އާސަންދައިގެ ހިދުމަތުން އަގު ނަގަން ފަށާފައިވާތީ އެމްޑީޕީން އިހުތިޖާޖުކޮށްފި

މި އޮގަސްޓް މަހު އެކަކުން ފެށިގެން އާސަންދައިން އަގު ނަގަން ފަށާފައިވާތީ އެމްޑީޕީގެ އަންހެނުންގެ ރޫހުން އިހުތިޖާޖުކޮށްފިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އިންތިޒާމް ކޮށްގެން ހިނގާލުމެއް ގޮތަށް ބޭއްވި މި އިހުތިޖާޖުގައި، ރައްޔިތުންގެ ޖީބަށް ލުއިކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ފަށާފައިވާ އާސަންދައިން ބަޣާވާތުގެ ސަރުކާރުން އަގުނަގައި ދިވެހިން ނިކަމެތިކޮށް، ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އަލުން އާލާކުރުމަށް މަސައްކަތް ކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލާފައި ވެއެވެ.

މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ކުރިޔަށް ގެންދިޔަ މި ހިނގާލުމުގައި ދެ ހާހެއްހާ މީހުން ބައިވެރިވެފައިވާ އިރު، ބައެއް ހިސާބުތަކުގައި މަޑުކޮށް ޝުއޫރުފާޅުކުރުމުގެ އިތުރުން އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ވަނީ ވާހަކަދައްކަވާފައެވެ.

ރޭގެ ހިނގާލުމުގައި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާމަނިކާއި، އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރުޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު އާއި، އެ ގްރޫޕްގެ ބައެއް މެންބަރުންނާއި ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.