ވަގުތުން ނެރުމަށް
ތާރީޚް: 5 އޮގަސްޓް 2012 (އާދީއްތަ)
އާސަންދައިގެ ހިދުމަތަށް ރައްޔިތުންގެ އަތުން ފައިސާ ނެގުން ކުށްވެރިކޮށް އެމްޑީޕީގެ ސިއްހަތާއި ވެލްފެއަރ އާއި ބެހޭ ކޮމިޓީން ނެރޭ ބަޔާން
އާސަންދަ ކުންފުނިން ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުމުގައި، ރައްޔިތުންގެ އަތުން އާސަންދައިގެ ޚިދުމަތަށް އެއްވެސް ފައިސާއެއް ނުނަގާ ގޮތަށް އެއްބަސްވެފައިވީ ނަމަވެސް، އެ ޚިދުމަތަށް ފީއެއް ނެގުމަށް ބަޣާވާތުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ތިރީގައި މިވަނީ އާސަންދަ ޚިދުމަތަށް ބަދަލުގެނެސް ސިއްޙީ ޚިދުމަތްދޭ ސަރުކާރުގެ މަރުކަޒުތައް ފިޔަވައި އެހެން ތަންތަނުން ރައްޔިތުންގެ އަތުން އެ ޚިދުމަތަށް އަގު ނަގަން ފަށައިފިނަމަ ދިމާވެދާނޭ ކަމަށް މި ކޮމިޓީއަށް ފާހަގަކުރެވޭ ކަންތައްތަކެވެ.
• އާސަންދައިގެ ޚިދުމަތުގެ އަގުން ސަރުކާރުގެ ސިއްހީ ހިދުމަތްތައްދޭ މަރުކަޒްތައް ފިޔަވާ އަމިއްލަ ސިއްޙީ ހިދުމަތްދޭ ތަންތަނުން ޚިދުމަތުގެ ތިންބައިކުޅައެއްބައި ދައްކަންޖެހުމުން ކޮންމެ ގޭބިސީއަކުން 5000 ރުފިޔާ އާއި 10000 ރުފިޔާއާ ދެމެދުގެ އަދަދެއް ރައްޔިތުންގެ ޖީބުން ޙަރަދުކުރަންޖެހުން.
• މާލޭގައި ދިރިއުޅޭ މީހުންނަށް އާސަންދައަށް ގެންނަ ބަދަލުގެ ސަބަބުން ވަރަށް ގިނަ ތަކްލީފްތަކެއް އުފުއްލަންޖެހުން، އިޖްތިމާޢީ ރައްކާތެރިކަން ގެއްލިގެން ދިއުން އަދި ދިރިއުޅުމުގެ ފެންވަރު ދަށަށް ދިއުން.
• އާސަންދައިން މުޅިން ހިލޭ ބޭސްކުރެވެނީ ހަމައެކަނި ސަރުކާރުގެ ސިއްހީ ހިދުމަތްތައްދޭ މަރުކަޒްތަކުން، މާލޭގައި ނަމަ ހަމައަކަނި އައި.ޖީ.އެމް.އެޗް އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ވިލިގިލި ހެލްތް ސެންޓަރުންކަމަށްވުމާއެކު، މިތަންތަނަށް ބާރުބޮޑުވެ ތޮއްޖެހި، އެތަންތަނުން ޚިދުމަތް ނުލިބިގެން އަމިއްލަ ޚިދުމަތްދޭ ތަންތަނަށް ދިއުމުން ޖީބުން ތިންބައިކުޅައެއްބައި ހަރަދުވެ އަނެއްކާވެސް ރައްޔިތުންގެ ގިނަ ބަޔަކު ބޭސްފަރުވާއަށް ސަލާންޖަހަން ޖެހުން.
• އާސަންދަ ތަޢާރަފްކުރުމުގެ ސަބަބުން އިޖްތިމާޢީ ރައްކާތެރިކަން ލިބި، މަސްވެރިއަކަށްވިޔަސް ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމުގައިވިޔަސް އެއްވެސް ހާސްކަމެއްނެތި އަނބިދަރިންނަށް ބޭސްކޮށް ލިބޭ ކުޑަ އާމްދަނީން ދިރިއުޅުމުގެ އެހެނިހެން ކަންކަން ކުރުމަށް ލިބިފައި އޮތް ފުރުސަތު ގެއްލިގެންގޮސް ސަލާންޖެހުމުގެ ސަގާފަތަށް ރުޖޫއަވާން މަޖްބޫރުވުން.
• އާސަންދަ ތަޢާރަފް ކުރުމުގެ މައިގަނޑު ބޭނުމަކީ ބޭސްސިޓީ އަށް ސަލާންޖެހުން ނައްތާލުން، ނަމަވެސް އާސަންދައަށް ގެންނަ ބަދަލުގެ ސަބަބުން އާސަންދައިން ހިލޭ ބޭސްލިބޭ ތަންތަންތަނުން ބޭސްނުލިބުމުގެ ސަބަބުން ޖީބުން ހަރަދުނުކުރެވޭ ރައްޔިތުމީހުން ސަލާންޖަހަންޖެހުން.
• އާސަންދަ ތަޢާރަފްކުރުމުން ބޭސްފަރުވާ ނުކުރެވިފައިތިބި ރައްޔިތުންގެ އެތައްބަޔަކު ބޭސްފަރުވާ ލިބެންފެށި، އަނެއްކާވެސް އެމީހުން މިހާރު މިވަނީ އެކަމުން މަހުރޫމުވެ ސަލާންޖަހަންޖެހުމާއި ބޭސްފަރުވާ ބޭނުންވިނަމަވެސް އެކަން ކުރުމުން މަހުރޫމުވާންޖެހިފައި.
• އާސަންދަ އަށް ގެންނަ ބަދަލުގެ ސަބަބުން އަމިއްލަ ތަންތަނުންދޭ ޚިދުމަތްތަކުގެ އަގު ކޮންޓްރޯލްނުކުރެވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބުން ކުރާ ޚަރަދު، ހާއްސަކޮށް މާލޭގެ ރައްޔިތުންގެ ޖީބުން ކުރަންޖެހޭ ޚަރަދު ބޮޑުވުން.
• އާސަންދައަށް މިބަދަލު ގެނައުމުގެ ސަބަބުން އިޖްތިމާޢީ ރައްކާތެރިކަމަށް ލިބިފައިވާ ހަމަހަމަކަން ގެއްލިގެންދާނެއެވެ.
• އަހަރެއްގެ މައްޗަށް 160,000،000 މިލިޔަން ރުފިޔާ ރައްޔިތުންގެ ޖީބުން އަމިއްލަ ޚިދުމަތްދޭ ތަންތަނުން ނެގިގެންދާނެ، މިފައިސާ އަކީ އާސަންދައިގައި ބަޖެޓްކުރެވިފައިވާ ފައިސާއެވެ. ހަމައެކަނި ސިގިރޭޓްގެ ޑިއުޓީންވެސް 360,000،000 މިލިޔަން ރުފިޔާ ދައުލަތަށް ލިބެމުންދެއެވެ.
އެހެން ކަމުން، ދިގު 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގައި ސަގާފަތެއްގެ ގޮތުގައި ހިނގަމުން ދިޔަ ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ޖެނުއަރީ 2012 އިން ފެށިގެން ދިވެހިރައްޔިތުންގެ އަތުން އެއްވެސް އަގެއް ނެގުމެއްނެތި، އެމްޑީޕީ ސަރުކާރުން ތައާރަފްކޮށްފައިވާ ހިލޭ ބޭސްފަރުވާކުރުމުގެ ނިޒާމް ކަމަށްވާ އާސަންދަ އަކީ އެމްޑީޕީގެ ސަރުކާރަކުން ފަށާފައިވާ ނިޒާމަކަށް ވާތީ ބަޣާވާތުގެ ސަރުކާރުން މި ނިޒާމް ފެއިލްކޮށްލުމަށް ހީލަތްތެރި ރޭވުމެއްގެ ދަށުން ފަށާފައިވާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީގެ ސިއްހަތާއި ވެލްފެއަރ އާއި ބެހޭ ކޮމިޓީ