އެމްޑީޕީ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ އަނގައަށް ފުލުހުން ޕެޕަރސްޕްރޭ ޖަހައިފިއެވެ.
ސަރަނގު އާދަމް މަނިކުގެ އަނގަޔަށް އަމާޒުކޮށް ފުލުހުން ޕެޕަރސްރޭ ޖަހާފައި މިވަނީ އިއްޔެ ރައީސް ނަޝީދު ފުލުހަށް ހާޒިރުކުރި ވަގުތު ފުލުހުންނާއި ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި ދެމެދު ހިނގި ކުރިމަތިލުމުގައެވެ.
އެމްޑީޕީއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އަދި އެމްޑީޕީގެ ސަރުކާރުގައި ވެށިފަހި މާލެ ޕްރޮގްރާމް ވެސް އިސްކޮށް ހިންގަވަމުން ގެންދެވި ސަރަނގު އާދަމް މަނިކުގެ ސީދާ އަނގައަށް އަމާޒުކޮށް، ފުލުހުން ޕެޕަރސްޕްރޭ ޖަހާފައި މިވަނީ އެމްޑީޕީގެ އިސްސަފުގައި ގުނާލެވޭ ފަރާތްތަކަށް އަމާޒުކޮށް އަނިޔާވެރި އަމަލު ހިންގައި އެފަރާތްތައް ހައްޔަރުކުރަމުން ގެންދާތީ އެކަން ތަކުރާރުކޮށް ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވައިދުތަކުގެ ތަރަހައިގެ ބޭރުން ފުލުހުން އެމްޑީޕީގެ އިސްސަފުގައި ގުނާލެވޭ ފަރާތްތައް ހައްޔަރުކުރަމުންދަނީ، ޑިމޮކްރަސީ އާއި ދުޝްމަނު، ބަޣާވާތުގެ ސަރުކާރަކުން ފުލުހުން ނާޖާއިޒް ގޮތުގައި ބޭނުންކޮށްގެން، އެމްޑީޕީން ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރަމުންގެންދާ މަސައްކަތަށް ވާގިވެރިވާ ފަރާތްތައް ހުއްޓުވުމަށް ކަމަށް ދެކޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.