މާހިރުބެ 10 ދުވަހަށް ދޫނިދޫއަށް ފޮނުވައި ބޮންޑޭ 5 ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ މެންބަރު އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ޑެޕިއުޓީ ހޯމް މިނިސްޓަރ މުޙައްމަދު މާހިރު އީސާ އިތުރު 10 ދުވަހަށް ޖަލުގައި ބެހެއްޓުމަށާއި، ރޭ ކެފޭއެއްގައި އިންނަވަނިކޮށް ހައްޔަރުކުރި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު 5 ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށް މިއަދު 2 ޖެހި އިރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މުޙައްމަދު މާހިރު ޢީސާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ އޭނާ މިހާރު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ އެބޭފުޅާ މިނިވަންކުރުމަށް އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުންނާއި އެމްޑީޕީން ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާފައި ވަނިކޮށެވެ.

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ޖުލައި 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން ފުލުހުންގެ މަޤުޞަދަކަށް ވާންޖެހޭނީ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުން ކަމުގައިވާއިރު މިމައްސަލަ އާއި ގުޅިގެން މުޙައްމަދު މާހިރު ޢީސާގެ ބަޔާން މިހާރު ނަގާ ނިމިފައިވުމާއި އުސްފަސްގަނޑުގައި ދެއްކި ވާހަކައިގެ ރެކޯޑިންގ ފުލުހުންކޯޓަށް ހުށަހަޅާފައިވުމުން އެރެކޯޑިން ފުލުހުންނަށް ލިބިފައިވާކަން އެނގެއެވެ. ވީމާ، އިތުރަށް މުޙައްމަދު މާހިރު ޢީސާ ބަންދުގައި ބަހައްޓައިގެން ފުލުހުން ކުރަންޖެހޭ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން ބޮންޑެ ވަގުތުން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ރޭ ދަންވަރު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސް ބަޔާނުގައިވާ ގޮތުން އިބްރާހީމް ރަޝީދު (ބޮންޑެ) ހައްޔަރުކޮށްފައިވަނީ 30 ޖުލައި 2012 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ސައިކަލް ބުރުގައި ފުލުހަކަށް ގެއްލުންދިން ކަމަށް ބުނެ، ފުލުހުން ކޯޓުން ހޯދާފައިވާ އަމުރެއްގެ މައްޗަށް ކަމަށާއި، މި ގޮތަށް އޭނާ ހައްޔަރުކުރި އިރު، އޭނާގެ މައްޗަށް ހަމަ އެ ދުވަހުވެސް އަނިޔާވެރިވެ، މިނިކާ ބައެއް ފަދައިން ފުލުހުން ދަތްއަޅައި، އަދި އެކަން ސާބިތުވާނޭ ފޮޓޯ އާއި ހެކި ހުރިއިރު، އަދި އެ ދުވަހު ބޮންޑެ ހައްޔަރުވެސް ކޮށްފައިވުމުގެ އިތުރުން 8 ފެބްރުއަރީ 2012 ވަނަ ދުވަހު އޭނާގެ ގައިގައި، ފުރާނަ ގެއްލޭ މިންވަރަށް ފުލުހުންގެ އެތައް ބަޔަކު ތަޅައި އަނިޔާކޮށް، ހަދާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެހާ ފާޅުކަން ބޮޑު ގޮތެއްގައި ފުލުހުން ބޮންޑެގެ މައްޗަށް އަނިޔާވެރިވެފައިވާ އިރު، މި އަނިޔާތައް ކުރި އެއް ވެސް ފުލުހެއްގެ މައްސަލަ މިއަދާ ހަމައަށް ވެސް ބެލުމެއް ނެތި، އެއަނިޔާތަކަށް ފަހު އޭނާ އަދިވެސް މާތްﷲގެ ރަހުމަތް ފުޅުން ދިރިދުނިޔޭގައި ހުންނެވީތީވެ، އޭނާގެ މައްޗަށް އިތުރަށް އަނިޔާވެރި ވުމުގެ ގޮތުން ހަމަ އެއަނިޔާކުރި ފުލުހުންނާއި ކޯޓުތައް ގުޅިގެން ހިންގާފައި އެވަނީ “ޖަންގަލީގެ އިންސާފު” ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.