މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހައްޔަރުކުރުން ކުށްވެރިކޮށް އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވާލަން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 90
ތާރީޚް: 3 އޮގަސްޓް 2012 (ހުކުރު)

މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހައްޔަރުކުރުން ކުށްވެރިކޮށް އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވާލަން

މިރޭ 12.30 އެހާކަން ހާއިރު މޮންސޫން ކެފޭ ގައި އިންނަވަނިކޮށް، ފުލުހުންގެ 20 ވަރަކަށް މީހުން ކޯޓުއަމުރަކާ އެކު ގޮސް ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފައިވާ މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހައްޔަރުކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

އިބްރާހީމް ރަޝީދު (ބޮންޑެ) ހައްޔަރުކޮށްފައިވަނީ 30 ޖުލައި 2012 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ސައިކަލް ބުރުގައި ފުލުހަކަށް ގެއްލުންދިން ކަމަށް ބުނެ، ފުލުހުން ކޯޓުން ހޯދާފައިވާ އަމުރެއްގެ މައްޗަށެވެ. މި ގޮތަށް އެމަނިކުފާނު ހައްޔަރުކުރި އިރު، އެމަނިކުފާނުގެ މައްޗަށް ހަމަ އެ ދުވަހުވެސް އަނިޔާވެރިވެ، މިނިކާ ބައެއް ފަދައިން އެމަނިކުފާނުގެ ހަށިކޮޅުގައި ފުލުހުން ދަތްއަޅައި، އަދި އެކަން ސާބިތުވާނޭ ފޮޓޯ އާއި ހެކި ހުރިއިރު، އަދި އެ ދުވަހު އެމަނިކުފާނު ހައްޔަރުވެސް ކޮށްފައިވުމުގެ އިތުރުން 8 ފެބްރުއަރީ 2012 ވަނަ ދުވަހު އެމަނިކުފާނުގެ ހަށިކޮޅުގައި، އެމަނިކުފާނުގެ ފުރާނަ ގެއްލޭ މިންވަރަށް ފުލުހުންގެ އެތައް ބަޔަކު ތަޅައި އަނިޔާކޮށް، ހަދާފައިވެއެވެ. މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފުލުހުން އެމަނިކުފާނުގެ މައްޗަށް އަނިޔާވެރިވެފައިވާ އިރު، މި އަނިޔާތައް ކުރި އެއް ވެސް ފުލުހެއްގެ މައްސަލަ މިއަދާ ހަމައަށް ވެސް ބެލުމެއް ނެތި، އެއަނިޔާތަކަށް ފަހު އެމަނިކުފާނު އަދިވެސް މާތްﷲގެ ރަހުމަތް ފުޅުން ދިރިދުނިޔޭގައި ހުންނެވީތީވެ، އެމަނިކުފާނުގެ މައްޗަށް އިތުރަށް އަނިޔާވެރި ވުމުގެ ގޮތުން ހަމަ އެއަނިޔާކުރި ފުލުހުންނާއި ކޯޓުތައް ގުޅިގެން ހިންގާފައިމިވަނީ “ޖަންގަލީގެ އިންސާފު” ކަމަށް ދެކެމެވެ.

އެހެން ކަމުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން އެއްވެސް އިންސާފެއް ނެތް ގޮތެއްގައި ފުލުހުން ހައްޔަރުކުރާ ކުރުމާއި، އަނިޔާކުރުން ހުއްޓާލައި، އިބްރާހީމް ރަޝީދު (ބޮންޑެ) ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ހިއުމަންރައިޓްސް ކޮމިޝަނުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ފުލުހުންގެ މިފަދަ ޖަރީމާތައް ރަގަޅަށް ބައްލަވައި، ފިޔަވަޅު އެޅުމަށް ވެސް އެފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން
7777852