ރާއްޖެޓީވީއަށް ގެއްލުންދިނުމަކީ ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަންޖެހޭ ވަރުގެ ކަމެއް ކަމަށް ވެސް މޫސަ ވިދާޅުވި
އުސްފަސްގަނޑަށް ވަނުމަށް ފުލުހުން ހޯދާފައިވާ ކޯޓު އަމުރު ދައްކަންޖެހޭނީ އެމްޑީޕީގެ އިސްވެރިންނަށް ކަމަށާއި، އުސްފަސްގަނޑުގައި ތިބި އާންމު މެންބަރުންނަށް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްކޮންފަރެންސް ގައި ވާހަކަދައްކަވަމުން، ފުލުހަކަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޔެލޯފޯސްގެ މެންބަރު ޅ.ކުރެންދޫ، އެވަރބްލޫ މުޙަންމަދު ސޮފްވާނުގެ މައްސަލައަށް ބައްލަވާލައްވަމުން މޫސަ އިތުރަށް ވިދާޅުވީ ފުލުހުންގެ ސަބަބުން ގައުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި، ފުލުހުންނަކީ ޖަދަލުކުރުމާއި، ބަދަލުހިފުމުގެ ރޫޙް ގެންގުޅޭ ބަޔަކަށް ވެގެން ނުވާނޭ ކަމަށެވެ. އަދި ފުލުހުން ދިވެހިރައްޔިތުންނާ މެދު އަނިޔާވެރިވަމުން ދަނީ ޕީޕީއެމްގެ ވަގުތީ ނައިބު ލީޑަރު އުމަރު ނަސީރު ފަދަ ބޭފުޅުން މީޑިއާގައި ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެޓީވީ އަށް ރޭ ބަޔަކު ދީފައިވާ ގެއްލުންތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މިއަދަކީ މިނިވަން މީޑިއާއަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި، “ހަމަހިމޭންކަމުގެ ސުކޫތެއް” ގެންނަ ވަރުގެ ދުވަހެއް ކަމަށެވެ. އަދި ރާއްޖެޓީވީއަށް ގެއްލުންދީފައިވަނީ މިނިވަން މީޑިއާގެ އަޑު ކަނޑުވާލުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.
“ތިމާމެން ހިތް ނުރުހޭ ވާހަކަދައްކާ ކޮންމެ ފަރާތެއްގެ އަނގަ ބަންދުކުރުން އެއީ، ބަޣާވާތުން ވެރިކަމަށް އައިސް ތިބި ފަރާތްތަކުން ބޭނުންވާ ގޮތް” ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެޓީވީއަށް ހިމާޔަތާއި އެއްބާރުލުން ނުދޭނޭ ކަމަށް ފުލުހުން ބުނެފައިވާތީ އެކަމަށް ވެސް މޫސަ ބަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން “މިސާލަކަށް ބޭންކަކުން ފުލުހުންނަށް ލޯނު ނުދިނީމާ، އެ ބޭންކަށް ހިމާޔަތެއް ނުދޭނަމޭ ބުނެ، އެތަން ފަޅާލިޔަސް ވަރިހަމަ ކަމަށް ދޫކޮށްލަންވީތޯ؟” މޫސަ ސުވާލުކުރެއްވިއެވެ.
މި ނޫސް ކޮންފަރެންސް ގައި އެމްޑީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ފުލުހުން ސޮފްވާނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި، ރޭ އޭނާ ދޫނިދޫއަށް ގެންދިއުމުގެ ކުރިން ވެސް ވަކީލުންނާ ބައްދަލުކުރުމަށް އޭނާ ބޭނުންވި ނަމަވެސް “އަތޮޅުވެހި ހުޅުވިފައި ނެތީމާ، ފޯމުތައް ފުރެން ނެތީމާ” ކަމަށް ބުނެ އެ ފުރުސަތު ވެސް ސޮފްވާނަށް ދީފައި ނުވާ ކަމަށެވެ. އަދި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކޮންމެ މީހަކަށް ވެސް ބޭނުން ކޮންމެ ވަގުތަކު ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނަންޖެހޭނޭ ކަމަށް އިންތި ވިދާޅުވިއެވެ. އަދި ފުލުހުންކުރާ މިފަދަ ނޭއްގާނީ އަމަލުތައް ބެލޭނޭ ގޮތެއް ނެތުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.