ދާދި އަވަހަށް މިބާޣީން އަވަދިވެގެން ދާތަން ނިކަންހުރެ ދިވެހީން ދެކޭނެ

ފުނަމާ

ދިވެހި ތާރީޚު ކިޔައިފި މީހަކަށް ހާޖީ ހަސަން ރަސްގެފާނުން “ހަދި” ހަސަން ރަސްގެފާނަށް ބަދަލުވީ ކިހިނެއްކަން އެނގޭނެއެވެ. ދިވެހި ރަސްކަމުގެ ތަޚުތުގައި ބާރުވެރި ކަމާއި، ޢިއްޒަތާއެކު ރެނދަލި ކުރެއްވި ރަސްކަލަކު އަދި، ކައުބާއަށްގޮސް ޙައްޖުވެސް ވެގެން ހުއްޓައި އޭނާގެ ނަން ބަދަލުކޮށް ހަދި ހަސަން ރަސްގެފާނަކަށްވެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ ދޫތަކުން އެރަސްގެއަށް މިކިޔަނީ އެވަނަމުންނެވެ. މިއީ ތާރީޚީ ޙަގީގަތެކެވެ. އަނިޔާވެރިކަން ހައްދުފަހަނަ އަޅައި ދިއުމުން އެރަސްގެއަށް ދިވެހީން ދީފައިވާ އެންމެ ބޮޑު އަދަބުވެސް މެއެވެ.

މިއަދު މިރާއްޖޭގައި އޮންނާންޖެހޭ ގާނޫނީ ސަރުކާރު ބަދަލުކޮށްފައި މިވަނީ ބަޣާވާތަކުންކަމާ މެދަކު ޝައްކެއް ކުރާނެ ތަނެއް ނެތެވެ. ފެބުރުއަރީ މަހު ރާއްޖޭގެ ގާނޫނީ ސަރުކާރު ވަށްޓާލައި މިހާރު މިތިބަ މީހުން ވެރިކަމަށް އެރީ ގާނޫނީ ގޮތުންނޭ ނުވަތަ ބަޣާވާތަކުން ނޫނޭ ބުނުމަކީ ދުވާލު މެންދުރު ލޯމަތީގައި އަތްއަޅާފައި މިއީ ރޭގަނޑެކޭ ބުނުމާ އެއްފަދަ ކަމަކަށް ނުވާނެ އެއްގޮތެއްވެސް ހަމަ ނޯންނާނެއެވެ. މިއީ ބަޣާވާތެއް ކަމުގައި ކޮންމެ ބަޔަކު ބުނިކަމުގައި ވީނަމަވެސް އެކަން ގަބޫލެއް ނުކުރާނަމޭ އެބުނާ މީހުންނަކީ މިއަދު މިގައުމުގައިތިބި ޖާހިލު ތަނެއްދޮރެއް ނުދަންނަ އަދި އަމިއްލަ އެދުމުން ފުރިފައިވާ ބައެއްކަން މުޅިދުނިޔެވެސް ގަބޫލުކުރާނެއެވެ.

ބަވަނަ ވަމުންދާ މިދުނިޔޭގައި މިއަދު ޖެހޭނީ ދުނިޔޭގެ އަޣުލަބިއްޔަތަށް ތަބާވެގެން އުޅޭށެވެ. ތިމަންނާމެންނަކީ މާބާރުގަދަ ބައެއް ކަމުގައި ހީކޮށް ބޮޑުބަސް ބުނުމަކުން މިއަދަކު އަދި ފަރުޖެހޭކަށް ނޯންނާނެއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ތަކުންވެސް މިކަން ގަބޫލުކޮށް ބައިނަލް އަގުވާމީ ދުނިޔެއާއި ދެބަސްނުވެ ކުރިއަށް ދެވޭތޯ އެދަނީ ބަލަމުންނެވެ. އދ އަކީ ދުނިޔޭގެ ހަމަޖެހުމާއި ގައުމުތަކުގެ މަސްލަޙަތުތައް ހިމާޔަތް ކުރުމުގައި ދުނިޔޭގެ ގައުމުތަކުން އެއްބަސްވާ ވިލަރެސް ވެރިޔާ ކަމުގައި ވާއިރު އެޖަމިއްޔާއިން ދުނިޔޭގެ ގައުމުތައް ތަފާތުކުރުމަކާ ނުލައި ކޮންމެ ގައުމެއްގެ ކަންކަމުގައިވެސް އެދަނީ ބަސް ބުނަމުންނެވެ. ގައުމުތަކުން އެކަން ގަބޫލުކުރަނީ މިއަދުގެ ދުނިޔެ އެކަމަށް ބާރުއަޅާ އެންމެ އިންސާފުވެރި ގޮތަކީ އެއީ ކަމުގައި ވާތީއެވެ.

އެހެނެއް ކަމަކު މިއަދު މިރާއްޖޭގެ ވެރިކަމުގައި މިތިބަ މީހުން ދުނިޔޭގެ ބަހެއް ނާހައެވެ. ދުނިޔެ ގޮވާލާ ގޮވާލުންތަކަށް ދެނީ ބީރުކަންފަތެކެވެ. ތިމަންނާމެންނީ މާވަރުގަދަ ބައެއް ކަމުގައި ބުނެ މިގައުމުގެ ގާނޫނުއަސާސީ އަކީ އެންމެ ބާރުގަދަ އެތި ކަމުގައި ހަދައި ދުނިޔެއަށް ގޮންޖެހުމަކީ މިގަރުނުގައި ކީއްކުރަން، މި ސާސްކަފުގައިވެސް އެންމެ ބޮޑު ޖޯކުކަމުގައި ވެގެންދާނެ އެއްކަމެވެ. އަމިއްލަ ޙާލައިގެން ހިންދަމާލެވެން ނެތް ބަޔަކު ނެތްވަރުން ފޫގަޅައި ދަޅަދައްކާން އުޅުނެއްކަމަކު ދުނިޔެ ފަރިބަލާކަށް ނޯންނާނެކަން ބާޣީންގެ ސަރުކާރަށް އެނގެން ޖެހޭނެއެވެ. ކޮމަން ވެލްތާއި، އީޔޫ އަދި އދ އިން ބުނާ އެއްޗެއްގެ އިތުރުން އެހީދޭ ގައުމުތަކުން އެބުނާ އެއްޗެއްގެ އަޑުވެސް ދިވެހީން އަހާން މަޖުބޫރުވާނެއެވެ.

މިގައުމުގެ ދީނަކީ އިސްލާމް ދީނެވެ. ސައްތައިން ސައްތަ މުސްލިމު މަދު ގައުމެއް އޮތްއިރު ދިވެހިރާއްޖެއަކީ އޭގެ އެއްގައުމެވެ. މިކަމާ މެދަކު ދުނިޔެ އިދިކޮޅެއް ނަހަދައެވެ. ނޫންނަމަ މިއަދާ ހަމަޔަށްވެސް ދިވެހީންނަށް މިގޮތުގައި ނުތިބެވުނީހެވެ. އެކަމަކު ސިޔާސީގޮތުން ރައްޔިތުން ހައްލާން މިރާއްޖޭގެ ކޮންމެ އަނިޔާވެރި ސަރުކާރަކުންވެސް އެންމެބޮޑަށް މިމީހުންގެ އަނިޔާވެރިކަމާ އިދިކޮޅަށް ބައިނަލް އަގުވާމީ ދުނިޔެއިން ބަހެއް ބުނެލާއިރަށް މިތިބަ ގޮވަނީ އދ އާއި އެހެނިހެން ބާރުތަކުންވެސް އެއުޅެނީ ދިވެހީންގެ ދީނާއި ކުޅުމަށް ކަމުގައެވެ. މިވާހަކަތަކަކީ މިހާރަކުދެން އާވާހަކައަކަށް ނުވާނެއެވެ. އަޑުއަހާ އަހައި ބާވެއްޖެ ހާސާރުތަކެކެވެ. އެހެނީ މިގައުމު މިއަދާ ހަމަޔަށްވެސް ދެމިމިއޮތީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައެވެ. ބައިނަލް އަގުވާމީ ދުނިޔެއިން މިނޫން ގޮތަކަށް މިގައުމު އަނބުރާލަން ބޭނުންވިނަމަ މިގައުމަށް ލިބިފައިވާ މިރީތިނަން ނުގެއްލިއެއް ނޯތީހެވެ. ވީއިރު ރައްޔިތުން ވާވެއްދުމަށް ކަމުގައި ވީނަމަވެސް މިހިރަ މިހިރަ ވާހަކަ ތަކަކީ ދަށްކައިގެންވާނެ ވާހަކަ ތަކެއް ނޫނެވެ.

މިގައުމަށް ހުޅަނގުގައި ފިރިހެނުން ފަހަތުލައިގެން އިމާމުވެ ހުކުރުނަމާދު ކުރި އައިމިނާ ވަދޫދުފަދަ މީހުން ގެނެސް ރަސްމީ ޢިއްޒަތުގައި ފަތުވާދޭން ފުރުސަތުދިނީ މިގައުމުގައިއޮތް ކޮން ސަރުކާރަކުންކަން ދިވެހީންނަށް އެނގޭނެއެވެ. ގުރުއާނުގެ ތަރުޖަމާއަކީ ޙުއްޖަތެއް ނޫންކަމުގައި ބުނެ ފާޅުގައި އިސްލާމް ދީނުގެ ޙުކުމްތަކާއި ޚިލާފުވީ ކޮންބައެއްގެ ވެރިކަމުގައިކަން އެންމެންވެސް ދަނެއެވެ. މިރާއްޖޭގައި ފައްޅި އެޅުމަށް ބޭރުގެ ފަރާތްތަކަށް ފައިސާ ދީގެން ދިވެހީންގެ ހިތްތަކާއި ، ވިސްނުން އަނބުރާލަން މަސައްކަތް ކުރީ ކާކުކަންވެސް އަހަރެމެން ދެނަހުރީމެވެ.
ދެހާސް އަށެއްގައި އެންމެ ފުރަތަމަ ގިނަ ސިޔާސީ ޕާޓީތައް ވާދަކުރާ ގޮތަށް މިގައުމުގައި ބޭއްވި އިންތިޚާބުގައި މިދުނިޔެ ދުށް އެންމެ ހަރުކަށި ޑިކްޓޭޓަރުންގެ ލިސްޓުގައި ފަލައަކުރަކުން ލިޔެފައިވާ މީހާގެ ސަރުކާރު ރައްޔިތުން ގަބޫލުނުކުރި ހިސާބުން މިއަދު މިގައުމު ވެއްޓިފައިވާ ޙާލަތަށް ގެނައުމަށް އެއަނިޔާވެރި މީހާއާއި އޭނާގެ ބައިވެރީން އެވަނީ މަސައްކަތް ކޮށްފައެވެ. ގާނޫނީ ސަރުކާރު ހުއްޓުމަކަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރުމުންވެސް ކާމިޔާބު ނުވުމުން ޣައިރު ގާނޫނީ ގޮތުން ދިވެހީން ވެރިކަމާ މަތިކުޅަ މީހުން މިވަނީ ދުރަށްލައި އެކަހެރި ކޮށްފައެވެ. އަދި މީގެ އިތުރުން މިރާއްޖޭގެ މިދައުރުގެ ގާނޫނީ ރައީސުލް ޖުމްހޫރިއްޔާއާއި އެމަނިކުފާނުނަށް ތާއީދު ކުރާނަމަ ކުރާހާމީހަކު މަރައި ހުސްކުރުމަށް އެގެންދަނީ ރާވައި އަމަލު ކުރަމުންނެވެ.

އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރަމުން ގެންދިޔަ ހުރިހައި މަސައްކަތެއް ހުއްޓުވައި ރައްޔިތުންނަށް ދޭންފެށި ހުރިހައި ޚިދުމަތެއް މިއަދު މިވަނީ މަރުތަޅު އެޅިފައެވެ. ބާޣީ ސަރުކާރަކު އެއްވެސް މިސްރާބެއް ނެތެވެ. މިގައުމުގެ ރައްޔިތުން ހިލޭބޭސް ކުރާން އުފެއްދި އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމަށް މިއަދު މިބާޣީ ސަރުކާރުން އެގެންދަނީ ކުރެވެންއޮތް ކޮންމެ މަސައްކަތެއް ކުރަމުންނެވެ. ދައުލަތުގެ މުސާރަވެރީންނަށް ދޭންޖެހޭ ފައިސާއާއި ޚިދުމަތްތައް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި ފައިސާތައް ވީނުވީއެއް ނޭނގި އަރުއްވައި ގެންފިއެވެ. މިއަދަކު މުސާރަވެރީންނަކަށް ކަނޑައެޅިފައިވާ ދުވަހަކަށް މުސާރައެއް ނުދެވެއެވެ. އާސަންދަ މިވަނީ ނޭވާ ހޮޅިޔަށް އަޅުވާލާފައެވެ. ރައްޔިތުން އަނެއްކާވެސް ތިންއަހަރަށްފަހު ބޭސްސިޓީއަށް ސަލާންޖަހައި ބާޣީ ސަރުކާރު އެދޭހައި ގޮތަކަށް އާމީން ކިޔަކިޔައި ތިބޭން މިއަދު މިދަނީ ޖައްސަމުންނެވެ. އަނިޔާވެރި ފުލުހުންނާއި ސިފައިންނަށް އެގެންދަނީ މިފައިސާ ގަނޑު ދީހުސްކުރަމުންނެވެ. އާސަންދަ ނުލިބި ރައްޔިތުން އަނެއްފަހަރު ސަރުކާރުގެ ފައިތިލައިގައި ދޫޖައްސާން އެގެންދަނީ މަޖުބޫރު ކުރުވަމުންނެވެ.

ކޮންމެ މަޝްރޫޢެއް ނުހިންގުމުން މިސަރުކާރުގެ ވެރިމީހާ އެބުނަނީ ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި މިގައުމަށް ސަކޭގަ ނުވާ މިންވަރަށް ތަރައްގީ ގެނައުމުން މަޝްރޫޢުތައް ހުއްޓިފައިވާ ވާހަކައެވެ. ނަމަވެސް މިގައުމު މިފަދަ އަނދަވަޅަކަށް މިވަށްޓާލީ ކާކުކަމާ އެމްޑީފީގެ ސަރުކާރުގައި ކުރުމުއްދަތެއްގެ ތެރޭގައި މިގައުމަށް ގެނެސްދިން ތަރައްގީ މިއަދު ނުގެނެވެންވީ ގޮތަކީ ކޮބައިކަން ފިސާރި ރަނގަޅަށް މިވަނީ ދިވެހީންނަށް އެނގިފައެވެ. ދައުލަތުގެ ބަޖެޓުގައި އާސަންދަފަދަ ޚިދުމަތްތައް ދިވެހި އެންމެހައި ރައްޔިތުންނަށް ދިނުމަށް ކަނޑައެޅި ފައިސާ ހުދުކާފޫރަކަށް ގައިމުވެސް ނުވާނެތާއެވެ. ވަދެހުސްވީ ކޮންބައެއްގެ ޖީބަށްކަމާމެދު ޝައްކުކުރާކަށް ނުޖެހެއެވެ. އެމަންޒަރު ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ.

ފުލުހުންނާއި ސިފައިން ނެރެގެން ރައްޔިތުންނަށް ނުހަނު ބޮޑެތި އަނިޔާތައް ދީގެން ވެރިކަން ލޫޓުވާލައިގެން ހުންނައިރު މުޅިދުނިޔެއާއި ރާއްޖެއިން މިއަންނަ ޕުރެޝަރުތަކުން މިންޖުވެވޭނެ އެއްވެސްގޮތެއް ނުފެނުމާއި މިއަދުދެން ދައުލަތުގެ ޚަރަދުތައްވެސް ނުހިންގޭ ހިސާބަށް ދިއުމުން ތިމަންނާ ޢައިރު ގާނޫނީ ގޮތުން ދަމައިގަތް ވެރިކަމުގައި ހުރުމަށް ރައްޔިތުންގެ ތާއީދު ލިބިދާނެ ކަމުގައި ހީކޮށްގެން މިކުޅޭ ޑުރާމާ ތަށް ނިކަން ދެކިބަލާށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުންގެ ސަޕޯޓަރުން ހައްޔަރުކޮށް ކޮންމެވެސް ގޮތަކުން މަޅިއެއް އެރުވޭތޯ ބާޣީ ސަރުކާރުން އެގެންދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ރައީސް ނަޝީދުގެ ހެދުންކޮޅު އިރައިގެން ބާޣީ ސަރުކާރުގެ ވެރިއަކަށް އެހެރަ ކާޅުގެ އޮރިޔާން ނިވާކުރާން އުޅުނަކަސް އެކަންކުރާކަށް ރައްޔިތުން ފުރުސަތެއް ނުދޭނެކަން މިހާރުދެން ބާޣީ ވަހީދަށް އެނގޭނެއެވެ. ރަމަޟާން މަހުގެ ދުވާލުގަޑީގައި ރައީސް ނަޝީދު ފުލުހުންގެ އިދާރާއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ނުކުތް ދިވެހި ރައްޔިތުންގެ އަދަދު ފެނިގެން ރޯދައަށްތިބި މުސްލިމު ދިވެހި ރައްޔިތުންނަށް ކިތަންމެ ހަރުކަށި އަނިޔާތައް ފުލުހުން ލައްވައި ކުރުވި ނަމަވެސް ރައީސް ނަޝީދު ދޫކޮށްލާފައި ދިވެހީން ފަހަތަށް ނުޖެހުނުކަން ބާޣީ އަށް މިހާރު އެނގޭނެއެވެ.

ދިވެހި ތާރީޚު ކިޔާމީހުން އަންނާން އޮތް ތަނުގައި ބާޣީގެ ނަން ވެސް ހަނދާން ނައްތައެއް ނުލާނެއެވެ. ހަދި ހަސަން ރަސްގެ އެކޭ އެއްގޮތަށް މިއަނިޔާވެރި ކަލޭގެ ވާހަކަވެސް މާދަމާގެ ސްކޫލުކުދީންވެސް ދައްކާނެކަން ގައިމެވެ. ދާދި އަވަހަށް މިބާޣީންގެ ސޯޓުބޭލި އަވަދިވެގެން ދާތަން ނިކަންހުރެ ދިވެހީން ދެކޭނެއެވެ. އެކަމަކަށް ޝައްކުލާ ރައްދެއްވެސް ނެތެވެ.