އެމްޑީޕީގެ އިހުތިޖާޖުތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެހީވުމަށް ފަންޑްރައިޒް ކުރަން ނިންމައިފި

އެމްޑީޕީގެ އިހުތިޖާޖުތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް އެހީވުމަށް ފަންޑްރައިޒް ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ގަރާރަކުން މިއަދު ނިންމައިފިއެވެ.

އެ ކޮމިޓީގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ހުށަހަޅުއްވައި، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް ތާއީދުކުރެއްވި މި ގަރާރުގައިވާ ގޮތުން ބަޣާވާތަކަށްފަހު ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ރައީސް ކަމުގައި ގާއިމްކުރި ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި ވަރަށް އަނިޔާވެރިކޮށް މީހުން ހައްޔަރުކުރާ ކަމަށާއި، ޚާއްސަކޮށް އަވަސް އިންތިޚާބަކަށް ގޮވާލުމަށް ބާއްވާ މުޒާހަރާތަކާއި، ރެލީތަކުގައި ބައިވެރިވާ މީހުންނަށް އަނިޔާކޮށް ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރަމުން ގެންދާ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ ގޮތަށް ހައްޔަރުކުރެވޭ މީހުންގެ ތެރޭގައި އިޤްތިސާދީ ފޯރުންތެރިކަމެއް ނެތް ވަރަށް ގިނަ ފަރާތްތައް ހިމެނޭ ކަމަށާއި އެފަދަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭތީ އެފަދަ ފަންޑެއް ގާއިމްކުރުމަށް އެ ގަރާރުގައި ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ފަންޑްރައިޒްކޮށްގެން ފަންޑްރައިޒްކޮށްގެންނާއި، އެކި ހަރަކާތް ހިންގައިގެންނާއި ޑޮނޭޝަންގެ ގޮތުގައި މިކަމަށް ލިބޭ ފައިސާ ޕާޓީގެ އެހެން ފައިސާއެކޭ އެއްގޮތަށް ފައިސާ ބެހެއްޓިފައި ހުންނާނީ ޗެއަރޕާސަން ނައިބު މާލީގެ ބެލުމުގެ ދަށުގައެވެ. އަދި މި ފަންޑުހިންގުން މިފަންޑު ހިންގާނީ މިކަމަށްޓަކައި އައްޔަންކުރެވޭ 5 މެންބަރުންގެ ކޮމިޓީއަކުން ކަމަށާއި، މި ކޮމިޓީގެ މައްސޫލިއްޔަތަކީ ފަންޑްރައިސިންގ ހަރަކާތްތައް ހިންގުން، ފައިސާދޫކުރާ މިންގަނޑުތައް ކަނޑައެޅުން އެހީލިބޭ ފަރާތްތައް ކަނޑައެޅުން ކަމަށް ވެސް ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން މިއަދު ފާސްވި މި ގަރާރުގައި ވެއެވެ.

5 މެންބަރުންގެ ކޮމިޓީ އަށް ހޮއްވެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަދި ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކާއި، ރައީސް ނަޝީދުގެ ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރު ޑރ.މަރިޔަމް ޒުލްފާ އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ގަސަމް އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އަދި އެމްޑީޕީގެ މެންބަރު އައިޝަތު ޖެނިފާ އެވެ.