އެމްޑީޕީގެ ސީދާ ހަރަކާތް މާދަމާއިން ފެށިގެން ހުއްޓާލަނީ

ޕާޓީތަކުގެ މަޝްވަރާއަށް ފުރުސަތު ދިނުމަށް، މާދަމާ (8 އޮގަސްޓް 2012 ވާ ބުދަ ދުވަހުން)އިން ފެށިގެން މި ރަމަޟާން މަހުގެ ނިޔަލަށް އެމްޑީޕީގެ ސީދާ ހަރަކާތްތައް ހުއްޓާލުމަށް އެޕާޓީގެ ގައުމީ ހިންގާކޮމެޓީގެ ލަފާގެމަތިން އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރިޔާސީކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ނިންމަވައިފިއެވެ.

އެމްޑީޕީން މަގުމަތީގައި އިހުތިޖާޖުކުރުމުގެ ގޮތުން ހިންގާ ސީދާ ހަރަކާތްތައް ހުއްޓާލަން ނިންމާފައި މިވަނީ ރޯދަމަހުގެ ފަހުދިހަ އަކީ އަޅުކަމާއިގެން މަސްއޫލުވާންވީ ދުވަސްތަކެއް ކަމަށް ވުމާއިއެކު، އަޅުކަމަށް ވަގުތު ދިނުމަށާއި، އަދި މި 10 ދުވަހުގެ ތެރޭގައި އޯލްޕާޓީ ޓޯކްސް އަލުން ފެށުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

އަވަސްއިންތިހާބަކަށް ގޮވާލުމަށާއި، ފުލުހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ހިންގާ ސީދާހަރަކާތްތައް ރޯދަމަހުގެ ފަހުދިހައިގައި ކުރިޔަށްނުގެންދާގޮތަށް ނިންމާފައި މިވަނީ މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާކޮމެޓީގެ 119 ވަނަ ބައްދަލުވުމުގައެވެ.