މަޖިލިސް ހުއްޓިފައިވަނީ މަޖިލީހުގައި ޑރ.ވަހީދު ތަމްސީލް ކުރާނޭ މެންބަރަކު ނެތުމުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވަނީ ބަޣާވާތުގެ ސަރުކާރުގެ ރައީސް ކަމާ ހަވާލުވެވަޑައިގެން ހުންނެވި މުޙަންމަދު ވަހީދު ހަސަން މަނިކު ތަމްސީލް ކުރައްވާނޭ މެންބަރަކު އެ މަޖިލީހުގައި ނެތުމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެ ޕާޓީގެ މައި އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ޞޯލިހް (އިބޫ) ވިދާޅުވީ އެންމެ ދުވަހަކަށް ވެސް އެންމެ ސިކުންތަކަށް ވެސް މަޖިލިސް ހުއްޓިފައި އޮތުމަކީ މުޅި ދައުލަތަށް ލިބޭ ގެއްލުމަކަށް ވާތީ ހިނދުކޮޅަކަށް ވެސް މަޖިލިސް ހުއްޓިފައި އޮތުމަކީ އެމްޑީޕީން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލިސް ކުރިޔަށް ނުދާ ސަބަބަކީ ޑރ.ވަހީދު ތަމްސީލް ކުރާނޭ މެންބަރަކު މަޖިލީހުގައި ނެތުމުން ކަމަށާއި، އެހެން ވުމުގެ ސަބަބުން މަޖިލީހުގެ އެކި ކަންތައް ނިންމަނީ އެކި ޕާޓީތަކުން ބޭނުންވާ ގޮތަށް ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ވެރިއަކަށް ހުންނަ ފަރާތުގެ ކޮންޓްރޯލް ނެތުމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑެތި މައްސަލަތައް ނިކުންނާނޭ ކަމަށް އިބޫ ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރެއް ކަމަށްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި، ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިއަދު މަޖިލިސް ނުބޭއްވި ނަމަ ގިނަ ގަވައިދުތަކެއްގެ ގާނޫނީ ބެލެނިވެރިކަން ނެތި ގައުމު ގާނޫނީ ހުސް ކަމަކަށް ވެއްޓި ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ބަޣާވާތަކުން ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ބުނަމުންދާ ކަމަށާއި، އެކަމުން ވެސް ދޭހަވަނީ މަޖިލީހުގައި އެ ފަރާތްތަކުގެ އަޤްލަބިއްޔަތު އޮވެ، އުފެއްދުންތެރި ގޮތެއްގައި މަޖިލިސް ކުރިޔަށް ނުގެންދާކަން ކަމުގައެވެ. އަދި މިފަދަ ކާރިސާއެއް ދިމާވާ ކޮންމެ ފަހަރަކު ވެސް އެމްޑީޕީން ގައުމީ މަސްލަހަތު އިސްކޮށް ގައުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް މިހާރު ނުބޭއްވިވަނީ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އަމާން މާޙައުލެއް ޤާއިމުވެފައި ނެތުމުން ކަމަށާއި، އެ ފަދަ މާޙައުލެއް ޤާއިމުކުރެވޭނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްގެންގޮސްގެން ކަމަށާއި، އިޚްލާސްތެރިކަމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް ދެއްވައި ވީ އެންމެ އަވަސް ފުރުސަތެއްގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރޭ ނެރުއްވި ބަޔާނަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މިއަދުގެ ނޫސް ކޮންފަރެންސްގައި މަރުހަބާ ދެންނެވިއެވެ.