ތިބި ކަމީ ދިވެހިން ދަންނަ ހަޤީގަތެކެވެ. ނަތީޖާއަކަށްވީ މި ބައިގަނޑު އެއްވެ. ދިވެހި ވެރިކަން ފިރުކާލުމެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ ރޫހަކީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަ ބޭފުޅަކަށް ރައްޔިތުނަށް ހިދުމަތް ކުރުމަށް 5 އަހަރުގެ ޓާމެއް ދިނުމެވެ. އެ ޓާމުގެ ތެރޭގައި ރައްޔިތުން ބަލައި ގަންނަ ހިދުމަތެއް ފޯރު ކޮށް ދެވިއްޖެ ކަން ނިންމާނީ ހުދު ރައްޔިތުންނެވެ. އެގޮތުން 1 ކަކަށް ވެރިކަން ކުރެވޭނެ އެއްމެ ދިގު މުއްދަތަކީ 5 އަހަރުގެ 2 ޓާމެވެ. އެއީ ޖުމްލަ 10 އަހަރެވެ. 30 އަހަރަ ނުވަތަ މުޅި އުމުރުދުވަހަށް ވެރިކަން ކުރުމަކީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ހިތާމަ ކުރަން ޖެހޭ ތކަމަކީ އދ. އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރީން ޝަރަފުވެރި މަޤާމުތަކެއް އަދާކުރަވަމުން ގެންދެވި ރައީސް ނަޝީދުގެ ނާޢިބަށް މިކަން ނުވިސްނުމެވެ. މިކަމަކީ މުޅިދުނިޔެ ވަހީދުމަނިކަށް މަލާމަތް ކުރާނެ ކަމެކެވެ. ނަމަވެސް ވެރިކަމުގެ ދަހިވެތި ކަމުގައި ޤާނޫނާއި ހިލާފު މި ބޮޑު ޖަރީމާ ހިންގި ބަޔަކު މިއަދު މިވަނީ ހިންގާފައެވެ.

07 ފެބުރުއަރީ 2012 ގައި ދިވެހި ޤައުމުގެ ވެރިކަން ސަލާމަތީ ބާރުތަކުގެ މަދުބަޔެއްގެ އެހީތެރިކަމާއި އެކު ފިރުކާލުމަށްފަހު ޖެހިގެން އައި ދުވަހު ފެނުނީ ތަފާތު މަންޒަރެކެވެ. ރައްޖޭގައި އެންމެ މީހުންގިނަ ސިޔާސީ ޕާޓީ އެމް.ޑީ.ޕީ، އާދެ ރައްޔިތުން އިންތިހާބުކުރި ރައީސް ނިސްބަތްވާ ޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަކަށް ގޮވާލިއެވެ. ޖަލްސާއަށް ފަހު އިސާހިތަކު ދިވެހި ރާއްޖޭގެ ވެރިރަށް މާލޭގެ މަގުތައް އެކީ އެކަށް ފުރާލިއެވެ. ރައްޔިތުން ނިކުމެ ޤާނޫން އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާގެ ދަށުން އެއްވެ އިހުތިޖާޖް ކުރަން ފަށައިފިއެވެ. މާކަ ގިނަ އިރުތަކެއް ނުވެ ފެނިގެން ދިޔައީ ސަލާމަތީ ބާރުތަކުން ނިކުމެ އެ ރައްޔިތުންނާއި ކުރިމަތިލައި އެތަށް ލޭއޮހޮރުވުން ތަކެއް އޮހޮރާލި މަންޒަރެވެ. ރައްޔިތުނަށް ތަޅައި އަނިޔާކުރަމުން ދިޔައީ ޓީވީ ކެމެރާތަކުގެ ކުރިމަތީގައެވެ. ނަތީޖާއަކަށް ވީ ރާއްޖެ ތެރޭގެ ރަށްތައް ކެކި އުތުރި އެރުމެވެ. ދިވެހީންގެ މަޑުމޮޅިކަން ނެތިގޮސް ދިވެހި ރައްޔިތުން އަމިއްލަޔަށް އެ ރައްޔިތުންގެ އިމާރާތްތައް އަންދާ ހުލިކޮށްލި ހިތާމަވެރި މަންޒަރުވެސް ފެނިގެން ދިޔައެވެ. ވާނީވެސް އެހެންނެވެ. ދިވެހިރައްޔިތުންގެ ބައިތުލް މާލުން ހަރަދުކޮށް މުސާރަދީ ރައްޔިތުނަށް ހިދުމަތް ކުރުމަށް ތިބި ބަޔަކު ރައްޔިތުނަށް އަނިޔާކުރުމުން ދެން އިތުރަށް އެ މީހުންނާއި އެ އިމާރާތްތައް ކޮޅަށް ބެހެއްޓުމުގެ ބޭނުމެއް އޮތް ކަމަށް ބެލެވިދާނެބާއޭ މިއީ ސުވާލު އުފެދޭ ކަމެކެވެ.

30 އަހަރުގެ އަނިޔާތަކަށް ފަހު ޖަލުގައި ބަޑިޖެހި ހާދިސާއާއި އަދިވެސް ލާއިންސާނީ އެތަކެއް އަނިޔާތަކަކަށް ފަހު ދިވެހީން ދެކެމުން އައި ހަމަޖެހުމާއި އުފާފާގަތިކަމުގައި 3 އަހަރަށް ފަހު އަނެއްކާވެސް މާޒީވި 30 އަހަރުގެ އަނިޔާވެރިކަން ފެށުނު ކަހަލައެވެ. ޤާނޫންގެ ވެރިކަން ނެތިގޮސް ވެރީން ރައްޔިތުނަށް އިޙްތިރާމް ކުރުން ނެތިގޮސް ވެރީން ޤާނޫނަށް ތަބާވުން ނަފީވެ ގޮސް ދެން އަޑުއިވުނީ 17 ފެބުރުއަރި 2012 ގައި ސީދާ ވެރިމީހާގެ އަމިއްލަފުޅު ދޫފުޅުޅުން “ނެތޭ އެންމެ ތަންކޮޅެއްވެސް” ރައްޖޭގެ ބަޔެއް ރައްޔިތުންނަށް މި ޤައުމުގަ އެއްވެސް ތަންކޮޅެއް ނެތްވާވާހަކަ އެވެ. ދެން ފެނިގެން ދިޔައީ ލާއިންސާނީ އަނިޔާތަކެކެވެ.

އިންސާނީ ދަރިފަސް ކޮޅު ބިނާކުރުމުގެ މަތިވެރި ވާޖިބު އަދާކުރައްވަމުން ރެޔާއި ދުވާލު ގެންދަވާ އަންހެން ކަނބަލުންގެ އިއްޒަތާއި ކަރާމާތް ދިވެހި މަގުތަކުގައި ނަގާލީ އެވެ. ޓީވީ ކެމެރާތަކުގެ ކުރިމަތީގައި ދިވެހި މުޖުތަމައުގެ ކުރިމަތީގައި އެކަނބަލުން އޮރިޔާން ކުރީއެވެ. މިއީ ހަމަ ޔަޤީނުންވެސް ޤައުމެއްގެ ހަޔާތުގައި އަންނާނޭ އެއްމެ އަނދިރި ދުވަސްތަކެވެ. ދަރީންނަށް ތަރުބިއްޔަތު ދީ ޤައުމުގެ ޒުވާންޖީލު ރުކުރުވާލުމުގެ މަތިވެރި ޒިންމާ އަދާކުރާ ކަންބަލުންގެ އިޒަތް ފޭރި ގަތީއެވެ. ދިވެހި ސަލާމަތީ ބާރުތަކުގެ މަދު ބަޔެއްގެ ފަރާތުން އެފަރާތްތަކުގެ އެހީތެރި ކަމާއިއެކު ވެރިކަން ފުރޮޅާލުމަށްފަހު ހިންގަމުންދިޔަ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުން ނެތިގޮސް ޤާނޫން ތަކަށް ބޯލެބުން މިއަދުމިވަނީ ނެތި ގޮސްފައެވެ. ޤާނޫނީ ބޮނޑެތި ކުއްތަކަށް އަރައިގަތުން މިއަދު މިވަނީ އާއްމު ކަމަކަށްވެފައެވެ. ވާނީ ވެސް އެހެނެވެ. ޤާނޫން އަސާސީ އާއި ހިލާފަށް ވެރިކަމެއް ކުރާ ބައެއްގެ ވެރިކަން ދެމިގެންދާނީވެސް ޤާނޫނުން ބޭރުންނެވެ. ޤާނޫނާއި ހިލާފްވާ މީހުންނަކީ މި ޤައުމުގެ ޢާޒީންނަށް މިއަދު މިވަނީ ވެފައެވެ.

2012 ވަނަ އަހަރަކީ ދިވެހި އެތަކެއް ފުރާނަތަކެއް ޙައްޤަކާއި ނުލައި މި ދުނިޔެއާއި އަލްވަދާޢު ކިޔާފައިވާ އަހަރަކަށް މިވަނީ ވެފައެވެ. މި ސައްތައިން ސައްތަ މުސްލިމް ޤައުމުގައި އިސްލާމް ދީން ހިމާޔަތް ކުރުމުގެ ނަމުގައި ނިކުތް ބަޔަކު ނިކުމެ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރާއްވާފައިވާ ކަމަކަށް އަރައިގަނެ ވަލިއްޔުލް އަމުރާދެކޮޅަށް ނުކުމެ ބަޢާވާތްކޮށް ހެދުމުގެ ސަބަބުން ޖަންގަލީގެ ޤާނޫން މި މުތީއެއްފަދަ ދިވެހި ބިމުގައި އާންމުވެ. ވައްކަމާއި ޓެކުމާއި މަގުފޭރުމާއި ރާބުއިން އާއްމުވެ، މަސާޖުޕާލާތައް އިތުރުވެ ނޭގާނީ އެތައް ކަމެއް މި ކުޑަކުޑަ 3 ލައްކައެއްހާ އާބާދީގެ ތެރޭގައިފެތުރި މީހުން މެރުން ޢާއްމުކަމަކަށްވެ 2012 ވަނަ އަހަރު ރާއްޖޭގެ ތާރީޙުގައި އެންމެ ގިނަބަޔަކު ހައްޤަކާއި ނުލައި މަރާލި އަހަރުގެ ގޮތުގައި ދިވެހި ތާރީހުގައި ލިޔެވެމުންދާއިރު މިކަމަކީވެސް އަދުގެ ސަރުކާރުގެ ނަޒަރުގައި ސިޔާސީ ކަމެކެވެ.

ދިވެހިދަރީން މިކަންކަމާއި މެދު ފުންކޮށްވިސްނައި ފިކުރުކޮށް އަލުން އަބުރާ ޤާނޫންގެ ތެރެއަށް މި ޤައުމު ރުޖޫއަ ކުރަން މަސައްކަތް ކުރާން ވެއްޖެއެވެ. މިއީ ދިވެހި ކޮންމެ އަފުރާދެއްގެ ވެސް ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ. ޤާނޫނުން ބޭރުން ފާލުން ނެއްޓި މި ޤައުމު ކަޑައްތު ކުރާ ކޮންމެދުވަހަކީ މި ޤައުމުގެ އަންނާންއޮތް ޖީލުގެ ހައްޤުގައި މިއަދުގެ މި ޤައުމުގެ އަފްރާދުނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އެމެރިކާގެ 5 ވަނަ ރައީސް ވިދާޅުވި ފަދައިން ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނުބަލާ ޤައުމަށް ތިމާ ހިދުމަތްކުރަން މިއަދު ނުކުތުން ވާޖިބުވެއްޖެއެވެ. ދިވެހި ދަރީން އަތާއި އަތްގުޅާލައި މި އަނިޔާވެރި ކަމާއި ޤާނޫން ތަކާއި ޤަވާއިދު ތަކާއި އިލާހީ ބަސްފުޅުތަކާއި ހިލާފަށް ހިންގަމުން މިދާ ވަޙީދު މަނިކުގެ އަނިޔާވެރި ސަރުކާރު ނިމުމަކަށް ގެނައުމަށް ނިކުތުމަށް ދިވެހި ލޮބުވެތި އަފުރާދުންނަށް ދިވެހި ޤައުމުދެކެ ލޯބިވާދަރިޔެއްގެ ހައިސިއްޔަތުން ގޮވާލަމެވެ. މާތްވި އިސްލާމް ދީނާއި ޤައުމަށްޓަކައި ނުކުމެ އިހުގެ ކާބަފައިން ދެއްކި ނަމޫނާއިން އިބުރަތްލިބި ކުރިޔަށް ދިޔުމަށް ގޮވާލަމެވެ.