ރާއްޖެޓީވީ އަށް ދީފައިވާ ހަމަލަ ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 91
ތާރީޚް: 7 އޮގަސްޓް 2012 (އަންގާރަ)

ރާއްޖެޓީވީ އަށް ދީފައިވާ ހަމަލަ ކުށްވެރިކުރުން

ރާއްޖެޓީވީ ހިންގާ އިމާރާތުގެ ތެރެއަށް ރޭ ފަތިހުގެ ވަގުތެއްގައި ބަޔަކު ވަދެ އެތަނުން އޮންއެއަރ ނުކުރެވޭނޭ މިންވަރަށް، އެތަނުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީ، ސުންނާފަތިކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެ ޓީވީ ސްޓޭޝަނަށް ދީފައިވާ ގެއްލުންތަކުގެ ތެރޭގައި އެތަނުގެ އިލެކްޓްރޯނިކް ސެކިއުރިޓީ ސިސްޓަމް އެއްކޮށް ހަލާކުކުރުމާއި، ލައިވް ފައިބަރ އާއި މީގެ އިތުރުން ވެސް ހުރިހާ މުހިންމު ކޭބަލެއް ހެން ބުރިކޮށް އެތަން ސުންނާފަތިކޮށްފައިވެއެވެ.

ރާއްޖެ ޓީވީ އަކީ ފުލުހުންގެ ފަރާތުން އެތައް ގޯނާއަކާއި، ފުރައްސާރައަކާއި، ޖެއްސުމެއް ކުރިމަތިވެ، އެ ސްޓޭޝަންގެ ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ސްޓޭޝަނެކެވެ. އަދި ރާއްޖެޓީވީއަށް ފުލުހުންގެ ހިމާޔަތާއި، އެއްބާރުލުން ނުދޭނޭ ކަމަށް ފުލުހުން އާންމުކޮށް އިއުލާންކޮށްފައިވާހިނދު، އެ ޓީވީ ސްޓޭޝަނަކީ އެގޮތުން ފުލުހުންގެ ހިމާޔަތާއި އެއްބާރުލުން ނުލިބި ރާއްޖޭގައި ހިންގަމުންދާ ހަމައެކަނި ޓީވީ ޗެނަލެވެ.

މިކަން މިހެން އޮތްއިރު މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ނޫސްވެރިންގެ ހިމާޔަތުގައި ރާއްޖޭގައި މަސައްކަތްކުރާ ޖަމާއަތްތަކުންނާއި، ރާއްޖޭގެ ކަމާބެހޭ އެންމެހާ މުޥައްސަސާތަކުން މި މައްސަލަ ވަގުތުން ބެލުމަށް މި ޕާޓީން ގޮވާލަމެވެ.


ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން
7777852